އެޗްޑީސީ އިން އޮޅުވާލައިގެން ބިމެއް ވިއްކާފައި ނޯންނާނެކަމަށާއި، ކުރިމަތިވެގެން އުޅޭނީ ހިޔާނާތްތެރިވި މުއައްޒިފަކުގެ ރިޝްވަތުގެ މުއާމަލާތެއްގެ މައްސަލަކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން އޮޅުވާލައިގެން ބިމެއް ވިއްކާފައިވާކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާއިރު، އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން ކުންފުނިންވަނީ މުއައްޒަފަކު އޮޅުވާލައިގެން މަންފާއެއް ހާސިލުކުރުމަށް ބިމެއްގެ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވުމާއިއެކު ފިޔަވަޅު ވަނީ އަޅާފައެވެ. އެގޮތުން މައްސަލަ ބަލައި ސަސްޕެންޑު ކުރެވިފައިވާކަމަށް އެޗްޑީސީއިން ފާހަގަކޮށްފައިވެއެވެ.
އެޗްޑީސީ އިން ބުނެފައިވާގޮތުން ކަސްޓަމަރަކަށް އޮޅުވާލައިގެން ފައިސާ ހޯދާފައިވާކަމާއި އެ މުއައްޒިފުގެ ބެންކު އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަން މައްސަލައިގެ ތަހުގީގުތަކުގެ ތެރެއިން އެ ކުންފުންޏަށް ފާހަގަކުރެވެއެވެ. އެހެންކަމުން އެ ކޯޕަރޭޝަންގެ ފަރާތުން ފައިސާގެ އެއްވެސް މުއާމަލާތެއް މުއައްޒަފެއްގެ އަމިއްލަ އެކައުންޓު މެދުވެރިކޮށް ނުކުރާނެކަން ފާހަގަކުރާކަމަށާއި އެކަމަށް ސަމާލުވުމަށް ނަސޭހަތްތެރިވާކަމަށްވެސް ބުނެފައިވެއެވެ.
އެޗްޑީސީގެ ބިމެއް އޮޅުވާލައިގެން ވިއްކާފައެއް ނުވޭ. ހިޔާނާތްތެރިވި މުވައްޒަފު ހިންގާފައިވަނީ ރިޝްވަތުގެ މުޢާމަލާތެއް.
މީޑިއާގެ އެކި މަންސަތަކުގައި ފެތުރެމުންދާ ހަބަރުތަކާއި ގުޅިގެން ދަންނަވަމެވެ. 1/9
— HDC (@hdcmaldives) March 16, 2023
އެޗްޑީސީ އިން ބުނެފައިވާގޮތުން އެއް މިލިއަން ރުފިޔާއަށް ބިމެއް ވިއްކާފައިވާކަމަށް ބުނެ ދެކެވެނީ ތެދު ވާހަކައެއް ނޫނެވެ. އަދި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެ މުއައްޒިފަށް އެކަން ކުރުމުގެ ޖާގަ ލިބިފައިނުވާކަމަށް ބުނެފައިވެއެވެ. އެޗްޑީސީ އިން ބުނެފައިވާ ގޮތުން އެ ކުންފުނީގެ ބިން ވިއްކުމުގެ އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައިވަނީ ހަރުދަނާ އަދި ދެފުށް ފެންނަ ހަމަހަމަ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.
އެގޮތުން އާއްމުކޮށް ހުޅުވާލައިގެން ގެޒެޓުގައި އިއުލާނުކުރުމާއި ނުލާ ބިން ނުވިއްކާނެިއރު، ބިޑް ޕޯޓަލްގައި ރެޖިސްޓްރީ ނުވާ އެއްވެސް ފަރާތަކަށް ބިން ނުވިއްކާނެކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ހިންގާފައިވާ އަމަލަކީ އެ ކޯޕަރޭޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ އަމަލެއްކަމަށާއި އެ ފަދަ އަމަލެއް ހިންގާ މުއައްޒިފުންނާއި މެދު ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން އެޗްޑީސީއިންވަނީ އެ ކުންފުނިން އިއުލާނު ނުކޮށް މުއައްޒަފެއްގެ އެކައުންޓެއް މެދުވެރިކޮށް މުއާމަލާތެއް ނުހިންގާނެކަން ތަކުރާރުކޮށްފައެވެ. އަދި އެކަމަށް ސަމާލުވުމަށާއި ފާހަގަކުރެވިއްޖެ ހާލަތެއްގައި އެ ކުންފުންޏަށް އެންގުމަށްވެސް އެޗްޑީސީއިންވަނީ އެދިފައެވެ.

