ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދޭން، ފުރުސަތު ދިނީ މި ސަރުކާރުން: އިންތި

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) މަޖިލީހުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ފުރުސަތުދިނީ މިއަދުގެ ސަރުކާރުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ދެ އަހަރުވާން ކައިރި ވީއިރު ވެސް މައްސަލައިގެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދެވޭކަމުގެ ކަންބޮޑުވުން އެބައޮތެވެ. ސެކިއުރިޓީ ބްރީޗްގެ ތުހުމަތުތަކާއި އެކު، ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް ނުފޫޒުތަކެއް ފޯރުވައި މަޑުޖައްސާލަން މަސަައްކަތް ކުރަކަމުގެ ތުހުމަތުތަކެއްކޮށްފަ އެވެ.

2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާގެ މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރީ 10 މީހެކެވެ. އޭގެ ތެރޭގައި ހަމަލާ ދޭން ރާވައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން އައިއީޑީ ގޮއްވާލުމުގައި ބައިވެރިވި މީހުން ހިމެނޭކަމަށް ފުލުހުން ބުނެ އެވެ.

ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ވެސް ބުނީ އެފަދަ އެއްވެސް އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިފައި ނެތްކަމަށެވެ. އެކަމަކު ފަހުން ފުލުހުން ހާމަ ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް 03 ފަހަރެއްގެ މަތީން ރާވާފައި ވެއެވެ. އެހެންވެ، އެ މައްސަލައިގައި ވަރަށް ބޮޑެތި ފާޑުކިއުންތައް ސަރުކާރަށް އަމާޒުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންތި ވިދާޅުވީ ރައީސް ނަޝީދަށް ކުޑަގޮޅި އާއި ޓިނުގޮޅި އާއި ޗޭނާއި އަނދަގޮނޑީގެ އަދަބު އެކި ސަރުކާރުތަކުން ދީފައިވީ ނަމަވެސް ބޮމުގެ ހަމަލާއެއް ދީފައިވަނީ މިސަރުކާރުގައި ކަމަށެވެ.

ހަމައެކަނި ބޮމުގެ ހަމަލާއަކުން އަވަހާރަކޮށްލުމަށް ހަމަލާދީފައިވަނީ މިސަރުކާރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރު އޮވެމެ. މިހަމަލާ އަންނަ ކަމުގެ އިންޒާރުތައް، ހުރިހާ މައުލޫމާތުތަކެއް ސަރުކާރަށް ލިބިއޮވެ މިހަމަލާ ދީފައިވަނ.ީ

އިމްތިޔާޒް ތަކުރާރުކޮށް ވިދާޅުވީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމެއް ގޮއްވާލުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދާއި ދިމާލަށް އިދިކޮޅު، އަނިޔާވެރިވި ސަރުކާރުތަކެއް އަޅުގަނޑުމެން ދެކެފީމު، ޖަލުގެ ކުޑަގޮޅި ދައްކައިފި، އަނދަގޮނޑި ދައްކައިފި، ޓިނު ގޮޅި، މި ހުރިހާ އަދަބެއްދީފި. ބޮމުގެ ހަމަލާއަކުން އަވަހާރަކޮށްލުމަށް ފުރުސަތު ދިނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން.

އިމްތިޔާޒް ވިދާޅުވީ މިވެރިކަމުގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާ ދިން ކަން ދޮގުކުރެވެން ނެތް ކަމަށާއި އެ މައްސަލަ އަދި މިހާތަނަށް ބެލިފައިނުވާ ކަމަށެވެ. އެގޮތުން އެ މައްސަލައިގައި ތުހުމަތުކުރެވޭ އެންމެ މީހެެއް ހުރިކަމަށާއި އޭނާ ހުރީ ކުށަށް އިއުތިރާފް ވީތީ ކަމަށާއި ބާކީތިބި އެންމެންގެ މައްޗަށް ޝަރީއަތް ނުހިނގާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ކިތައް އަހަރުތޯ ވެގެން މިދިޔައީ؟ ޝަރީއަތްވެސް ނުހިނގާ. ސަރުކާރުގެ ނެތް މިކަން ބެލުމުގެ ޝައުގުވެރިކަމެއް. އެއޮތީ 241 ކޮމިޓީގެ ރިޕޯޓެއް. މިއާ އެއްގޮތަކަށް އަމަލުކުރަނީކީ އެއް ނޫން. އަމަލު ކުރާކަށް އެނގެނީކީ ނޫން. އެއްވެސް ކަމެއް އެއްވެސް ސްޓްރެޓަޖީ އެއް ނެތް. އެހެންވީމަ މިދަންނަވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން، މިފުރުސަތު ހަގީގަތުގައި މިއޮތީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދީފަ. މި މައުލޫމާތު ލިބި އޮވެމެ މި ފުރުސަތު ދީފައިމިވަނީ.

