ސިޔާސީ ޕާޓީތަކުން އިންތިހާބުތަކުގެ ކެމްޕޭނަށް ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުންކުރާ މައްސަލަ ހައްލުނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ހުށަހެޅުނު އިސްލާހުގެ ބަހުސްކުރިއަށް ދިޔަ ވަގުތު ރައީސް ނަޝީދު ވިދާޅުވީ އިންތިހާބުތަކާއި ގުޅިގެން ރާއްޖެއިން ބޭރުން އޮބްޒާވަރުން ރާއްޖެއައިސް އެކިއެކި ކަންކަން ހައްލުކުރުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވައި ހިޔާލު، ކަމާއިބެހޭ ފަރާތްތަކާ ހުށަހަޅުއްވާ ކަމަށެވެ. އެގޮތުން ދާދިފަހުން އީޔޫގެ އިލެކްޝަންސް އޮބްޒާވަރުންގެ ޓީމެއް ބައްދަލުކުރައްވައި އިންތިހާބާއި ގުޅިގެން އެބޭފުޅުންހެ ހުރި ކަންބޮޑުވުންތައް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
އީޔޫގެ އިލެކްޝަންސް ޓީމްގެ ކަންބޮޑުވުންތަކަށް މިއަދު ހުށަހެޅުނު ބިލުގައި ހައްލެއް ނެތްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް އިންތިހާބުތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރުމާއި ދައުލަތުގެ މީޑިއާ އިންތިހާބުތަކަށް ބޭނުންކުރުމުގެ މައްސަލައަށް އަދިވެސް ހައްލު ލިބިފައިނުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އިތުރުން އިންތިހާބުތަކާއި ބެހޭ އާއްމު ގަވާއިދަށް އިސްލާހު ހުށަހެޅުއްވި ބައެއް މެމްބަރުން ވަނީ އިންތިހާބުތަކުގައި ވަކިވަކި މީޑިއާތަކަށް ދައުލަތުން ފައިސާ ދޭ މައްސަލަ އާއި ވަކި ގޮތަކަށް ހަބަރުތައް ގެނެސްދިނުމަށް ބައެއް ނޫސްތަކަށް ދައުލަތުން އެދެމުންދާ ކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބާއި ދިމާކޮށް އިސްލާހުތައް މަޖިލީހަށް ހުށަހަޅައިގެން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ކަމެއް ކުރަން ގަސްތުކުރާ ނަމަ ނުވަތަ އެފަދަ ކަމެއް ކުރަމުންދާނަމަ ވަގުތުން އެކަން ހުއްޓާލުމަށް ވަނީ ސަރުކާރަށް ބައެއް މެމްބަރުން ގޮވާލާފައެވެ.

