މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ ’ރައްކާ ކެމްޕެއިން (ފަހިރާސްތާ) ޕްރޮގްރާމް ފަށައިފިއެވެ.
މި ޕްރޮގްރާމް ފައްޓަވައިދެއްވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ.
ރައްކާ ކޭމްޕްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ރަމަޟާން މަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި ހައިވޭގެ ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބަލާފަައިވެ އެވެ. އެގޮތުން ހުއްޓުވި އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވި މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަ އަދި ރައްކާތެރި ހެލްމެޓު ހަދިޔާކޮށްފައިވެ އެވެ. ރަމަޟާން މަހުގެ ނިޔަލަށް މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
އެކްސިޑެންޓުވާ މީހާއަށް އެހީތެރިވާނެ ގޮތުގެ ސިނާރިއޯއެއް ރެޑް ކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެ އެވެ.
ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން، ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ފަހަކަށް އައިސް މަގުމަތީ އެކްސިޑެންޓްތައް ހިނގުން އާއްމުވެފައިވާއިރު ފުލުހުން ގެންދަނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ދޭތެރެ ދޭތެރެއިން ހިންގަމުންނެވެ.

