ކަރަނޓުގެ ހިދުމަތްތައް ލިބިގެންދާކަން ކަށަވަރު ކުރުމުގެ ގޮތުން ޓްރާންސްފޯރމަރުތައް ބޮޑު ކުރުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުލިބޭކަމަށް އެ ކުންފުނީގެ މެނޭޖިނގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގެއި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލާއި ސްޓެލްކޯ އާއި ދެމެދު އުފެދިފައިވާ މައްސަލައަކީ ދެ ވިސްނުމެއް ގެންގުޅުއްވާ ދެ ބޭފުޅުންގެ ދެމެދު އޮތް ހިޔާލު ތަފާތުވުމެއް ނޫންކަމަށެވެ. އަދި ސްޓެލްކޯ އާއި ސިޓީ ކައުންސިލަކީވެސް ދައުލަތުގެ މުއައްސަސާތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އެމްޑީ ވިދާޅުވީ، ސިޓީ ކައުންސިލަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގެ މަގުސަދުގައި އެކުލަވާލެވިފައިވާ މުއައްސަސާއެއްކަމަށާއި ސްޓެލްކޯއަކީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ މައިގަނޑު ކުންފުނިކަމަށް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، ސްޓްލްކޯއަށް ދަތިތަކެއް ކުރިމަތި ކުރުމަކީ ކުންފުނިން ހިދުމަތްތައް ލިބިގަންނަމުންދާ ރައްޔިތުންނަށްވެސް ދަތިތަކެއް ކުރިމަތިކުރުންކަމަށެވެ. ސްޓެލްކޯއިން ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބެއް ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރިކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ރާވާފައިވަނީ ”ކުއިކް ފިކްސް“ އުސޫލެއްގެ މަތިން ނޫންކަމަށެވެ. އަދި އެތައް ދުވަހެއް ކުރިން ކަންކަން އިންތިޒާމު ކުރުމަށް މަސައްކަތްތައް ކުރާކަމަށާއި އެގޮތުގެ މަތިން ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާނެ ކަރަންޓުގެ ހިދުމަތްތައް ފޯރުކޮށްދެވޭނެކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ރާވާފައިވާކަމަށް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، ރާވާފައިވާ ކަންކަން ތަންފީޒު ކުރުމުގެ ގޮތުން އެ ކުންފުނިންވަނީ އެތައް ފަހަރެއްގެ މަތިން ސިޓީ ކައުންސިލާއި މުއާމަލާތްކުރުމަށް މަސައްކަތްކޮށްފައިކަމަށެވެ. އެމްޑީ ވިދާޅުވީ، ޓްރާންސްފޯމަރަކާއި ގުޅޭގޮތުން އެ ކުންފުނިންވަނީ ސިޓީ ކައުންސިލަށް 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައިކަމަށެވެ. އެހެންނަމަވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާކަމަށާއި އެ އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހު ގާކޮށި ސަހަރައްދުގައި ޓްރާންސްފޯމަރެއް ބެހެއްޓުމަށްވެސް ސިޓީއެއް ފޮނުވާފައިވާނަމަވެސް އެ ކަމަށްވެސް ޖާވާބެއް ލިބިފައިނުވާކަމަށް ފާހަގަކުރައްވިއެވެ.
ޝަރީފް ވިދާޅުވީ، އެ ސަހަރައްދުގައި ޓްރާންސްޕޯމަރު ބޮޑު ނުކުރެވިއްޖެ ނަމަ އެ ތަކުލީފު އުފުލަންޖެހޭނީ ރައްޔިތުންކަމަށެވެ. އަދި ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އެ ސަރަހައްދުން ކަރަންޓު ކަނޑައިގެންދާނެކަމަށް ވިދާޅުވިއެވެ. އެމްޑީ ވިދާޅުވީ، އެ ސަރަހައްދުގެ ޓްރާންސްފޯމަރު މިހާރު ހުރީ ފުލްވެފައިކަމަށެވެ. އަދި އިތުރު ކެޕޭސިޓީއެއްވެސް ނެތްކަމަށާއި އެ ޓްރާންސްފޯމަރު ބޮޑު ކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް ސްޓެލްކޯއިން ހޯދާފައިވާކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އާލާތްތައް ހޯދާފައިވާނަމަވެސް ސިޓީ ކައުންސިލުގެ ”ގޮތް ދޫ“ ނުކުރުމުގެ ސަބަބުން އެ މަސައްކަތްތަކަށް ހުރަސް އެޅިފައިވާކަމަށް ވިދާޅުވިއެވެ. އެމްޑީ ވިދާޅުވީ ސިޓީ ކައުންސިލު ބޭނުން ކުރަމުންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައިކަން ގަބޫލު ކުރައްވާކަމަށެވެ. އަދި އެ ހަތިޔާރުގެ ބޭނުމަކީ ރައްޔިތުންގެ ތެރޭގައި ސަރުކާރާއިމެދު ރުޅިވެރިކަން އުފެއްދުންކަމަށް ފާހަަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، އެތަން ސްޓެލްކޯއަށް ދީގެން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ހޯދައިދިނުމުން ސިޓީ ކައުންސިލަށް އުނިވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ. އެހެންކަމުން މި ފަދަ އަމަލުތައް ބަލައިނުގަނެވޭކަމަށާއި މިހާރު މި ވާހަކަތައް ފެންމަތިކޮށްފައިވަނީ ސިޓީ ކައުންސިލުގެ އަސްލު ސިފަ ރައްޔިތުންނަށް ހާމަކޮށްދިނުމުގެ މަގުސަދުގައިކަމަށް ވިދާޅުވިއެވެ.

