އެމްޓީސީސީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަސްއަހަރު ތެރޭގައި މިހާތަނަށް 135 މަޝްރޫއެއް ހިންގާ ނިންމައި ރައްޔިތުންނާ ހަވާލުކޮށްފައިވާ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް ކުޑަގިރީގައި ބޭއްވުނު ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ މިހާރުވެސް އެމްޓީސީސީން ދަނީ 135 މަޝްރޫއެއްގެ މަސައްކަތް ނިންމަމުންކަމަށެވެ.
އާޒިމް ވިދާޅުވީ އީޕީއޭގެ ދިރާސާތައް ކުރުމަށް ފަހު އެމްޓީސީސީއިން ކުޑަގިރި ހިއްކުމަށް ފެށީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
އަޅުގަނޑުމެން އައިސް މިފަޅަށް ފޭބިއިރު، މިއީ ފަސްފޫޓު އިސްކޮޅުގައި ހުންނަ މީހެއްގެ ކަރުތާފެނާ ހަމައަށް ހުރި ފުންފަޅެއް. މާނައަކީ އިއްޒަތްތެރި ރައީސްގެ ތަސައްވުރުގައި އޮތް މި ޕިކްނިކް އައިލެންޑް ހަގީގަތަކަށް ހަދަން ފަށަންޖެހުނީ ފަސްފޫޓު އަޑިންނޭ.
އާޒިމް ވިދާޅުވީ ފަޅު ހިއްކުމުގެ މަސައްކަތުގައި 1.6 މީޓަރުގެ އުސްމިނުގައި 8 ހެކްޓަރަށް ބިންހިއްކައި އައްސޭރިފަށް ހިމާޔަތް ކުރުމާއެކު 2022 ވަނަ އަހަރުގެ ޖޫންމަހުގެ 24 ގައި ކުޑަގިރީގެ މަސައްކަތް އެއްކޮށް ނިންމާލި ކަމަށެވެ. އެގޮތުން ކުޑަގިރި ހިއްކުމަށް ހޭދަވީ އެންމެ 5 މަސްދުވަސް ކަން އާޒިމް ފާހަގަކުރެއްވިއެވެ.
މާލޭގެ ރައްޔިތުން މީގެ ކުރިން ދަތުރު ދިއުމަށް ބޭނުންކުރި ކުޑަބަނޑޮސް، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމާއި ގުޅިގެން އެރަށް މާލޭ ރައްޔިތުންގެ އަތުން ބީވެގެން ގޮސްފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.
ކުޑަބަނޑޮސް، މާލޭ ރައްޔިތުންގެ އަތުން ބީވެ ދިއުމުގެ ބަދަލުގައި ޕިކްނިކް އައިލެންޑްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައިވަނީ ކުޑަބަނޑޮހުގެ ދެގުނަ ރަށެއްގެ ގޮތުގައި ކަމަށް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީ އާ ކުޑަގިރީގެ ބިން ހިއްކުން ސަރުކާރުން ހަވާލުކުރި ދުވަހުން ފެށިގެން، އެ މަޝްރޫއު ނިމުމާ ހަމައަށް އެމަޝްރޫއު ހަގީގަތަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ނައިބު ރައީސް ފައިސަލް ނަސީމް ކުރައްވަމުން ގެންދެވި ކަމަށް އާޒިމް ވިދާޅުވިއެވެ.
މި ޕްރޮޖެކްޓަށް ނައިބުރައީސް އެއްބާރުލުން ދެއްވައި ހިތްވަރު ދެއްވަމުން، މަގުތައް ފަހިކުރައްވަމުން ނައިބުރައީސް ގެންދެވީ. އަދި ގަސްއިންދުންފަދަ ކަންކަމުގައި އަމަލީގޮތުންވެސް ބައިވެރިވެ ވަޑައިގެންނެވި.
ކުރީގެ ސަރުކާރުތަކުން ގެންގުޅުނު މާލެ ތޮއްޖެހުމުގެ ސިޔާސަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު މާލެއަކީ ދުނިޔޭގައިވެސް އޮތް އެންމެ ޑެންސިޓީ ބަރުރަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
މާލެ ފިތިބާރުވުމުގެ ސަބަބުން މާލެއޮތީ ނޭވާހޮޅިއަށް އެޅިފައިކަމަށް އާޒިމް ވިދާޅުވިއެވެ.
ރައްޔިތުން ވައިޖައްސާލާ، ހިތްއުފާކޮށްލާ މޫދަށް އެރިލަން އޮތް ހަމައެކަނި ރަށް، ކުޑަބަނޑޮސް އެއްވެސް ރަހުމެއް ނެތް އަތަކުން ދަމައިގަތުމުން މާލޭގެ ރައްޔިތުންނަށް އާއިލާއާ އެކު މޫދަށް އެރިލަންދާނެ ތަނެއް އޮތީ ނެތިފަ. މާލޭގެ ރައްޔިތުން ބަރުދާސްތު ކުރަމުން އައި ހިތްދަތިކަމަށް މަނިކުފާނު ދެއްވި އެންމެ އުފާވެރި އުއްމީދަކީ ރިޔާސީ ވައުދުފުޅެއްގެ ގޮތުގައި މާލޭގެ ރައްޔިތުންނަށް ހައްދަވައިދެއްވަން ވިދާޅުވި މި ޕިކްނިކް އައިލެންޑް. ނަރުދަމާލެވި، ފެންހޮޅި އަޅާ، ކަރަންޓްލާ، ވޯޓަރ ސްޕޯޓްސް ހިދުމަތާއި ކެފޭ ހިދުމަތާއި ކުޑަކުދިން ކުޅެން އުޅޭނެ ޕާކްތަކާއި ހިތްގައިމު ކަނޑުތަކާއި އެހާމެ ރީތި ބީޗާއި ގުދުރަތީ ހޭޅިފަށާއެކު މަނިކުފާނު ތިހޯއްދަވައިދެއްވީ ގެއްލުނު އުފާ.
ޕިކްނިކް އައިލެންޑްގެ ޕްރޮޖެކްޓް ނިންމައި މާލޭ ރައްޔިތުންނަށް ހަވާލުކޮށްދެއްވަނީ މާލޭގެ ރައްޔިތުންނަށް ރައީސް ސާލިހް ވީ ވައުދުފުޅު ކަމަށް އާޒިމް ވިދާޅުވިއެވެ.
ރައީސް ސާލިހްގެ ޒައާމަތުގައި ކ ހިންމަފުށީގެ ބަނދަރުގެ މަސައްކަތް ނިމި ކ މާފުށީގެ ބިން ހިއްކާ ނިމި އަދި ކ ގުރައިދޫގެ ބިން ހިއްކާ ނިންމައި އެރަށުގެ ޕިކްނިކް އައިލެންޑް ނިންމަވައިދެއްވާ ކ ގުރައިދޫގެ ބިން ހިއްކައިދެއްވިކަން އާޒިމް ފާހަގަ ކުރެއްވިއެވެ.
އެމްޓީސީސީ އަކީ ރައީސް ސާލިހްގެ ޒައާމަތުގައި އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން ގެންދިޔަ އަދި ހިންގި ކުންފުނި ކަމަށް އާޒިމް ވިދާޅުވިއެވެ.

