ބަރަކާތްތެރި ރަމަޟަން މަސް ފެށެން ގާތްވެފައިވާއިރު، އެ މާތް މަސްވަރަށް އެޗްޑީސީން އަންނަނީ ގިނަ ތަރައްޔާރީތަކެއް ވަމުންނެވެ.
އޭގެ ތެރޭގައި ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ އެކި ކަންކަމަށް ވެސް މި ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ވާނީ ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފައެވެ. އަދި އެ ޔުނިޓުގައި އެސްޓީއޯގެ އައު ފިހާރައެއް ވެސް މިހާރު ވަނީ ހުޅުވާފައެވެ.
މީގެ އިތުރަށް ހަމަ އެ ސަރަހައްދަށް ޚާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވެސް މި ކުންފުނިން އަންނަނީ ވަމުންނެވެ. އަދި ހަމައެއާއި އެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް ވެސް މި ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.
މިކަމުގައި ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ އިރު ރަމަޟާން މަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
ރަމަޟާން މަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް ވެސް މި ކުންފިން ތައްޔާރުވެފައިވާއިރު، ހުކުރު ދުވަހު މި ކުންފުންނާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް ބާއްވާފައިވާނެއެވެ.
ރަމަޟާން މަސް ތެރޭގައި ވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މި ކުންފިނިން ވަނީ ތައްޔާރުވެފައެވެ. އޭޣެ ތެރޭގައި ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެގޮތުން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތްވެސް އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދެވޭނެއެވެ. މީގެ އިތުރަށް ރަމަޟާންމަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
ރަމަޟާން މަހާއި އެ ނޫންވެސް ދުވަސްވަރުގައި އެޗްޑީސީން ބާއްވާ މިފަދަ ހަރަކާތްތަކަށް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ކުންފުނީގެ ފަރާތުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

