ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް އެމްއޭސީއެލް އިން ފަށައިފި

އެމްއޭސީއެލް އިން ގައުމީ އެޕްރެންޓިޝިޕް ޕްރޮގްރާމް ފެށުން / ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ދިވެހި ޒުވާނުނަށް ވަޒީފާގެ ފުރުސަތު އުފެއްދުމަށް ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ފަށައިފިއެވެ.

މި ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި އެމް.އޭ.ސީ.އެލް އާއިއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޔޫތް މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން އިސްމާއިލް އެވެ. އަދި އެމް.އޭ.ސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ތޯހާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ތޯހާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަކީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ތަނެއްކަމަށެވެ. އަދި އެއަރޕޯޓަށް އަންނަ އުމްރާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެއްވަރަށް ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ތޯހާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ ވައުދާއި އެއްގޮތަށް މިފަދަ ޕްރޮގްރާމެއްގެ ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެމް.އޭ.ސީ.އެލްއަށް ލިބިގެންދާނެ ލުޔެއްކަން ތޯހާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ހުސައިން އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުރިނަމަވެސް އެވަޒީފާތަކަށް ބޭނުންވާ ފަންނީ ޤާބިލް ޒުވާނުން މަދުކަމަށެވެ. އަދި އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ރަސްމީ ތައުލީމީ ނިޒާމުން އެކި ސަބަބުތަކާއިހުރެ އެކަހެރިވެފައިވާ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ވަޒީފާގެ ބާޒާރުގެ ފަންނީ އެކި ދާއިރާތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން އުފެދިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ހުސައިން ފާހަގަކުރެއްވިއެވެ.

އެމެ.އޭ.ސީ.އެލްގައި މިއަދު ފެށިގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން ތަމްރީނުކުރެވޭނެ އެވެ. އެގޮތުން ފުރަތަމަ ބުރުގައި ޖުމްލަ 75 ފަރާތްތަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދެވިގެންދާނެއެވެ. ހަ މަސް ދުވަހުގެ މިތަމްރީނު ޕްރޮގްރާމުގައި އެމް.އޭ.ސީ.އެލްގެ 50 މުވައްޒަފުންނާއި އަދި މި ޕްރޮގްރާމަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވާނެއެވެ.

މިއީ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް 3ގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓަރީ އޮފް ހަޔަރ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަދި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާއި އެއްގޮތަށެވެ.

ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވަން ހިންގާ މިޕްރޮގާމްގެ ދަށުން ޖުމްލަ ތިންހާސް ޒުވާނުން ތަމްރީންކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: