އެންމެހާ މެމްބަރުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް ”އިންވައިޓު“ ކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމާއި އެކު ރައީސް ސާލިހުވަނީ ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ދަނިޑކޮށި ޖަގަހަށް ވަޑައިގަންނަވާ އެމަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ. ދަނޑިކޮށި ޖަގަހައިގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކުރިމަގުގައިވެސް އެ ޕާޓީގެ މެމްބަރުން މަސައްކަތްކުރައްވާނީ ގުޅިގެންކަމަށެވެ. އަދި އެންމެހާ މެމްބަރުންނަށްވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް ދައުވަތު އަރުވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވާއިރު، މި ޕްރައިމަރީއަށް ވުރެ ފަސޭހަ ކާމިޔާބީއެއް ރިޔާސީ އިންތިހާބުގައި ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
އެކުގައި މަސައްކަތްކުރެއްވުމަށް ރައީސް ސާލިހު އެންމެހާ މެމްބަރުންނަށް ދައުވަތު އަރުއްވާފައިވާއިރު، ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވެފައިވާގޮތުން، އެމަނިކުފާނު ހުންނެވީ ރައީސް ސާލިހާއި އެކު މަސައްކަތް ނުކުރައްވާނެއެވެ. އަދި ގޭގައި ހުންނަން ޖެހުނު ނަމަވެސް އެކަން ކުރެއްވުމަށް ނެތްކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުންވަނީ ރައީސް ސާލިހުގެ ކާމިޔާބީ ގަބޫލު ނުކުރައްވާކަމުގެ އިޝާރާތްތަކެއްކޮށްފައެވެ. އެގޮތުން އިންތިހާބު ނިމިގެންދިއުމާއި ގުޅިގެން ބަޔާނެއް ނެރި ފިކުރެއްގެ ދިރުން ކެމްޕެއިން ޓީމުންވަނީ ވޯޓުގެ ނަތީޖާ ޝީޓުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމުމަކަށް އައިސްފައިވާއިރު، ވޯޓު ލުމުގެ ތެރެއިން ގިނަ މައްސަލަތަކެއް ފެންމަތިވެގެންދިޔައެވެ. އެގޮތުން ވޯޓު ލާ ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގައި މާރާމާރީ ފަދަ އަމަލުތައް ހިންގާފައިވާއިރު، ވޯޓު ފޮށިތަކަށް ގެއްލުން ދިން މައްސަލައިގައި ބައެއް ފަރާތްތައްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

