މިއަހަރުގެ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދޭނެ ވޮލެކްޓިއަރުން ހޯދުމަށް ހައްޖު ކޯޕަރޭޝަނުން އިއުލާން ކޮށްފިއެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭން ހުށަހަޅާ ފަރާތަކީ ގިނަވަގުތު މަސައްކަތުގައި އުޅެވޭ، އަދި ސިއްހަތު ރަނގަޅު މީހަކު ކަމުގައި ވާންޖެހޭ ކަމަށެވެ.
ހައްޖުވެރިންނަށް އެހީވުމަށް ކުރިމަތިލެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭ ފަރާތްތަކުގެ މަސްއޫލިއްޔަތްތަކުގެ ތެރޭގައި ހައްޖުވެރިންނަށް ދޭންޖެހޭ އެންމެހައި މައުލޫމާތުތައް ދުވަހުން ދުވަހަށް ދެމުން ގެންދިއުމާއި، ދަތުރުގައި ހައްޖުވެރިން އެހީތެރިކަން ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، ހައްޖުވެރިންނަށް ދިމާވާ އެންމެހައި ކަންކަން، ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުރުން ހިމެނެއެވެ. އަދި ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމާއި ބާޒާރު ކުރުމާއި ބާޒާރުން ގެންނަ ތަކެތި ހޮޓަލަށް ގެންދިއުމާއި، ގުދަންކުރުމުގެ އިތުރުން ހައްޖުގެ މަޝާއިރުތަކުގައި ހައްޖުވެރިންނަށް އެހީތެރިވުން އަދި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ހައްޖު ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީވެސް މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މި މަގާމަށް މީހުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުއާމަލާތު ކުރަން އެނޭގ، ހައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުސަތު ދޭނެކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ މީގެ ކުރިން މި މަގާމަށް މީހުން ހޯދުމަށް ކުރި އިއުލާނަށް އިޖާބަދީ ފޯމް ހުށަހެޅި ފަރާތްތަކުން ފޯމް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އެހީތެރިންގެ އަދަދު ކަނޑައަޅާނީ އެކުންފުންޏަށް މިއަހަރު ލިބޭ ހައްޖު ކޯޓާގެ އަދަދަށް ބެލުމަށްފަހުގައި ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް މިހާތަނަށް ލިބިފައިވަނީ 1000 ކޯޓާއެވެ. އެކަމަކު އެ އަދަދު 2500 އަށް އިތުރުކޮށްދިނުމަށް ދިވެހިސަރުކާރުންވަނީ ސައުދީ ސަރުކާރުގައި އެދިފައެވެ.
އެހެންކަމުން ހައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ހައްޖު އަދި އުމްރާ ދަތުރުތަކުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިމުނަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުމަށް ހައްޖު ކޯޕަރޭޝަނުން ވަނީ އެދިފައެވެ.
އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ހުރިހާ ލިޔުންތަކެއް ހައްޖުކޯޕަރޭޝަންގެ އީމެއިލް admin@mhcl.mv އަށް ހުށަހެޅުމަށް އެކޯޕަރޭޝަނުން ވަނީ އެދިފައެވެ.

