މި ސަރުކާރުގެ ކޯލިޝަން އޮތީ 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބަށް އެމްޑީޕީއިން އެކަނި ނިކުތް ހިސާބުން ނިމިފައިކަމަށް މަހިބަދޫ ދާއިރާގެ މެންބަރުން އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމުގައި ތާރިގު ވިދާޅުވީ ކޯލިޝަނަށް ވެރިކަމުގެ ބާރުދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނެއް އެކުލަވާލުމަކީ އެމްޑީޕީގެ ވައުދެއްކަމަށެވެ. އެހެން ނަމަވެސް ވެރިކަން ނިމުމަކާއި ގާތްވެފައިވާއިރުވެސް އެ ގާނޫނު ހެދިފައިނުވާކަމަށް ތާރިގު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ އެއީ ކޯލިޝަނުގައި ތިބި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ފަދަ ކުދި ޕާޓީތައް ރުއްސުމަށްޓަކައި ވީ ވައުދެއްކަމަށެވެ.
ކޯލިޝަން ރޫޅިގެންދާއިރު، ބަހުގެ ހަމަލާތައް ދިނުމާއި، އެފަދަ ކަންކަން ހިނގާތީ އެކަމަށް ގާނޫނީ ގޮތުން ހައްލެއް ހޯދުމަށް ވައުދުވެވަޑައިގެން ނަމަވެސް އެ މަސައްކަތްނުކުރާކަމަށް އޭނާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ތާރިގު ވިދާޅުވީ ކޯލިޝަނެކޭ ކިޔޭނެ ވަރުގެ ކޯލިޝަނެއް މި ސަރުކާރުގައި އޮތްކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ކޯލިޝަނެއްގައި މަސައްކަތްކުރާނީ ހުރިހާ ޕާޓީތަކަށް ބާރު ހޯދާ އިންތިހާބީ މަގާމުތަކަށް މީހުން ހޮވުމަށްކަމަށް ވިދާޅުވެ ތާރިގު ފާހަގަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީ ނިކުތީ އެކަނިކަމަށެވެ. އަދި އެކަނި ނިކުތުމާއިއެކު ކޯލިޝަން ނިމުނީކަމަށް ވިދާޅުވިއެވެ. ކޮންމެ ޕާޓީއަކަށްވެސް މުހިންމު ވާނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ވާދަކުރުމުގެ ޓިކެޓުކަމަށާއި، ނަމަވެސް އެ އެއްބަސްވުމެއް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން ކޯލިޝަން ޕާޓީތަކާއިއެކު ނަހަދާކަމަށް ތާރިގު ވިދާޅުވިއެވެ.
އުސޫލެއްގެ ގޮތުން ބުނާނަމަ ރައްޔތުންގެ މަޖިލީހުގެ އިންތިހާބު، 2019 ވަނަ އަހަރު ޖެނުއަރީ ފެބުރީ ހިސާބުގައި އެ އޮތީ ކޯލިޝަން ނިމިފަ. ދެން ކޯލިޝަނެއް އޮތްކަމަށް ދައްކަންވެގެން.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނާއި، އެމްއާރުއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދަރިކަނބަލުން މިނިސްޓަރުކަމުގައި ތިއްބެވީމައި ކޯލިޝަން ނުނިމުނު ނަމަވެސް، ކޯލިޝަން އޮތީ ދޭތެރެމެދުގައިކަމަށް ތާރިގު ވިދާޅުވިއެވެ. ދެން ކޯލިޝަނުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ތާރިގު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އިމްރާނަކީ ދުވަހަކު ވަޒީފާއެއްވެސް އަދާކޮށްފައިނުވާ މީހެއްކަމަށާއި މުދިންކަންވެސް ކުރައްވާފައިނުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކުއްލިއަކަށް ހޯމް މިނިސްޓަރުކަން ދެއްވީމައި އެކަން ދޫކޮށްލަން ބޭނުންނުވާނެކަމަށް ތާރިގު ފާހަގަކުރެއްވިއެވެ.
ތާރިގު ވިދާޅުވީ ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކޯލިޝަންއާއިއެކު ހެއްދެވި އެއްބަވުންތައް ދެމެހެއްޓެވިކަމަށެވެ. އަދި އެ ކޯލިޝަން ރޫޅިގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މައްސަލައެއްގައިކަމަށް ވިދާޅުވިއެވެ. 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ޕީޕީއެމް އިން ޖުމްހޫރީ ޕާޓީއާއިއެކު ހެއްދެވި ކޯލިޝަނުގައި އެކުލަވާލި އެއްބަސްވުމާއި އެއްގޮތަށް ޖުމްހޫރީ ޕާޓީއަށް ޓިކެޓުތައް ދީފައިވާނެކަމަށް ތާރިގު ވިދާޅުވިއެވެ. އަދި 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުން 17 ގޮނޑި ޖޭޕީއިން ކާމިޔާބުކުރެއްވިކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޔާމީންއަށާއި އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތަކަށް ތައުރީފުކޮށް ވާހަކަދައްކަވާފައިވާތީ މިކަމާއި ގުޅިގެން ތާރިގު ވިދާޅުވީ އިދިކޮޅުގައި ތިއްބެވި މެންބަރުން ރައްޔިތުންގެ މަޖިލީހުގައި އަމަލުކުރައްވަނީ ރައީސް ނަޝީދުގެ ފެކްޝަނުން ބުނާ ގޮތަކަށް ނޫންކަމަށެވެ. އިދިކޮޅުން މަސައްކަތްކުރަނީ ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައިކަމަށް ތާރިގު ފާހަގަކުރެއްވިއެވެ. އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ބައެއްކަކަންމުގައި ރައީސް ނަޝީދުގެ ފެކްޝަން ބޭފުޅުން ޕީޕީއެމްގެ މެންބަރުންގެ ހިޔާލަށް ތާއިދުކުރައްވާކަމަށާއި، ނަމަވެސް އިދިކޮޅުގެ މެންބަރުން ރައީސް ނަޝީދުގެ ފެކްޝަނުގެ މެންބަރުންނާއި ހިޔާލު އެއްގޮތްވާތީ އެމީހުންނާއި އެއް ލައިންއަކަށް އަރާފައިނުވާނެކަމަށް ތާރިގު ވިދާޅުވިއެވެ.
ރައީސް ނަޝީދާއި، ޕީޕިއެމް ފިކުރީގޮތުން އެއް ގޮތް ނޫންކަމަށާއި، ރާއްޖެއަށް އިންޑިއާއިން ނުފޫޒު ފޯރުވާކަމަށް ބުނާ މައްސަލައިގައި ރައީސް ނަޝީދާއި އެއް ގަލަކަށް ނާރާނެކަމަށް ވިދާޅުވިއެވެ. އަދި ބައެއް ދީނީ ކަންކަމުގައިވެސް ހިޔާލު އެއްގޮތްނޫންކަމަށް ވިދާޅުވިއެވެ. ނަމަވެސް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވެރިކަންކުރުމަށް ކަމުނުދާކަމަށް ފާހަގަކޮށް، އެމަނިކުފާނު ވެރިކަމުން ބާލަންދައްކާ ވާހަކަތަކުގައި ރައީސް ނަޝީދާއި އެއްގަލަކަށް އަރާކަމަށް ތާރިގު ފާހަގަކުރެއްވިއެވެ.

