ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ސެކިއުރިޓީ ބްރީޗްއެއް، 15 މިނެޓު ކާރަށް ކުރިޔަށް ނުދެވި އޮތުމަކީ ”ރައީސް ހަވަރަށް ދިނުން“!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އެއްވުން އެ ޕާޓީގެ އޮފީސް ކުރިމަތީ ކުރިޔަށް ދިޔަ ވަގުތު ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑު އެ ސަރަހައްދަށް ވަންނަން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދައި މިއީ ސެކިއުރިޓީ ފެއިލްވުންކަމަށް ރައްޔިތުންގެ 241 ކޮމިޓީގެ މެމްބަރުން ވިދާޅުވެއްޖެ އެވެ.

ސިލްސިލާކޮށް ކުރިޔަށް ގެންދާ މުޒަހަރާގެ ތެރެއިން، އެއްވުމުގެ ބައިވެރިން ރައީސްގެ ކާރުކޮޅަށް ހުރަސްއަޅާފައި ވަނީ ރޭ ހުޅުމާލޭގައި އޮތް ރަސްމީ ޖަލްސާއަކަށް ފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވި ވަގުތު ޕާޓީގެ އޮފީސް ކުރިމަތީންނެވެ.

ކޮންމެ ރެއަކު ވެސް އިދިކޮޅުން މި މުޒާހަރާ ކުރިޔަށް ގެންދާތީ، އާއްމުން ވަނީ ރައީސްގެ މޮޓޯކޭޑު ޕީޕީއެމް/ޕީއެންސީ އޮފީސް ހުންނަ ސަރަހައްދު ބޭނުން ކުރި ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި ހާއްސަކޮށް ސަރުކާރާއި ދެކޮޅު ޕާޓީއެއްގެ އެއްވުމެއްގެ ފަސްކޮށް ރައީސްގެ މޮޓޯކޭޑު ދިއުމަށް މަސައްކަތް ކުރީ އެކަން ނޭނގި ތިބެތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ.

ރައީސްގެ ކާރުކޮޅަށް ހުރަސްއެޅި މައްސަލަ އާއި، ސެކިއުރިޓީ ފެއިލްވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ ބަލަން ފަށާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލަމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގެ އިސް ނެގުމަށް މައްސަލަ ބަލަން ފެށިއިރު، މިއީ ރައީސްގެ ސެކިއުރިޓީ އާއި ގުޅުން ހުރި ބޮޑު އިހުމާލެއްކަން ފާހަގަކޮށް އާއްމުން ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އަދި ކޮމިޓީ ބައްދަލުވުމުގައި ވެސް މެމްބަރުން އުފެއްދި އެންމެ ބޮޑު ސުވާލަކީ އިދިކޮޅު ޕީޕިއެމް/ޕީއެންސީ ކޮންމެ ރެއަކު ސިލްސިލާ ގޮތެއްގައި ހަރަކާތްތައް ކުރިޔަށް ގެންދާ ސަރަހައްދަކުން ރައީސްގެ މޮޓޯކޭޑު ދަތުރު ކުރުމަށް މަސައްކަތް ކުރި ސަބަބާއި ގުޅޭގޮތުންނެވެ.

އެހެންވެ، މެމްބަރުން ގޮވާލީ ސަލާމަތީ ހިދުމަތްތަކުން، އަމަލު ކުރި ގޮތުގެ ތަފްސީލުތައް ހޯދުމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ކޮމިޓީން ކޮންމެހެން ސާފުކޮށް، ބަލަން ޖެހޭ ދެ މައްސަލައެއް އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މޮޓޯކޭޑު ދަތުރު ކުރާ މަގު ސެކިއުރިޓީން ކުރިޔާލައި ބަލާފައި ވޭތޯ އާއި، ނޫނީ ގަސްތުގައި އެފަދަ ކަމަކަށް ދޫކޮށްލީ ތޯ ބެލުން ކަމަށެވެ.

