ރައީސް އިބްރާހިމް މުހައްމަދު ސާލިހު އދގެ ސެކެޓްރީ ޖެނަރަލް އެންޓޯނިއާ ގުޓޭރެޒް އާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް ސާލިހު ގަތަރަށް ކުރެއްވި ދަތުރުފުޅުގައި މި ބައްދަލުވުން ކުރިއަށް ގެންދެވީ، ދޯހާގައި ހުންނަ ގަތަރު ނެޝަނަލް ސެންޓަރުގައެވެ. އެމަނިކުފާނު ގަތަރަށް ފުރާވަޑައިގަތީ އދގެ ”ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް“ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ރައީސް އަދި އދގެ ސެކެޓްރީ ޖެނެރަލް ދެމެދު ކުރިއަށް ގެންދެވި ބައްދަލުވުގައި، އދ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއިމެދު މަޝްވަރާތައް ކުރެވިފައިވެއެވެ. ރައީސްވަނީ މި ބައްދަލުވުމުގައި ރާއްޖެއަށް އދ މުހިންމުވަރު ފާހަގަކޮށްފައެވެ. އަދި އެ ޖަމިއްޔާގެ ސަބަބުން ރާއްޖެއަށް ކުރިއަރަން ފަހިވެގެންދިޔަކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ ސިނާއަތު ކުރިއެރުވުމާއިމެދުވެސް ވާހަކަތައް ދެކެވުނެވެ. އެގޮތުން ޕަބްލިކް ސެކްޓާރ އާއެކު އދ އަށް މަސައްކަތްކުރެވިދާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލެވިފައިވާއިރު، ރާއްޖޭގެ މަހުގެ ވިޔަފާރި ފަދަ ދާއިރާތަށް އިތުރަށް ހަރުދަނާ ކުރުމާއިމެދުވެސް މަޝްވަރާތައް ކުރެވިގެންދިޔައެވެ.
ގުޓެރޭޒް ވަނީ މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޝާހިދު އެ ޖަމިއްޔާގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރެއްވި ދުވަސްވަރަށްވެސް ފާހަގަކޮށްފައެވެ. އަދި އެ ދައުރުގައި ކަންކަން ކުރިއަށް ގެންދެވީ ވަރަށްވެސް ރަނގަޅަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

