ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ތިބީ ސިޔާސީ ގޮތުން ނުތަނަވަސް ކަމެއްގައި ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވެއްޖެއެވެ.
ދަނޑުވެރިކަމުގެ ގަރާރަށް ބަހުސްކުރައްވަމުން އިސްމާއިލް ވިދާޅުވީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ގަރާރުތައް މަޖިލީހަށް ހުށަހަޅައި ބޮމުގެ ވާހަކަ ދެއްކުމުން އެކަން ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އަދި އެވާހަކަ ވިދާޅުވުމާއެކު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ނިޒާމީ ނުކުތާ އެއް ނަންގަވައި އެވާހަކަތަކަށް ރައްދު ދެއްވިއެވެ.
އިމްތިޔާޒް ވިދާޅުވީ ބޮމަކާއި ގަރާރަކާއި އެއް ހަމަ ނުކުރެވޭނެ ކަމަށާއި އެއީ ކުޑަކަމެއްގެ ގޮތުގައި އެވާހަކަ ދެއްކުން ކުށްވެރިކުރާ ކަމަށާއި ރައީސް ނަޝީދުގެ ހިމާޔަތަށް ގާނޫނީ ގޮތުން ދައުލަތުން ހަރަދު ކުރެވެން ޖެހޭނެ ކަމަށެވެ.
އެއާއެކު އިސްމާއިލް ވަނީ އެއީ ދެ ފެކްޝަނުގެ ތަފާތުކަން ކަމަށް ދޭހަވާފަދަ ގޮތަކަށް ވިދާޅުވެ އޭނާ ހުރީ ފުރިފައި ކަމަށާއި ނަމަވެސް ރައީސް ނަޝީދުގެ ފެކްޝަންގެ މެމްބަރުން ތިބީ ސިޔާސީ ގޮތުން ނުތަނަވަސް ކަމެއްގެ ތެރޭގައި ކަމަށެވެ.
މިއަދުގެ ސަރުކާރަކީ އޯގާތެރި ސަރުކާރެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހަކީ ވިސްނުންތެރި، ހިކުމަތްތެރި އޯގާތެރި ރައީސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން މިއަދު މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ބަލައިގަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއަދު އިދިކޮޅު ސިޔާސީވެރިންނަށް ހަޖަމު ނުވެގެން އުޅެނީ ކުރިއަށް އޮތް އިންތިހާބާ ހަމައަށް ވެސް ކެތް ނުކުރެވިގެން އުޅެނީ އެއްބުރުން ރައީސް ސާލިހް އިންތިހާބު ނަގާނެ ކަން ރައްޔިތުންނަށް އެނގޭތީކަމަށް އިސްމާއިލް ވިދާޅުވިއެވެ.
ސިޔާސީ ގޮތުން ހަލަބޮލިވާ ކޮންމެފަހަރަކު ބޮމެއްގެ ވާހަކަ ނަގާނެ. ސެކިއުރިޓީއެއްގެ ވާހަކަ ނަގާނެ. މިކަހަލަ ގަރާރުތަކެއްގެ ވާހަކަތައް އަންނާނެ. މިއީ މިހާރު ދިވެހިރައްޔިތުންނަށް އޮޅިފައޮތް ކަމެއް ނޫން. މި ދިވެހިރާއްޖޭގެ މާލިއްޔަތުން އެކަނި އިންސާނަކަށް 2008 ވަނަ އަހަރުން ފެށިގެން އެކަނި އިންސާނަކަށް އެންމެ ބޮޑު ހޭދައެއް ކުރާ އެކަކީ މަނިކުފާނު (ރައީސް ނަޝީދު) ދައުލަތުގެ ބަޖެޓުން ހޭދަ އެބަކުރޭ 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަނިކުފާނަށް ޓަކައި.
އިސްމާއިލް ރައީސް ނަޝީދަށް އެކަނި ދައުލަތުން ބައިމިލިއަނަށް ވުރެ ގިނަ ފައިސާ ހަރަދުކުރާ ކަމަށް ވިދާޅުވުމުން، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަޑީގައި ހުރެ ބޮމެއް ގޮއްވާލުމަށްފަހު އެކަމަށް ދައުލަތުން ކުރި ހަރަދު ބޮޑު ހަރަދެއްކަމަށް ބުނުމަކީ އިސްމާއިލް ގުރައިދޫ އަށް ގެންދަންޖެހޭ ކަމެއް ކަމަށެވެ.
އިބްރާޙިމް ރަޝީދުގެ ނިޒާމީ ނުކުތާއަށް ބާރުދެއްވައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ޖަރުމަނަށް ގެންދިޔައީ ޖަރުމަނު ސަރުކާރުގެ ހަރަދުގައި ކަމަށާއި އަދި ޖަރުމަނުގައި އެމަނިކުފާނަށް ބޭސްކުރީ ޖަރުމަނު ސަރުކާރުގެ ހަރަދުގައި ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އިނގިރޭސި ވިލާތުގައި ހުރި 3 ހަފްތާގައި ދިވެހި ސަރުކާރުން އެމަނިކުފާނުގެ ބޭސްފަރުވާއަށް ހަރަދުކޮށްފައިވާ ކަމަށެވެ.
ދެން އެވިދާޅުވާ ރުފިޔާތަކަކީ އެމްއެންޑީއެފަށް ކުރާ ހަރަދުގެ ވާހަކަ.
އިސްމާއިލް ތަކުރާރުކޮށްވެސް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ރައީސް ނަޝީދުގެ ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަމާއި އާއިލާގެ ހަރަދުތަކާއި ކާންބޯނެ ގޮތް ހޯދައިދެމުންދަނީ ދިވެހި ދައުލަތުން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ރަނގަޅު އަތޮޅަކަށް ނުކުރާ ހަރަދު ރައީސް ނަޝީދަށް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ.
އިސްމާއިލް ވިދާޅުވީ މިއަދުވެސް ރައީސް ނަޝީދު ކެތްނުވެގެން އުޅުއްވަނީ ވެރިކަމަށް ފެންބޮވައިގަނެގެން ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަން ކަމަށެވެ. އެހިސާބުން އަނެއްކާވެސް އިބްރާހިމް ރަޝީދުގެ ނިޒާމީ ނުކުތާ އެއް ނަންގަވައި ވިދާޅުވީ މެމްބަރު ވާހަކަ ދައްކާއިރު މަޖިލީހުގެ ރައީސް އަކީ މެމްބަރުން ކަނޑައަޅާ މީހެއްކަން އެނގެންޖެހޭނެ ކަމަށެވެ. އެގޮތުން އެ ރައީސް އަށް ދައުލަތުން ހަރަދުކުރަންޖެހޭނެ ކަމަށާއި ސަލާމަތާއި ރައްކާތެރިކަން ދޭންޖެހޭނެ ކަން އެނގެންޖެހޭނެ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވީ ދައުލަތުން ހަރަދު ކުރަންޖެހޭ ކަމާއި ކުރާކަން އޭނާ ދަނީ ރައީސް ނަޝީދަށް ހާމަކޮށްދެމުން ކަމަށެވެ. އިސްމާއިލް ވިދާޅުވީ އޭނާ އެއްފަހަރުވެސް ރައީސް ނަޝީދަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ނުޖެހޭނެ ކަމަށް ނުދަންނަވާ ކަަމަށެވެ.

