އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހް ބައިވެރިވެލެއްވި މާހެފުމަކާއި އެކު ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މާހެފުމެއް މިރޭ ކުރިއަށް ގެންގޮސްފިއެވެ.
ރައީސް ސާލިހްގެ މާހެފުން ބާއްވާފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ.
ރައީސް ސާލިހްގެ މާހެފުމުގައި ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި އެކި ވުޒާރާތަކުގެ އިސްވެރިންނާއި ޕާޓީގެ އާއްމު މެމްބަރުން ބައިވެރިވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ މާހެފުން ކުރިއަށްދިޔައި ދޮންމަނިކު ސްކައިވިއުގައެވެ.
ރައީސް ނަޝީދުގެ މާހެފުމުގައި އެމަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އާއްމު މެމްބަރުން ބައިވެރިވިއެވެ.
ރައީސް ސާލިހް އާއި ރައީސް ނަޝީދުގެ މާހެފުން އެއް ވަގުތެއްގައި ބާއްވާފައިވާއިރު އެމްޑީޕީ އިން ބުނިގޮތުގައި ކުރިން މާހެފުމަށް އިއުލާން ކުރެވުނީ ރައީސް ސާލިހްގެ ފަރާތުންނެވެ.
ރައީސް ސާލިހްގެ މާހެފުމުގެ ދައުވަތުދީ އެ އިވެންޓް ސޯޝަލް މީޑިއާގައި ޕްރޮމޯޓް ކުރަނިކޮށް ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ މާހެފުން މިރޭ ބޭއްވުމަށް ނިންމީއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ލިބުނު ނާކާމިޔާބީ އަށް ފަހު ރައީސް ނަޝީދު ގެންދަވަނީ ރައީސް ސާލިހް އާއި ވަކިން ސިޔާސީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައި ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތްތަކެއް ހިންގަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.
ރައީސް ސާލިހް ގެންދަވަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި މަޝްވަރާކޮށް ކޯލިޝަން ހެދުމަށް މަޝްވަރާތައް ކުރައްވަމުންެނެވެ. އެގޮތުން މިވަގުތުވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އާއި ކޯލިޝަންއާ މުޅިން އަލަށް ގުޅުނު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އެމްޑީއޭ ވަނީ ރައީސް ސާލިހް އާއި އެކު މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކޯލިޝަންގައި ބައިވެރިވެފައެވެ.