ގަޕޯގެ ވާހަކައަށް ތާއީދު ކުރައްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ކާރުކޮޅަށް ހާއްސަކޮށް އާއްމުކޮށް ސިޔާސީ ހަރަކާތެއް ކުރިޔަށް ދާ ސަރަހައްދަކުން ހުރަސް އެޅުމުގެ ޖާގަ އާއި ފުރުސަތު ލިބިގެން ނުވާނެ ކަމަށެވެ. އެހެންވެ، ރޮޒެއިނާ ގޮވާލީ އެހެން މަގެއް ވެސް ބޭނުން ކުރެވެން އޮއްވައި މުޒާހަރާ ކުރިޔަށް ގެންދިޔަ ބައިވެރިންގެ ތެރެއަށް ރައީސްގެ ކާރުކޮޅު ވަދެގެން ދިއުމަށް ފުރުސަތު ފަހިވީ ގޮތެއް ހޯދުމަށެވެ.

ހައި ސެކިއުރިޓީ ފޯރުކޮށް ދޭން ޖެހޭ، އަދި އެކަމުގެ އުސޫލާއި ގަވައިދު ލިޔެފައި ވަނިކޮށް ސެކިއުރިޓީގެ މައްސަލައެއް ދިމާވި މިއީ ދެވަނަ ފަހަރުކަން ފާހަގަކޮށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ މާލޭގެ މަޖީދީ މަގުގައި އައިއީޑީއެއް ގޮއްވާލައި ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ. އެހެންކަމުން، ސެކިއުރިޓީ އާއި ގުޅޭގޮތުން ދިމާވަމުން މިދާ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އިލްޔާސް ގޮވާލި އެވެ.

ކުރިން ހިނގި ހާދިސާގެ މައްޗަށް، 241 ކޮމިޓީން ރެކަމެންޑޭޝަން ރިޕޯޓެއް އެކުލަވާލާފައިވާއިރު މިފަދަ ހާދިސާތައް ތަކުރާރު ވުމަކީ ކަންބޮޑުވުމެއްކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ މިއީ ގަވައިދުތައް ތަންފީޒު ނުކުރުމުގެ ނަތީޖާ ކަމަށެވެ.

އިލްޔާސް ތަކުރާރުކޮށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ނުރައްކާވެދާނެ އެއްވެސް ހާލަތަކެއް އުފެދުމުގެ ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި މިއީ އެއްވެސް ހާލަތެއްގައި އާދައިގެ ގޮތަކަށް ނަގަން ޖެހޭ މައްސަލައެއް ނޫންކަން އިލްޔާސް ފާހަގަކުރެއްވި އެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ، އެއްވުމެއްގެ ތެރެއަށް ރައީސްގެ ކާރުކޮޅު ވަނުމަށް ފަހު އެތަން އެއްކޮށް ކްލިއާ ނުކުރެވި އެތައް ވަގުތެއް ހޭދަ ކުރުމަށް ފަހު ވެހިކަލް އެނބުރި ދާން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ނިޔާޒް ވިދާޅުވީ، ކާރަށް ކުރިޔަށް ނުދެވި 15 މިނެޓު ހޭދަ ކުރަން ޖެހޭހާ ބަޔަކު އެއްވުމުގައި ނެތް ކަމަށެވެ. މި މައްސަލަ ތަފްސީލުކޮށް ބެލުމަށް ތަކުރާރުކޮށް، ގޮވާލައި ނިޔާޒް ވިދާޅުވީ ރައީސްގެ ކާރަށް އެފަދަ ހުރަހެއް އެޅެން ޖެހޭވަރުގެ އެއްވުމެއް ވެސް އަދި ކާރު އަނބުރާލަން ޖެހޭ ވަރުގެ ހަރަކާތެއް ވެސް އެ ސަރަހައްދުގައި ކުރިޔަށް ނުދާ ކަމަށެވެ.

”ހުރިހާ މެމްބަރުން ވެސް ފާހަގަކުރި ފަދައިން ދައުލަތުގެ އެންމެ މަތީ ވެރިޔާ ގާނޫނުތަކުން އެބައެއްގެ ރައްކާތެރިކަން ކޮންމެހެން ވެސް ކަށަވަރުކޮށްދޭން ޖެހޭކަމަށް ބުނެފައި ތިބޭ ފަރާތްތަކުގެ ސެކިއުރިޓީ މިގޮތަށް ފެއިލްވެގެން ދާ ދިއުމަކީ ވަރަށް ދެރަކަމެއް.. އަޅުގަނޑަށް ފާހަގަވީ ކަމަކީ އެތަނަށް މޮޓޯކޭޑު ވަނުމަށް ފަހު.. އަނެއްކާވެސް އެތައް އިރެއް.. އަނބުރާލާފައި ރޫޓު ބަދަލުކޮށްފައި އަންނަން ޖެހުން މިއީ ވެސް ވަރަށް ބޮޑަށް ފާހަގަވާކަމެއް“ ނިޔާޒް

