ލާޒިމް ނޫން ސަރަހައްދުތަކުގައި ހެލްމެޓު އަޅައިގެން ސައިކަލު ދުއްވާ ފަރާތްތައް ހުއްޓުވައި ފާސް ކުރާނެކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
ހެލްމެޓު އަޅައިގެން ތިބި ބަޔަކު މީޙުން ހުޅުމާލޭގެ ވިޔަފާރިއަކަށް ގެއްލުން ދިން މައްސަލަ އާއި ގުޅިގެން އަމަލު ކުރަން ނިންމާފައިވާ ގޮތަށް އަލިއަޅުވައި ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން، ހެލްމެޓު އެޅުން ލާޒިމް ނޫން ސަރަހައްދުތަކުގައި ވަނަވަރު ފޮރުވައިގެން ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ބަޔަކު ހަރަކާތްތެރިވަމުންދާކަން އެ މުއައްސަސާއަށް ފާހަގަކުރެވިފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުން ދެ ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު ދުއްވަން އިންނަ ފަރާތާއި ފަހަތުގައި އިންނަ ފަރާތަށް ހެލްމެޓު އެޅުން ލާޒިމު ކުރެވިފައިވަނީ 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި އެކަން އެންގުމަށް ބޯޑު ހަރު ކުރެވިފައިވާނެކަން ފާހަގަކޮށްފައިވެއެވެ.
#MPSPressStatement: 171-A(C1)/PS/2023/03 – Helmet elhun laazimkoffai nuvaa sarahadhu thakugai helmet elhumaa gulhey https://t.co/MIZ958NjLY#mpsnoosbayaan pic.twitter.com/4YEZF3HYGE
— Maldives Police (@PoliceMv) February 26, 2023
އެ މުއައްސަސާއިން ބުނެފައިވާގޮތުން، ހެލްމެޓު އެޅުން ލާޒިމު ނޫން ސަރަހައްދުތަކުގައި އަޅައިގެން ދުއްވާ ފަރާތްތަކާއިމެދު ފާރަވެރިވާނެއެވެ. އަދި ތުހުމަތު ކުރެވޭ ފަރާތްތައް ހުއްޓުވައި ފާސްކުރާނެކަމަށް ބުނެފައިވެއެވެ. ފުލުހުން ބުނެފައިވާގޮތުން، މިގޮތުގެ މަތިން އަމަލު ކުރުމަށް ނިންމީ ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ގާއިމު ކުރުމުގެ ބޭނުމުގައެވެ.
ހެލްމެޓު އަޅަން ނުޖެހޭ ހާލަތެއްގައި އަޅާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފައިވާއިރު، ފިހާރައަކަށް ހަމަލާ ދިން މައްސަލައެއްވެސް ދާދި ފަހުން ފެންމަތިވެފައިވެއެވެ. އަދި ފިހާރައެއް ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލި މައްސަލައެއްވެސް ފެންމަތިވެފައިވެއެވެ.

