ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އިސްލާހު ކުރާއިރު ވަކި ގޮތަކީ މޮޅު ގޮތްކަމަށް ބުނާނެ، އެއްގޮތް ވެސް ނެތް: ތާރިގު

މަހިބަދޫ ދާއިޜާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހުކުރުމަށްޓަކައި، ވަކި ގޮތަކީ މޮޅު ގޮތޭ ބުނާނެ އެއް ގޮތްވެސް ނެތްކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ގޮތުގައި ހިމަނާފައި އޮތް، ޖޭއެސްސީ އެކުލެވިގެން ވާ ގޮތް ބަދަލު ކުރުމުގެ މަސައްކަތް ފެށީ ދައުރު ނިމެން ހަތް މަހަށް ވެފައިވަނިކޮށެވެ. އަދި ފާޑުކިއުންތަކާއި އެކު ސަރުކާރުން ނިންމާފައި ވަނީ މަޖިލީހުގެ މި ދައުރަށް އެ އިސްލާހު ހުށަހެޅުމަށެވެ. ނަމަވެސް، ގާނޫނު އަސާސީއަށް އިސްލާހު ގެނެސް އުސޫލު ތަންފީޒު ކުރުމަށް ވަގުތު ނަގާނެ އެވެ. އެހެންވެ، ގިނަބަޔަކު ވަނީ ސަރުކާރުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދާފަ އެވެ.

ޖޭއެސްސީން ފަނޑިޔާރުންނާއި ގުޅޭ މައްސަލަތައް ތަހުގީގު ކުރުމުގައި ވަކި ހަމަތަކެއް ގެންގުޅެންޖެހޭކަމަށާއި ފަނޑިޔާރުންނާއި ސުލޫކީ މައްސަލަތަކުގައި ސުވާލު ކުރާއިރު ވަކި އަހުލާގެއް ވެސް ހުންނަން ޖެހޭކަމަށް ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ބަލަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ސުވާލުކުރުމުން ތާރިގު ވިދާޅުވީ ޖޭއެސްސީއަށް އައްޔަންކޮށްފައި ތިބެނީ އަހުލާގު ރަނގަޅު ބޭފުޅުން ނޫންކަމަށެވެ.

ތާރިގު ވިދާޅުވީ މިހާރު ޖޭއެސްސީގައި ތިބީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން އާއި އަދި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހުތުރު ބަހުން އާންމުންނާއި އަދި ފުލުހުންނާއިވެސް މުއާމަލާތުކުރި މީހުންކަމަށެވެ. އަދި އެއީ “އެކްޓިވިސްޓުން” ތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ޖޭއެސްސީގައި ތިބި ފަރާތްތަކަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވެފައިވާކަމަށް ފާހަގަކުރައްވާ ތާރިގު ވިދާޅުވީ އޭގެ ތެރެއިން ގިނަ ބޭފުޅުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަރިހުގައި ތިބީ ވެރިކަމުގެ ބާރުގެ ބޭނުމުގައިކަމަށެވެ.

”އެ ހާލަތުގެ ގޮތުން ބާރު ބޭނުންވާތީ ރައީސް ސާލިހުގެ ފަޅީގައި ގިނަ ބަޔަކު ތިއްބެވީ، ވެރިކަމުގެ ބާރާއި، މުސާރައާއި މި ހުރިހާކަމަކާއި ހެދީ.“ ތާރިގު ވިދާޅުވިއެވެ.

އެމްޑީޕީގައި ތިބި އެކްޓިވިސްޓުންތަކެއް ޖޭއެސްސީގައި ތިބުމުން ހަމަ އޮންނާނީ އެމީހުންގެ ގައިގައި ހުރިކަމެއްކަމަށް ފާހަގަކުރައްވާ ތާރިގު ވިދާޅުވީ ފަނޑިޔާރެއް ނުވަތަ ރަސްކަލެއް ކައިރިއަށް ހާޒިރުކުރި ނަމަވެސް ހުންނާނީ އެ ގޮތްކަމަށެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ބިލު މަޖިލީހަށް ހުށައެޅިއިރު، އޭނާވެސް އަމިއްލަ ދިރާސާތަކެއް ހެދިކަމަށެވެ. ތާރިގު ވިދާޅުވީ ވަކި ގޮތަކީ މޮޅު ގޮތޭ ބުނާނެ ގޮތެއް އޭނާ ބެލި ގައުމުތަކުގައި ނެތްކަމަށެވެ. ގައުމުތަކަށް ބެލިއިރު، އިންޑިއާގެ ޖޭއެސްސީގައި ތިބީ ކުރީގެ ފަނޑިޔާރުންކަމަށް ފާހަގަކުރައްވާ ތާރިގު ވިދާޅުވީ ބައެއް ގައުމުތަކުގައި ބާ ކައުންސިލްގެ ބޭފުޅުންވެސް އެބަތިއްބެވިކަމަށެވެ.

ގިނަ ގައުމުތަކުގައި ޖޭއެސްސީގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރުކަން ފާހަގަކުރައްވައި ތާރިގު ވިދާޅުވީ، އޭނާވެސް މަޖިލީހަށް އިސްލާހު ހުށައެޅީ މިފަދައިން ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކުލަވާލުމަށްކަމަށެވެ. ތާރިގު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއްކަމުން އުއްތަމަ ފަނޑިޔާރަށްވެސް ނުފޫޒުފޯރުވާކަމަށެވެ. އަދި 1 ފެބުރުއަރީގެ އަމުރަކީ މިފަދަ އަމުރެއްކަމަށް އޭނާ ސިފަކުރެއްވިއެވެ. އޭނާގެ އިސްލާހު ހުށައެޅީ ކަމާއި ގުޅޭ ހުރިހާ ފަރާތްތަކެއް އެކުލެވޭހެންކަމަށާއި، ގިނަވާނީ ގާނޫނީ ބޭފުޅުންކަމަށް ވިދާޅުވިއެވެ. ކުރީގެ ފަނޑިޔާރުން ތިއްބެވުމަކީ މުހިންމުކަމެއް ނަމަވެސް ރާއްޖޭގައި ޝަރަފުވެރިކަމާއިއެކު ރިޓަޔާކޮށްފައިވާ ފަނޑިޔާރުން މަދުކަމަށް ތާރިގު ވިދާޅުވިއެވެ. އަދި އެއީ ވެރިކަން ބަދަލުވުން ޖޭއެސްސީ ބޭނުންވެގެން ހަގީގަތެއް ނެތް ސުލޫކީ މައްސަލަތަކުގައި ފަނޑިޔާރުން ވަކިކުރާތީކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެ މައްސަލައަކަށް ނަމަވެސް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރާނެކަމަށާއި، އަދި ސިޔާސީ މީހެއްގެ މައްސަލައެއްނަމަ ސަރުކާރުން އެ މައްސަލައަށް ނުފޫޒު ފޯރުވާ އޭނާއަށް ސިޔާސީ ގޮތުން ހުރަސްއެޅުމަށް މަސައްކަތްކުރާނެކަމަށެވެ. އަދި ބަދަލުހިފުމުގެ ރޫހު އޮންނާނެކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ޖޭއެސްސީ އިސްލާހުކުރުމުގެ މަސައްކަތްކުރަނީ އެފަދަ އަމަލުތައް މަދުކުރުމަށްޓަކައިކަމަށް ފާހަގަކުރައްވާ ތާރިގު ވިދާޅުވީ، އިސްލާހު ގެނައުމަށްޓަކައިކަމުގެ ނަމުގައި ކުރާ މަސައްކަތްތައް މި ސަރުކާރުން ކުރަނީ މީޑިއާތަކަށް ދެއްކުމަށްޓަކައިކަމަށެވެ.

”މައިގަނޑުކޮށް ފެންނަނީ ހަމަ މީޑިއާއަށް ދައްކާލަންވެގެން. ތިމަންނަމެން ހައިކޯޓާއިވެސް ބައްދަލުކުރީމޭ، ތިމަންނަމެން ސުޕްރީމް ކޯޓާއިވެސް ބައްދަލުކުރީމޭ، ތިމަންނަމެން ލޯޔަރުންނަށްވެސް ގޮވާލީމޭ، އައިސްބަލާށޭ. ދެން މީހަކު ނައީއޭ.“
ތާރިގު ވިދާޅުވިއެވެ.

ޖޭއެސްސީ އިސްލާކުރުމާއި ގުޅޭ ގޮތުން ލަފާދެއްވާ ސްޕްރީމް ކޯޓުން އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ފޮނުވި ކަރުދާހަށް އަލިއަޅުއްވައިލައްވާ ވާހަކަދައްކަވަމުން ތާރިގު ވިދާޅުވީ އެ ކަރުދާހުން ދޭހަވީ ސުޕްރީމް ކޯޓުން ޖޭއެސްސީ ކޮންޓްރޯލްނަގަން މަސައްކަތްކުރާކަންކަމަށެވެ. ޖޭއެސްސީ ހަމައެކަނި ފަނޑިޔާރުންގެ އަތްދަށައް ގެންނަން ބޭނުންވާކަން އެ ކަރުދާހުން ހާމަވިކަމަށް ފާހަގަކުރައްވާ ތާރިގު ވިދާޅުވީ އެހެން ހެއްދެވުމުން ޖޭއެސްސީ މިނިވަނެއްނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: