ދިވެހިރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތަކާއި ނޫވިލު އަދި މޫދާއި ދުރަށްދާން ބޭނުން ނުވުމަކީ ދިވެހި އެންމެހާ ރައްޔިތުންގެ އުފެދުމުގެ ތެރެއިން ހުރި ކަމެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
”ކުޑަގިރި“ ހުޅުވައިދެއްވައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ނޫވިލުތަކާއި ގޮންޑުދޮށްތަކުގެ އުފާވެރިކަން ރާއްޖޭގެ ގިނަ ރަށްތަކުން ލިބެމުންދިޔަނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެ އުފާވެރިކަން ގެއްލިފައިވާތާ އެތައް ދުވަސްތަކެއް ވެފައިވާކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މާލެއަށް މީހުން ހިޖަރަކުރަމުންގޮސް ފުރިބަނޑުންވެފައިވާކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ރާއްޖޭގެ އެހެނިހެން ރަށްތަކުގައިވާ ގޮނޑުދޮށްތަކުން ލިބޭ ފަދަ އުފާވެރިކަމާއި ހިތްހަމަޖެހުމެއް ނުލިބިވާތާ ޒަމާންތަކެއް ވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު މާލޭގައި ދިރިއުޅެމުންދާތާ 50 ވަރަކަށް އަހަރު ވެފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އޭރުވެސް މާލެއަކުން އެފަދަ ހިތްހަމަޖެހުމެއް ނުލިބޭކަމަށެވެ. އަދި މާލޭގެ ރައްޔިތުން އޭރު ހިތްހަމަޖައްސާލުމަށްޓަކައި ބޭނުންކުރަމުންދިޔައީ ކުޑަބަނޑޮސް ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ގޮނޑުދޮށްތަކާއި ލާމެހިފައިވަނީ ހިތްހަމަޖެހުމައްޓަކައި އާއިލާ އާއި އެކު ވަގުތައް ހޭދަކުރުމައްޓަކައިކަމަށެވެ. އަދި މާލޭގެ ކާރޯބާރު ބޮޑުކަމާއި ދުރަށްޖެހިލައި ހިތްހަމަޖައްސާލުމައްޓަކައިވެސް އެ ގޮނޑުދޮށްތައް ބޭނުންކުރަމުންގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ހިތްހަމަޖެހުން ހޯދުމައްޓަކައި މާލޭގެ ރައްޔިތުން ބޭނުންކުރަމުންދިޔަ ކުޑަ ބަނޑޮސް އޭރު އޮތް ސަރުކާރުން މާލޭގައި ދިރިއުޅެމުންދިޔަ ރައްޔިތުންގެ އަތުން އަތުލައިގަނެފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މީގެ 10 ވަރަކަށް އަހަރު ކުރިން ސަރުކާރުންވަނީ ދިވެހިންނަށް ކުޑަބަނޑޮހަށް ނުދެވޭނެ ގޮތް ހަދާފައިކަމަށެވެ. އަދި އެކަން އެއީ މާލޭގައި ދިރިއުޅެމުންދިޔަ ރައްޔިތުންނަށް ލިބުނު ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަދު އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރަމުންދަނީ މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އެ ހަމަޖެހުން ހޯދައިދިނުމަށްކަމަށެވެ. އެހެންކަމުން ކުޑަގިރި ހިއްކައި ތަރައްގީކޮށް މިހާ ހިސާބަށް ގެނެސްފައިވަނީ އެ މަގުސަދު ހާސިލު ކުރެއްވުމުގެ ގޮތުންކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ވަސީލަތްތައް އަދިވެސް އިތުރު ކުރަންޖެހޭކަމަށެވެ. އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ރައްޔިތުންނަށް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކުޑަގިރިއަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރަށެއްކަމަށެވެ. އަދި އެ ރަށަށް ކުޑަކުދިންނާއި ދުވަސްވީ މީހުން އަދި ނުކުޅެދޭ ބޭފުޅުންނާއި އާއިލާތައް އަންނާނެކަމަށެވެ. އެހެންކަމުން އެ ރަށަށް ދަތުރު އަންނަ ފަރާތްތަކުން އެކަކު އަނެކާއަށް އިހުތިރާމުކޮށް އެންމެންނަށް ހިތްހަމަޖެހިގެން ޗުއްޓީ އަދާ ކުރެވޭނެ ރަށެއްގެ ގޮތުގައި ހެދުމަށް އިލްތިމާޒްކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

