އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި ނެތް ވަންހަނާވެގެންވާ ފިކުރެއްގެ ވާހަކަދެއްކެވުމަށް ހުއްޓާލެއްވުމަށްފަހު، އެމްޑީޕީއާއިއެކު ކުރިއަށްދާން އެމްޑީޕީގެ ރިޔާސީ ކެޑިޑޭޓު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ގުޅިވަޑައިގަތުން، ޕާޓީގެ ރައީސ މުހައްމަދު ނަޝީދުގެ އަރިހުން ޕާލިމެންޓް ގުރޫޕު (ޕީޖީ) ގެ ލީޑަރު މުހައްމަދު އަސްލަމް އެދިވަޑައިގެންފިއެވެ.
މިދިޔަ ޖެނުއަރީ 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން ލިބުނު 24،566 ވޯޓާއިއެކު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ޕާޓީގެ ރިޔާސީ ޓިކެޓު ޔަގީންކުރައްވާފައެވެ. މި ޓިކެޓު ރައީސް ސާލިހަށް އެރުވުން ހުއްޓުވާ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައިވަނިކޮށް، ރޭ ރައިސް ސާލިހަށް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު އަރުވާފައެވެ.
ރައީސް ސާލިހާއި ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސް ސާލިހު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރާއްޖޭގައި ވެރިކަން ކުރައްވަމުން ގެންދަވާތާ 4 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށާއި، ރައީސް ސާލިހަށް ދެވަނަ ދައުރެއްދިނުމަށް އެމްޑީޕީގައި ތިއްބެވި ބޭފުޅުން ބޭނުންކަމަށެވެ. އަދި އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއް ދެމިއޮތުމަކީވެސް ޕާޓީގެ މެންބަރުންގެ އެދުމެއްކަމަށެވެ.
އިރާދަކުރެއްވިޔާ 2028 ގައިވެސް އެމްޑީޕީގެ މެންބަރެއް ދިވެހިރާއްޖޭގެ ވެރިކަމުގައި ހުރުން އެމްޑީޕީއަށް، މި ގައުމަށް ވަރަށްވެސް މުހިންމު، ވަރަށްވެސް ބޭނުންތެރި
އަސްލަމް ވިދާޅުވީ 2028 ގައި ބާއްވާ އިންތިހާބުވެސް އެމްޑީޕީއިން ކާމިޔާބުކުރުން ޕާޓީއަށާއި ގައުމަށްވެސް ވަރަށް މުހިންމުކަމަށެވެ. އެހެންކަމުން އެންމެ ގުޅިގެން އެކުގައި މަސައްކަތްކުރުން ވަރަށް މުހިންމުކަމަށް ފާހަގަކުރެއްވިއެވެ. އެމްޑީޕީގެ ފަރާތުން ރާއްޖެއަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ހިދުމަތަކީ އެމްޑީޕީ ވެރިކަމުގައި ދެމިއޮވެ، ރައީސް ސާލިހު ހޮވުންކަމަށް ފާހަގަކުރެއްވިއެވެ.
ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ޕްރައިމަރީގައި ވާދަކުރެއްވިއިރު، ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔަ ޝިއާރު ”ފިކުރެއްގެ ދިރުން“ އަށް އިޝާރާތްކުރައްވާ އަސްލަމް ވިދާޅުވީ، އެމްޑީޕީގެ ފިކުރަކީ، އަދި އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކަކީ ކަޅާ ހުދުން ލިޔެވިފައިވާ ކަންތައްތަކެއްކަމަށެވެ. އެގޮތުން ޕާޓީގެ އުސޫލާއި، އަމާޒާއި އަދި މަގުސަދުވެސް އަސާސީ ގަވާއިދުގައި ލިޔެވިފައި އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ފިކުރާއި، ޕާޓީގެ ހަމަތަކަކީ ކޮބައިކަން އެމްޑީޕީގެ ވެބްސައިޓުގައިވެސް ބަޔާން ކުރެވިފައިވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.
ޕާޓީގެ ވެބްސައިޓު ބައްލަވާލައްވާ، ޕާޓީގެ ފިކުރުތަކަކީ، ޕާޓީ ގަބޫލުކުރާ ހަމަތަކަކީ ކޮބައިކަން ބަޔާންކުރެވިފައިވާނެ، އެ ނޫން އާ ފިކުރެއް، ފެންނަން ނެތް، ހާމަވެފައި ނެތް، ވަންހަނާވެގެންވާ ފިކުރެއްގެ ވާހަކަ ދެއްކުން ހުއްޓާލާފައި ވާދަވެރި ކެޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޒަމާންތަކަކު އެމަނިކުފާނާއި އެކު މަސައްކަތްކުރެއްވި މީހެއްގެ ހައިސިއްޔަތުން، ވަޑައިގަންނަވާށޭ މިއަދުވެސް މިތަނުންވެސް މަނިކުފާނު ނެތްކަން އެ ހިތްދަތިކަން އަޅުގަނޑުމެންގެ ވެޔޭ، މަނިކުފާނު ވަޑައިގަންނަވާށޭ، މި ސަފުތަކާއި ގުޅިވަޑައިގަންނަވާށޭ، އަޅުގަނޑުމެން މި ޕާޓީ ކުރިއަށްގެންދަމާ ހިނގާށޭ
އަސްލަމް ރައީސް ނަޝީދު އަރިހުން އެދިވަޑައިގަތީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކުރެވިފައި ފެންނަން އަދި ހާމަވެފައި ނެތް، ވަންހަނާވެގެންވާ ފިކުރެއްގެ ވާހަކަދެއްކެވުން ހުއްޓާލެއްވުމަށްފަހު އެމްޑީޕީ ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ސާލިހާއި ގުޅިވަޑައިގަތުމަށެވެ. އަދި ރޭ ރިޔާސީ ޓިކެޓު ދިނުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަައިގެންފައ ިނުވާތީ އަސްލަމް ވަނީ ހިތާމަ ފާޅުކުރައްވާފައެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ރައީސް ސާލިހު ވެރިކަން ކުރައްވާނީ ރައްޔިތުން ދެއްވާ މެނިފެސްޓޯއަކާއިއެކުގައިކަމަށާއި، ވޭތުވެދިޔަ 4 އަހަރުވެސް ރައީސް ސާލިހު ވެރިކަން ކުރައްވާފައިވަނީ ރައްޔިތުން އެދިލެއްވި ގޮތަށްކަމަށެވެ. އަސްލަމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ބޭނުނ ްނުވާކަމެއްގެ ވާހަކަ އެމްޑީޕީގެ މެނިފެސްޓޯގައި ނޯންނާނެކަމަށެވެ. އަދި އެ މެނިފެސްޓޯގައި ނުހިމެނޭ، ރައްޔިތުން ނުދައްކާ އިތުރު އެއްވެސްކަމެއް ރައީސުލްޖުމްހުރިއްޔާގެ ހައިސިއްޔަތުން ރައީސް ސާލިހު ކުރައްވާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ ރައީސް ސާލިހަކީ ވަރަށް ފުރިހަމައަށް ވަރަށް ސާދާކޮށް ރައްޔިތުން ބޭނުންވިފަދަ ވެރިކަމެއްކޮށްދެއްވާ ބޭފުޅެއްކަމަށެވެ.