ނިޔާޒް ވިދާޅުވީ ގިނަ ސެކިއުރިޓީން ވެސް ތިއްބައި މިފަދަ ހާދިސާއެއް ހިނގުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، ސަލާމަތީ ހިދުމަތުގެ ބައެއް ދޯދިޔާ ސިޔާސަތުތަކުގެ ވާހަކަ ދެއްކުން އޭނާއަށް އުނދަގޫ ނަމަވެސް ފަހަކަށް އައިސް ތަކުރާރުވާ ފަރުވާކުޑަކަމުގެ މައްސަލަތައް ބަލަން ޖެހޭ ކަމަށެވެ.

މެމްބަރުންގެ ވާހަކަތަކަށް ތާއީދު ކުރައްވައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވީ ސެކިއުރިޓީއާއި ހަވާލުވެ ތިބި މުވައްސަސާތަކުން އެޅި ފިޔަވަޅުތަކާއި، އެވަގުތުން ފެށިގެން އަމަލު ކުރި ގޮތުގެ ތަފްސީލުތައް ހޯދަން ޖެހޭ ކަމަށެވެ.

”މި ހާދިސާ ހިނގުމަށް ފަހު ދެން ސެކިއުރިޓީ ސާވިސަސްއިން އަމަލު ކުރި ގޮތް ބަލާލުން މުހިންމު.. ދެން އޭގެ ތެރޭގައި ތަހުގީގު ފުލުހުން ކިހާ ސީރިއަސްކޮށް ކުރައްވާތޯ.. އެމްއެންޑީއެފާއި ފުލުހުން އިންސިޑެންޓަށް ފަހު ނިންމި ނިންމުންތަކަކީ، ކޮބައިތޯ އާއި އެ ނިންމުން ނިންމި ސަބަބު“ ނިޔާޒް

މިއަދުގެ ކޮމިޓީގައި ވަނީ ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި މުވައްސަސާތަކުން އަމަލު ކުރި ގޮތަކާއި އެ ހާލަތް މެދުވެރިވި ގޮތް ބެލުމަށް ހުރިހާ މެމްބަރުން އިއްތިފާގުން ފާސްކޮށްފަ އެވެ.

މީގެއިތުރުން މައްސަލައިގައި މުވައްސަސާތަކުން ކުރަމުން ދާ ތަހުގީގުގެ ރިޕޯޓު ހިއްސާ ކުރުމަށް ސިޓީ ފޮނުވުމަށް ވެސް ނިންމާފަ އެވެ.

އެމްޑީޕީގެ ގިނަ މެމްބަރުން ވެސް ދަނީ، މުޒާހަރާ ކުރިޔަށް ދިޔަ ވަގުތު ޕީޕީއެމް އޮފީސް ކުރިމަތިން ކާރު ދާން ޖެހުނު ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އަދި މިއީ ސީރިއަސް މައްސަލައެއްކަމާއި، ސެކިއުރިޓީގެ ފެއިލިއާއެއް ވޭތޯ ތަހުގީގު ކުރުމަށް ވެސް މެމްބަރުން ގޮވާލި އެވެ.

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ އެކި ވީޑިއޯތަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ތިބީ ޕާޓީގެ ދިދަތަކާއި އެކު ރައީސްގެ ކާރުކޮޅު ކުރިމަތީ އެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީންގެ ތެރެއިން ކާރު ކުރިމަތީން ފެންނަނީ ދެތިން އޮފިސަރުންނެވެ. އެވަގުތު ފުލުހުން ދިޔައީ، އެއްވުމުގައި ތިބި މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ގިނަ އަދަދެއްގެ އުޅަނދުތައް ދުއްވާ، އަދި ބަސް ސްޓޮޕެއް ވެސް ހުންނަ އެ މަގު ބްލޮކްވެ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހުނުއިރު ރައީސްގެ ކާރުކޮޅު އެންމެ ފަހުން ޖެހުނީ އަނބުރާލައި ބޮޑުތަކުރުފާނު މަގުން މާފަންނާއި ވީކޮޅަށް ދާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: