ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ކައުންސިލް އިންތިހާބުން ނާކާމިޔާބީ ލިބުނީ ސަރުކާރުގެ މީހުންނަށް

ރައީސް ނަޝީދު ޖޭޕީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގެން އިންނަވަނިކޮށް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ތިން ވަނައަށް އެންމެ ބިޔަ ސިޔާސީ ޕާޓީގެ މައި ބައްދަލުވުން ނިމުމަކަށް އައިސްފިއެވެ. ގިނަ ނިންމުންތަކެއް ނިންމި ކޮންފަރެންސް، ފާހަގަ ކުރެވުނީ ޖުމްހޫރީ ޕާޓީގެ ތެރޭގައި ސަރުކާރާއި ދެކޮޅު ހިޔާލުތަކެއް އޮތް ކަމެވެ.

ނައިބު ރައީސް ފައިސަލް ނަސީމަކީވެސް ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށްވުމުން، މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން އެކުލަވާލެވުނު އިރު، ޖުމްހޫރީ ޕާޓީގެ ބާރުވެރިކަން އޮތް މިންވަރު ހާމަވެގެންދެއެވެ. އެހެންނަމަވެސް ދައުރެއް ނިމިގެންދިއުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ބޭއްވި ކޮންފަރެންސްގެ ތެރެއިން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ، ކޯލިޝަން އެކުލަވާލުމުން ޕާޓީއަށް ލިބިގެންދިޔަ ފައިދާއެއް ނެތްކަމަށް ސިފަކުރައްވާފައެވެ.

ވިދާޅުވީ، ކޯލިޝަން ހަދަން ވުމުން، އެ ޕާޓީ ފެނުނު ނަމަވެސް، ވައުދުތައް ފުއްދުމުގައި ނުވަތަ ތަރައްގީގެ ކަންކަމުގައި އެ ޕާޓީގެ ޝާމިލުވުމެއް ނެތްކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކޯލިޝަން ހެއްދެވުމަށް ދައުވަތު ފޮނުއްވާފައިވާނަމަވެސް، އެ ވާހަކަތައް އޭނާ ދައްކަވާފައިނުވެއެވެ. ބަދަލުގައި ގާސިމް ދެއްކެވީ، މިހާރު ރައީސް ސާލިހާއި ދެކޮޅުވެރިކަމަށް ފެނިގެންދާ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަތަކެވެ.

ގާސިމް ދެއްކެވީ، ދެ ބޭފުޅުންގެ ދެމެދު އޮތް ތާރީހީ ގުޅުމުގެ ވާހަކަތަކެވެ. ގާސިމް ދެއްކެވީ ދެ ބޭފުޅުން އެކުގައި ތަހައްމަލު ކުރެއްވި ދަތިތަކުގެ ވާހަކަތަކާއި އެކަކު އަނެކަކަށް ފޯރުކޮށްދެއްވާފައިވާ އެހީތަކުގެ ވާހަކައެވެ. ގާސިމް ވަނީ ރައީސް ނަޝީދު އެމަނިކުފާނަށް ލިޔެކިޔުމެއް ނެތި ސިންގަޕޫރުގައި ހުރެވޭނެ މަގު އަދި ފަރުވާއަށް ޖަރުމަނަށް ފުރާ ވަޑައިގަތުމުގެ މަގު ފަހިކޮށްދެއްވިކަމަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.

މި ކޮންފަރެންސްގައި ޖުމުހޫރީ ޕާޓީއިން އަމިއްލަ ކެނޑިޑޭޓެއް ނެރުމާއިމެދުވެސް ބަހުސްތަކެއް ކުރެވިގެންދިޔައެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ އިއްތިފާގުން ނިމިގެންދިޔައީ އަމިއްލައަށް ކެނޑިޑޭޓެއް ނެރޭ ގޮތަށެވެ. އަދި ކޯލިޝަނެއް ހަދާ ނަމަވެސް އެ ކޯލިޝަންގައި ޖުމުހޫރީ ޕާޓީ އިސްކޮށް އޮތުމަށް ކޮންގްރެސްއިންވަނީ ޝަރުތުކޮށް، ކައުންސިލަށް ލަފާ އަރުވާފައެވެ. އެހެންކަމުން އެ ޕާޓީގެ އަގުލަބިއްޔަތުގެ ވިސްނުން ހުރީ މިހާރު އޮތް ސަރުކާރާއި ދެކޮޅަށް ކަން ސާފުވެގެންދެއެވެ.

