މާލެ ސިޓީ ކައުންސިލުން ސިޓީތަކަށް ޖަވާބު ދިނުމުގައި ފަސްޖެހޭކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑަބްލިއުއެސީ، އުރީދޫ، މީޑިއާނެޓް އަދި އާރޯއެލް އާއި ސްޓެލްކޯ އިން ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއިއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މި ބައްދަލުވުން ބޭއްވި ސަބަބެއްކަމަށް ޝަރީފް ފާހަަކުރެއްވީ މަގު ކޮނުމުގައި އާއި މަގު ކޮނެގެން ކުރާ މަސައްކަތްތަކުގައި ހިދުމަތް ދިނުމުގައި އަމަލުކުރާނެ އުސޫލު މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާތީ، އެކަމުގެ ސަބަބުން ދޭ ހިދުމަތްތަކުގެ އަގު ބޮޑުވެފައިވާތީއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގެ މަގްސަދަކީ އެލްޖީއޭ އާއި މަޝްވަރާ ކޮށްގެން މި މައްސަލައަށް ހައްލެއް ހޯދުމެވެ.
ސިޓީ ކައުންސިލް އާއި އަޅުގަނޑުމެންނާއި އުފެދިފައި މިއޮތް ހިތް ނުތަނަވަސްކަމަށް ކޮންމެސް ވަރެއްގެ ހައްލެއް އަންނާނެކަމަށް އުއްމީދުކުރަން
އެމްޑަބްލިއުއެސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ މިހާރު ކަނޑައެޅިފައިމިވާ އަގުތަކަކީ އެކުންފުޏަށްވެސް ބޮޑު އަގެއްކަމަށެވެ. އަދި ހަމަ ކަންބޮޑުވުންތައްވެސް އެބަހުރިކަމަށް ފާހަގަކުރެއްވިއެވެ. އަދި އުރީދޫއިންވެސް ފާހަގަކުރީ އަގުތައް މަތިވުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައިވާކަމަށެވެ. ބައްދަލުވުމުގައި ބައިވެރިވީ އެހެން ކުންފުނިތަކުންވެސް ފާހަގަކުރީ މިއީ ހައްލު ބޭނުންވާ މައްސަލައެއްގެ ގޮތުގައެވެ.
ޝަރީފް ވިދާޅުވީ އާންމުން އެކަމަކަށް އަމަލުކުރުން ލާޒިމްކުރާ އުސޫލެއް ސިޓީ ކައުންސިލު އަދި އެހެން ކައުންސިލަކަށްވެސް ހެދޭނީ އެލްޖީއޭގެ މަޝްވަރާއާއިއެކުކަމަށެވެ. މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާޏޫޏުގެ 152 ވަނަ މާއްދާއަށް ރިޔާއަތްކޮށް ގެނެސްފައިވާ އުސޫލެއްކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި މި ގާނޫނުގެ ދަށުން އަންނަ މާއްދާތަކުން އެއްވެސް ކަހަލަ އުސޫލެއް ހަދަނީނަމަ އެލްޖީއޭ އާއި މަޝްވަރާކުރުމަށް އޮންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް އެލްޖީއޭއިން ބުނި ގޮތުގައި އެ އޮތޯރިޓީއާއި އެއްވެސް މަޝްވަރާއެއްކޮށްފައިނުވާކަން ހާމަވިކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
މި މައްސަލައާއި ގުޅިގެން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވީ އެ އޮތޯރިޓީގެ އެންމެ މުހިންމު މަސައްކަތަކީ ކައުންސިލްތަކުގެ މަސައްކަތްތަކަކަކީ ގާނޫނާއި އެއްގޮތަށް ކުރެވޭ ކަންތައްތަކެއްތޯ ބެލުންކަމަށެވެ.
ކައުންސިލްތަކުން އުސޫލު ހެއްދެވުމަށްފަހު އެލްޖީއޭއަށް ފޮނުވުމުން ކަމާއި ގުޅޭ އެކި ބޭފުޅުންގެ ލަފާ ހޯދަންކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި މި ޕްރޮސެސް ފޮލޯކުރުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ ސިޓި ކައުންސިލާއިއެކު މިކަމާއި ގުޅޭ މަޝްވަރާތައް ކުރާނެކަމަށެވެ. އަދި ސިޓީ ކައުންސިލާޢިއެކު މި މަސައްކަތްކުރާނެ ގޮތުގެ ޓައިމްލައިނެއް އެކުލަވާލާނަންކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އަފްޝަން ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްދޭ ތަންތަނަށް ދަތިތަކާއި ކުރިމަތިވުމުން އެކަން ހައްލުކުރުމަށް ވަރަށް ބޮޑު އިސްކަމެއް އެލްޖީއޭގެ ފަރާތުން ދޭނެކަމަށެވެ.
އަފްޝަންގެ ވާހަކައަށްފަހު ޝަރީފް ފާހަގަކުރެއްވީ ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރުމަށް، ކައުންސިލަށް ސިޓީ ފޮނުވިކަމަށެވެ. ނަމަވެސް އެ ސިޓީއަށް ޖަވާބު ލިބިފައިނުވާކަމަށް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ސިޓީ ކައުންސިލުން ސިޓީތަކަށް ޖަވާބު ދިނުމުގައި ފަސްޖެހޭކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވިއިރު، މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތުމާއެކު، ޓްރާންސްފޯމަރު ބަހައްޓަން ބޭނުންވާ ބިން ދޫކުރުމަށް އެދި ސިޓީ ކައުންސިލަށް ސްޓެލްކޯއިން ފޮނުވި ސިޓީއަށްވެސް ޖަވާބުދީފައެއްނުވެއެވެ.

