އަމީނީމަގުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވޮލަވްމަންޓް ކޯޕަރޭޝަން (ޢާރުޑީސީ) އާއިއެކު ހެދި އެއްބަސްވުމާއި އެ މަގުގެ ކުރެހުންތައް ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.
އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުން ހާމަކުރުމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ޕްލޭނިންގ މިނިސްޓްރީއަށް އެންގުމުން އެ މައްސަލަ އެ މިނިސްޓްރީން ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އަމީނީ މަގުގެ އެއްބަސްވުމުގެ މައުލޫމާތުތައް ހޯދުމަާށް އެދުމުން އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނި ނަމަވެސް އެ މައުލޫމާތު ހާމަނުކުރެވޭނެ ގާނޫނީ ސަބަބެއް އޮވެގެންކަން އެމިނިސްޓްރީއަށް ހާމަކޮށް ދެވިފައިނެތް ކަމަށެވެ.
އަމީނީމަގާއި ގުޅޭ މައުލޫމާތު ދިނުމަށް ދެކޮޅު ހެދީ ތިންވަނަ ފަރާތެެއްގެ މައުލޫމާތު ހިމެނޭތީ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންނަމަވެސް ހައިކޯޓްގެ ހުކުމުގައި ބުނެފައިވަނީ ތިންވަނަ ފަރާތުގެ ތެރޭގައި ދައުލަތުގެ އިދާރާތައް އޭގެތެރޭގައި ނުހިމެނޭ ކަމަށް ގާނޫނުގައި ބުނެފައިވާއިރު އަދި އާރުޑީސީ އަކީ ދައުލަތުގެ އިދާރާއެެއް ކަމަށެވެ.
އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އާރުޑީސީ އާއި ހަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.
އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ނިންމާ މިހާރުވަނީ އެބައި އާއްމުންނަށް ހުޅުވާލާފައެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯ މީޓަރުގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމް ކޮށް މަގު ބައްތި ޖެހުމާއި ބަސް ހުއްޓި ސައިން ބޯޑުތަކާއި ބަމްޕަރު ތައް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމަށް ނިންމާފައިވަނީ އަމީނީ މަގުގެ ހާލަތު ދަށްވުމާއި ވިއްސާރަ ދުވަސްވަރު އެ މަގުގައި ފެންބޮޑުވެ ހިނގާ މީހުންނާއި ދުއްވާ ތަކެއްޗަށް އެކަމުގެ ދަތިކަން އިންތިހާ އަށް ބޮޑުވެފައި ވަނިކޮށެވެ. އެ މަގު ތަރައްގީކޮށް ނިމޭއިރު މަގުގައި ފެން ހިންދާނެ ޒަމާނީ ނިޒާމެއް ގާއިމް ކުރެވޭނެ ކަމަށް އާރުޑީސީގެ ފަރާތުން ވަނީ ބުނެފައެވެ. އެގޮތުން ފެންހިންދާ ޕަމްޕް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އާރުޑީސީ އިން ވަނީ ބުނެފައެވެ.