އިމްތިޔާޒް ވިދާޅުވީ ރައީސް ނަޝީދަަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލާގެ މައްސަލަ ނުބަލައި އެކަމުގައި ސަރުކާރުންމާލުވެފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސަރުކާރަށް ނިސްބަތްވާ ސަރުކާރަށް ވައިޖަހައިގެން ސަރުކާރާ އެކުގައި ތިބި ބައެއްގެ ގޮތުގައި ދެއްކި ހަގީގަތުގައި ސަރުކާރަށް ގެއްލުންދޭ މެމްބަރުން މި މަޖިލީހުގައި މިގޮތަށް ވާހަކަ ދައްކަވާތީ އަޅުގަނޑު ކަންބޮޑުވަން.

އަމިއްލަ މީހުންގެ ގޯތީގައި ދައުލަތުގެ އިމާރާތްތައް ހިންގާތީ ދައުލަތުން ކުރާ ހަރަދު ބޮޑުވާތީ އެކަމަށް އަވަސް ހައްލެއް ގެނައުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރާއި ރައީސް ނަޝީދަށް ދެވުނު ބޮމުގެ ހަމަލާ އާއި ގުޅުވާނީ ކިހިނަކުންތޯ ވިދާޅުވެ އިމްތިޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ.

އިއްޒަަތްތެރި މެމްބަރަކު ތެދުވެ ވަޑައިގެން ފުރަތަމަވެސް ރައީސް މުހައްމަދު ނަޝީދަށް ސެކިއުރިޓީ ދޭތީ އެ ކަންބޮޑުވުން ފާޅުކުރެއްވީ.

އިމްތިޔާޒް ވިދާޅުވީ މިސަރުކާރުގެ ވެރިކަމުގެ ފަސްއަހަރުގެ ދައުރު ނިމިގެންދާއިރުގައި އެމްޑީޕީ އިން ވީ މައިގަނޑު ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކޮށްދެވިފައިނުވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގިފައިނުވާ ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަން ހަމަ ސުމެކޭ. ދެން ރައީސް ޔާމީންގެ ސަރުކާރުން އެޅި އިމާރާތުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަނީ. ކޮރަޕްޝަނެއް ނުބެލި ތަނުގައި އިމާރާތެއްވެސް ނޭޅުނު ސަރުކާރެއް. މަގުތަކުގެ ވާހަކަ ދެއްކީ މީގެ ކުރީގައި ކޮރަޕްޝަނޭ ބްރިޖްގެ ކޮރަޕްޝަންގެ ވާހަކަ ދެއްކީ. ބްރިޖެއް ނޭޅުނު ތަނުގައި މަގުތައް ނުހެދުނު ތަނުގައި ކޮރަޕްޝަންވެސް ނުބެލި މިވަނީ މިސަރުކާރުން. ސުމެއްނޫންތޯ އެހެންވީމަ. ކީއްވެގެންތޯ އަޅުގަނޑުމެން ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ދޭންވީ. ސުމެއް ނޫންތޯ؟

އިމްތިޔާޒް ވިދާޅުވީ އެމްޑީޕީއިން ވީ ވައުދުތަކުގެ ތެރޭގައި ހަގީގަތުގައި އަތްލެވޭ ގޮތަށް އެންމެ ކަމެއްވެސް މިސަރުކާރަށް ކުރެވިފައިނުވާ ކަމަށެވެ.

ފަސް އަހަރު ސުމެއް. ހަމަ ސުމެއްގެ ގޮތުގައި މި ދުއްވާލަނީ.

އިމްތިޔާޒްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާ އިރު މަޖިލީހުގައި ތިއްބަވާ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ބަހުގެ ހަމަލާތައް މިސަރުކާރަށް ދަނީ އަމާޒުވަމުންނެވެ.

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެހާ ގިިނަ ދުވަހު ފާރަލައި، އަދި ހަމަލާ ދޭން އެހެން ފަހަރުތަކުގައި ވެސް މަސައްކަތްކޮށްފައި ވަނިކޮށް އައިއީޑީއެއް ގޮއްވާލަން އުޅޭކަން ނޭނގި އޮތް ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ. އަދި ތަހުގީގުގެ މައުލޫމާތުތައް ދެމުން ފުލުހުން ބުނީ ރައީސް ނަޝީދަށް ހަމަލަ ދޭން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި އެމަނިކުފާނު ކަސްރަތު ކުރައްވަން ނިކުންނަވާ ވަގުތުތަކުގައި މޭރީ ބްރައުން ކައިރީ އެއްޗެސް ގޮއްވާލަން ރޭވުމާއި، އެމަނިކުފަނުގެ އަނބިކަބަލުން ލައިލާ އަލީގެ ގެ މ. ޔާގޫތުގޭގައި ވެސް އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: