ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދިނީ އުސޫލުގެ ތެރެއިން: ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދިނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ކަންކަން ކުރަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާނެއްގައި ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވަނީ ރެޑްވޭވް ކުންފުންޏަށް ވިލިމާލެއިން ބިމެއް ދޭން އެއްބަސްވެފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ ކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަމުގައި ކައުންސިލްގެ މަޝްވަރާއަކަށް ވެސް މިހާތަނަށް އައިސްފައިނުވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާގެ ވާހަކަތަކަށް ރައްދުދީ އެވާހަކަތައް ދޮގުކޮށް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިލިމާލޭގެ ރައްޔިތުންނަށް ވީހާވެސް ގާތުން ވިޔަފާރީގެ ހިދުމަތް ލިބިދިނުމަށް ބޭނުންވާތީ ވިލިމާލޭގައި ކޮމާޝަލް ބިލްޑިންގ އެއް އެޅުމަށް ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާން ކުރެވުނު ކަމަށެވެ. އަދި އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ފްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހެޅި ފަރާތެއް ކަނޑައަޅާފައިވަނީ ކައުންސިލްގެ ބިޑް ކޮމެޓީން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކޮމާޝަލް ބިލްޑިންގ އެއް އެޅުމަށާއި ވިލިމާލޭގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އާއްމު ބައްދަލުވުމުގައި ބަހުސްކޮށްގެން އެ ތަންތަނަށް ކަނޑައަޅާފައިވާ ބިންތައް ފާސްކޮށްގެން ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެގޮތަށް ފާސްކޮށްފައިވަނީ އެ ބައްދަލުވުންތަކުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލުން ބުނީ ވިލިމާލޭގެ ތަރައްގީގެ ޕްރޮޖެކްޓްތަކާއި ބެހޭ ހުރިހާ ބައްދަލުވުންތަކުގައި ވެސް ވިލިމާލޭގެ ކައުންސިލަރު ހާޒިރުވެ ބަހުންސައި ބައިވެރިވެ އެކަންކަން ކުރިއަށްގެންދިއުމަށް ވަނީ ވޯޓް  ދެއްވާފައި ކަމަށެވެ. އަދި އެ ބައްދަލުވުން ތަކުގެ ހާޒިރީގައި ވިލިމާލެ ދާއިރާެގެ ކައުންސިލަރު ސޮއިކޮށްފައިވާ ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ. އެހެންކަމުން އެކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދެފުށް ފެންނަ ގޮތަށް ކައުންސިލާއި ވިލިމާލޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ސިޓީކައުންސިލުން ގަބޫލުކުރާ ކަމަށް އެކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މާލޭ ސިޓީގައި ހިމެނޭ ވިލިމާލޭގައި ހިންގާ ސީޝިއާ ރެސްޓޯރަންޓްގެ މުއްދަތު އިތުކޮށްދީފައިވަނީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، މިފަދަ ކަންކަމުގައި އަމަލުކުރަމުންދާ އުޞޫލުތަކާއި ޤަވާއިދުތަކުގެ ދަށުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެގޮތުން މި އެއްބަސްވުމަށް މުއްދަތު އިތުރުކުރުމަށް އެދި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވިލިމާލޭގައި ޕާކެއް ތަރައްޤީކުރުމާއި، ވިލިމާލޭގެ އިރުމަތީފަރާތު މާލެއާއި ވީފަރާތުން ޕިކުނިކު ދާ ފަރާތްތަކަށް ޚާއްޞަކުރެވިގެން ހަދާ އޭރިޔާގައި ބަހައްޓަންޖެހޭ ފާޚާނާބަރިއާއި ޝަވަރތައް އަދި ޗޭންޖިންގ ރޫމު ބަހައްޓާގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން ވިލިމާލޭ ސަރވިސްކޮމެޓީއަށް ހުށަހެޅުއްވީ ވިލިމާލޭ ސަރވިސް ކޮމެޓީގެ މުޤައްރިރުކަން އޭރު ކުރެއްވި، ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކަމާއި އަދި އެ ހުށަހެޅުން ކޮމެޓީން ފާސްކޮށްފައިވަނީވެސް، އެ ކޮމެޓީގެ  10ވަނަ ބައްދަލުވުމުން 13 އޭޕްރީލް 2022ގައި،އެ ކޮމެޓީގެ މުޤައްރިރުކަމުގައި ހުންނެވި، ވިލިމާލޭ ދާއިރާގެ ކައުންސިލަރު ކޮމެޓީއަށް ހުށަހެޅުއްވި ހުށާހެޅުމާއި ޝީޝިއާ ރެސްޓޯރަންޓުގެ ފަރާތުން ހުށަހެޅުއްވި ލިޔުންތައް ކޮމެޓީން ދިރާސާކުރުމަށްފަހު ކޮމެޓީގެ އަޣުލަބިއްޔަތުން ނިމުނުގޮތަށް ކަމުގައިވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެ ހުރިހާ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: