ދިވެހި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމުގައި ރައްޔިތުން މަޖިލިސްގެ އިރުޝާދާއި އެއްގޮތަށް ދަރަނި އަދާ ކުރުމުގެ ކަންކަން ސާރުކާރުން ކުރިޔަށް ގެންދިއުމަށް ގޮވާލައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގަރާރެއް ހުށަހަޅުއްވައިފި އެވެ.
އީވާގެ ގަރާރުގައި ގޮވާލާފައި ވަނީ ދައުލަތުން ނަގާފައިވާ ދަރަނިތައް ދެއްކުމުގައި ރައްޔިތުންގެ މަޖިލީުން ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ލަފައާއި އެއްގޮތަށް ދަރަނި ދެއްކުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 167 ވަނަ މައްދާގެ ދަށުން ހުށަހަޅާފައިވާ އެ ގަރާރުގައި ވަނީ 2003 ވަނަ އަހަރުން ފެށިގެން މި އަހަރާއި ހަމައަށް ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި އެ ދަރަނި ބެލެހެއްޓިފައި ވާ ގޮތުގެ އިތުރުން ތިން އަހަރުގެ ތެރޭގައި އެ ދަރަނި އަނބުރާ ދެއްކުމުގައި އަމަލު ކުރަން ވީ ގޮތުގެ ލަފައަކަށް އެދި 2020، އޮގަސްޓު 10 ގައި ރިޔާސަތުން ހުށަހެޅި ކަމަށެވެ. އަދި އެ މައްސަލަ މުޅި މަޖިލީޖހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު 2020، ގައި ފާސްކޮށްފައިވާނެކަން ފާހަގަ ކުރި އެވެ.
އެގޮތުން އެ ރިޕޯޓުގައި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި އެ ބެލެއްހެއްޓުމުގައި އަމަލު ކުރަމުން ދާ ގޮތުގެ އިތުރަށް ހަރުދަނާ ކުރުމަށް ލަފާ ދީފައިވާނެކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.
ގަރާރުގައި ވަނީ ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި، ދަރަނި ބެހެއްޓިފައިވާ ގޮތް އަދި އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމުގައި އަމަލު ކުރާނެ އިރުޝާދެއްގެ ގޮތުގައި މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓާއި އެއްގޮތަށް އަމަލު ކުރުމަށެވެ. އަދި ދައުލަތުގެ ދަރަނި ރީސްޓަރްކްޗާކޮށް ބެލެހެއްޓުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަސައްކަތް ކުރުމަށް ވެސް ގަރާރުގައި ގޮވާލާފައި ވެއެވެ.
މަޖިލީހުން ދައުލަތަށް ލަފާ އަރުވައި ފާސް ކުރި ރިޕޯޓުގައި ހިމެނެނީ ދަރަނި ރީސްޓްރަކްޗާ ކުރާނެ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށާއި އެ ކޮމިޓީގެ މަސައްކަތަށް ގާނޫނީ އަދި މާލީ މާހިރުންގެ ލަފައާއި އިރުޝާދު ހޯދުމާއި އެ ކޮމިޓީއާއި ހަވާލު ކުރާ މަސައްކަތްތައް އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މީގެއިތުރުން ކޮމިޓީގެ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ އާއި މަޖިލީހާއި ހިއްސާ ކުރުމަށާއި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކޮށްފައިވާ ފަރާތްތައް މޮނީޓާރ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި އެކު ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލުގައި ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރުން އަދި ދައުލަތުގެ މެދުރާސްތާގެ ދަރަނީގެ ސްޓްރެޓެކީ މުރާޖައާ ކުރުމާއި ދަރަނި ސްޓްރެޓެޖީ ތަންފީޒު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ނަތީޖާ ހާސިލު ކުރެވޭނެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު މަޖިލީހާއި ހިއްސާ ކުރުމަށް ވަނީ ހިމަމާނަފަ އެވެ.


One Response
ރަނގަޅަށް ތަންފީޒު ކުރެވިއްޖެނަމަ ނަތީޖާ ރަނގަޅުވާނެ މުހިންމު ގަރާރެއް.