އެމްޑީއޭއިން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކޯލިޝަން ދައުވަތު ބަލައިގަތުމަށް ނިންމާފައިވާތީ، އެމްޑީޕީއިން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވުމާއި އެކު، އެ ޕާޓީގެ ކެނޑިޑޭޓު ރައީސް ސާލިހުވަނީ ކޯލިޝަން ހެދުމަށް އެހެނިހެން ޕާޓިތަކަށް ދައުވަތު ދެއްވާފައެވެ. ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ ގެ ޕާޓީ، އަދާލަތުން ވަނީ އެ ދައުވަތު ބަލައިގަނެ، ކޯލިޝަން ހެދުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
އެމްޑީއޭއިންވެސް ވަނީ ކޯލިޝަން ދައުވަތު ބަލައިގަނެފައެވެ. އަދި އެ ނިންމުން ނިންމީ ރާއްޖޭގެ މަންފާއަށް އެދޭތީކަމަށާއި، ސިޔާސީ ހަމަޖެހުން ގާއިމު ކުރުމުގެ މަގުސަދުވެސް ހިމެނޭކަމަށް އެ ޕާޓީއިންވަނީ ބުނެފައެވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިންވަނީ މި ނިންމުމަަށް މަރުހަބާ ކިޔާފައެވެ.
ޕާޓީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމަށް ރައީސް ދެއްވި ދައުވަތު ގަބޫލުކޮށް، އެ ޕާޓީއަށް ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކޮށްދިނުމަށްޓަކައި މަސައްކަތް ކޮށްދިނުމަށް އެމްޑީއޭއިން ނިންމާފައިވާ ނިންމުމަށް ޕާޓީގެ ފަރާތުން މަރުހަބާ ކިޔާކަމަށެވެ.
އެ ޕާޓީއިން ބުނެފައިވާގޮތުން، އެމްޑީއޭގެ ނިންމުމަކީ ރައީސް ސާލިހުގެ މި ދައުރުގައި ގެނެސްދެއްވާފައިވާ ހަމަޖެހުން ދެމެހެއްޓުމަށާއި ރައްޔިތުންގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ ހައްގުގައި ނިންމި ނިންމުމެއް ކަމަށް އެ ޕާޓީއިން ބަލައިގަންނަކަމަށެވެ.

