ސަރުކާރުން މިއަދު ރައްޔިތުންނަށް ދޭން އޮތް އެންމެ ބޮޑު އުފާވެރި ހަބަރަކީ، ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ އަދަދު އިތުރު ކުރުމަށް ނިންމާފައިވާ ނިންމުންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި، ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ހުޅުމާލެއިން 1،000 ގޯތީގެ އިތުރުން ގުޅީފަޅުން 2،000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައި މަދުވެގެން 2،000 ގޯތި މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މާލެ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ ގޯތީގެ އަދަދު އިތުރު ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވައި ރައީސް ވިދާޅުވީ ކުރިން ސަރުކާރުން ހާމަކުރި އަދަދަށް ވުރެ ގިނައިން ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތާއި އެ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނަކަމަށް ރައީސް ވިދާޅުވި އެވެ.
ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި، ފްލެޓުގެ މަސައްކަތް ނިންމއި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ހަމައެކަނި ސަރުކާރަށް މި ސަރުކާރު ވެގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ. މިއީ ޖާގައިގެ ގޮތުން ތަނަވަސް އަދި ހިތް ފަސޭހަ ފްލެޓުތަކަށް ވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިއަދު ހާމަކުރެއްވި ގޮތުގައ މާލޭގެ ބޯހިޔާވަހިކަމަށް ހުޅުވާލުމުން ފްލެޓަށް އެދި ޖުމްލަ 20،697 އެޕްލިކޭޝަނެއް ލިބުނެވެ. އަދި ގޯތި ހީދުމަށް 15،164 އެޕްލިކޭޝަން ލިބިފައިވާއިރު އެ ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ރައީސް ވިދާޅުވި އެވެ.
”މި އަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލު ކުރާނަން… މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެކަމަށް ދެންނެވި އަދަދަށްވުރެ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު، އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ“ ރައީސް ސޯލިހު
މީގެއިތުރުން ރައީސް ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިން ލޯނު ކަމަށެވެ. އަދި ހުސްވި ޖެނުއަރީ މަހުގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބިފައިވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އޭގެ 55 އިންސައްތަ ލޯނު އެޕްރޫވް ކުރެވިފައިވާ ކަމަށެވެ. އަދި 249 މީހަކާއި އެކު އެކު ލޯނު އެއްބަސްވުމުގައި ސޮއި ކުރެވިފައިވާކަން ހާމަކުރެއްވި އެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ހާމަކުރުމުން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތް ވާ މެމްބަރުން އެކަމަށް ފާޑުވިދާޅުވެ ވަނީ ކޮންމެ ރިޔާސީ ބަޔާނެއްގައި ވެސް އަދި ރަސްމިއްޔާތެއްގައި ވެސް ފްލެޓުތަކާއި ގުޅޭ ދެނީ އެކި ނަމްބަރުތައް ކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެކަމަށް ބުނާ ގޯއްޗާއި ފްލެޓުތައް ހަވާލު ނުކުރެވޭކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އިދިކޮޅު މެމްބަރުންނާއި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ ތަކުރާރުކޮށް މި ސަރުކާރުން އަމިއްލައަށް ފައިނޭންސް ހޯދައި ކުރިޔަށް ގެންދިޔުަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ނެތްކަމަށް ބުނަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާން އިއްވުމަށް ރައީސް، މަޖިލީސް ކުރާ އިދާރާއަށް ވަޑައިގަތުމާއި އެކު އިދިކޮޅުން ވަނީ އެމަނިކުފާނާއި ދެކޮޅަށް އަޑުއުފުލައި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ. ޖަލްސާ ފެށުމުގެ ކުރިން މެމްބަރުން އަޑުގަދަ ކުރުމުގެ ސަބަބުން، ރިޔާސަތުން ވަނީ އެ މެމްބަރުންގެ ނަން އިއްވައި ތަޅުމުން ނެރެލާފަ އެވެ.

