ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ފައްޓަވައި ރައީސް ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީ ހިންގުމުގެ ގަވާއިދަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
ގެނެވިފައިވާ އިސްލާހު، އެއީ އޮންލައިންކޮށް ކޮމިޓީ ބައްދަލުވުންތަކުގައި ބައްދަލުވެވޭނޭ ގޮތަކަށް އިސްލާހުކުރުމަށް އެބޭފުޅުން އެދިވަޑައިގެންފަ މި އޮތީ.
ރައީސް ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިނުވެވޭނެ ކަމަށެވެ.
އަޅުގަނޑަށް ފެންނަ ގޮތުގައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އޮންލައިންކޮށް ހިންގަވަން މި ނިންމަވާފައިވާ ނިންމުމަށް އަމަލުކުރުން އެއީ އޮތް ގޮތެއް ނޫން.
މީގެ ކުރިންވެސް އޮންލައިންކޮށް ކޮމިޓީގައި ބައިވެރިވުމާއި ގުޅޭ ނުކުތާ ފާހަގަކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން އާއްމު ކޮމިޓީން ނިންމާ ނިންމުމަކީ މަޖިލީހުގެ އުސޫލު ކަމަށާއި އެހެންކަމުން އެކަން ބަލައިގަނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އޮންލައިންކޮށް ކޮމިޓީތަކުގައި ބައިވެރިވުމުން ކޮމިޓީ އެލަވަންސް ދިނުމުގެ އުސޫލު ފުށުއަރާ ކަމަށެވެ.
ކޮމިޓީއަށް ހާޒިރުވެވަޑައިނުގެން ހުންނަވާ އެހެން ނަމަވެސް އޮންލައިންކޮށް ކޮންމެވެސް ކޮމްޕިއުޓަރެއް ޖައްސަވާލައިގެން، ނުވަތަ ފޯނު ޖައްސަވާލެއްވީމާ ކޮމެޓީއަށް ހާޒިރުވެވަޑައިގަތީ ކަމަށް ބެލެވި. އެހެންވީމާ އެއާ ގުޅިގެން ހުރި އެލަވަންސް ތަކާއި އިމްތިޔާޒްތަކާއި އިނާޔަތްތައް ލިބިގެން އެބަދޭ.
ރައީސް ނަޝީދު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި މަޖިލީހުން އޮންލައިންކޮށް ޖަލްސާތައް ކުރިއަށް ގެންދިޔަ ކަމަށެވެ. ނަމަވެސް އެއަށްފަހުގައި މިހާރު މަޖިލިސްއަށް ހާޒިރުވެގެން ޖަލްސާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ އޮންލައިންކޮށް ހިންގުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުމަށް ނުފެންނަ ކަމަށާއި އެކަން އެގޮތަށް ހަމަޖެހިފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