މީގެ އިތުރުންވެސް ސަރުކާރާއި ދެކޮޅަށް ޕާޓީ އޮތް ކަމަށް ދޭހަވާ ހެކިތަކެއް ފެނިގެންދިޔައެވެ. ޕާޓީގެ ކައުންސިލުގެ މެމްބަރުން އިންތިހާބު ކުރެވިގެންދިޔައިރު، ޖުމުލަ ގޮތެއްގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ ނާކާމިޔާބީ އާއިއެވެ.

އެންވައިރަމެންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވާ ހަސަން މުޣުނީ އަދި ފިޝަރީޒް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން އަދި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަަދު އަހުމަދު ހުސެއިން އާއި އިސްދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހަމީދު ފަދަ ސަރުކާރާއި ގުޅުން އޮންނަ ބޭފުޅުންވެސް އެ ޕާޓީގެ ނައިބުގެ މަގާމަށް ކުރިމަތިލެއްވިއެވެ. އެހެންނަމަވެސް ނާކާމިޔާބު ވެވަޑައިގެންނެވިއެވެ. ނައިބު ލީޑަރުކަން ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ މަގާމެއްގައި ހުންނެވި ބޭފުޅުންނަކީ ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއެވެ.

ޖުމުހޫރީ ޕާޓީ އާއި ސަރުކާރާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމަށް ބެލެވިދާ އިތުރު ސަބަބުތައްވެސް މި ކޮންފަރެންސްއިން ފާހަގަކުރެވިގެންދިޔައެވެ. އިސް ސަފުގައި އަދާލަތުގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި އެމްޑީޕީގެ ރައީސް ނަޝީދުގެ އިތުރުން، އިންޑީއާގެ ސަފީރުވެސް އިންނެވިއިރު، ރައީސް ސާލިހު ބައިވެރިވެވަޑައިނުގަންނަވައެވެ.

ދައުވަތު އަރުވާފައިވާނަމަވެސް ނައިބު ރައީސް ފައިސަލް ނަސީމުވެސް މި ކޮންފަރެންސްގައި ބައިވެރިވެވަޑައިނުގަންނަވައެވެ. އެމަނިކުފާނުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމްވެސް ބައިވެރިވެވަޑައިގެންފައިނުވެއެވެ.

ނައިބު ރައީސް ފައިސަލްވަނީ ދާދި ފަހުން ރައީސް ސާލިހަށް ތާއީދު ކުރައްވާ ވާހަކަދައްކަވާފައެވެ. އެހެންނަމަވެސް ޖޭޕީއިން ކޯލިޝަން ހެދުމަށް އެއްބަސްވެފައިނުވާތީ އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުންވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ.

ޖޭޕީގެ މެމްބަރެއް ކަމަށްވާ، މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންވެސް ވަނީ ކޯލިޝަނެއްގެ ތެރޭގައި މަސައްކަތް ކުރުމާއި ދެކޮޅަށް ވަކާލާތު ކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެހެނިހެން ޕާޓީތަކަށް ވެރިކަން ހޯދައިދިނުމަށް ޖޭޕީއިން ގިނަ މަސައްކަތްތަކެއްކޮށް ގުރުބާނީތަކެއްވެސް ވެފައިވާނެކަމަށެވެ.

އެހެންނަމަވެސް އޭނާ ޕާޓީ އާއި ގުޅިވަޑައިގަތީ އެ ޕާޓީއާއިއެކު ވެރިކަން ހާސިލު ކުރުމަށްކަމަށާއި، އެހެން ޕާޓީއެއްގެ ފަހަތުގައި ރިޔާސީ އިންތިހާބާއި ކުރިމަތިލާން ނޫންކަމަށްވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

ޖޭޕީގެ ކޮންގްރެސް މެމްބަރުން ބަހުސްގެ ތެރޭގައި ފާހަގަކޮށްފައިވާގޮތުން، މިހާރު އޮތް ސަރުކާރަކީ ގިނަ އަދަދެއްގެ މީހުންނަށް ކަމުނުދާ ސަރުކާރެކެވެ. އެހެންކަމުން އެމްޑީޕީއާއި އެކު ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ޖުމްހޫރީ ޕާޓީގެ މިސްރާބާއިމެދުވެސް ސުވާލުތައް އުފެދިގެންދާކަމަށް ބުނެފައިވެއެވެ.

ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުންވަނީ ޖުމްހޫރީ ޕާޓީގެ ކޮންފަރެންސް އިން އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމި ނިންމުމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވަނީ އެ ނިންމުމާއިއެކު، މިހާރު އޮތް ކޯލިޝަން ރޫޅިގެންދާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: