ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަކުރުބަލި އަދި ދިރިއުޅުމުގެ އާދަކާދައާއި ގުޅިގެން ދިވެހިރާއްޖޭގައި ފެންނަ ހިރާސްތައް

ޑައެބެޓިކްސް އެސޯސިއޭޝަނަށް 23 އަހަރު ފުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މި ތަފާސްހިސާބުތަކަކީ 2022 ވަނަ އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޑައިބިޓީސް ސޮސައިޓީ  އޮފް މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ހެލްތު އާއި ރަށްރަށުގެ ހެލްތު ސެންޓަރުތަކާއި، ހޮސްޕިޓަލްތައް ގުޅިގެން، ނޮވެމްބަރ 2022  އިން ފެށިގެން ޖެނުއަރީ 2023ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިޔަ ސްކްރީނިން ޕްރޮގްރާމްއިން ލިބުނު މައުލޫމާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ތަފާސްހިސާބުތަކެކެވެ.

މި ފުރުސަތުގައި ސްކްރީނިންގ ޕްރޮގްރާމްތައް ހިންގަން އެހީތެރިވެދެއްވި އެެންމެހައި ޑައިބިޓީސް އެޑިއުކޭޓަރުން، ނަރުހުންނާއި ޑޮކްޓަރުން، ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް އަދި މިނިސްޓްރީ އޮފް ހެލްތުއަށް، ޑައައިބިޓީސް ސޮސައިޓީގެ ފަރާތުން ފަށްފަށުން ޝުކުރު ދަންނަވާފައިވެއެވެ.

ސްކްރީނިންގ ޕްރޮގްރާމް ހިންގީ 16 އަހަރުން މަތީގެ އާބާދީގެ ހުރިހާ ދިވެހިންނަށް ހުޅުވާލައިގެންނެވެ. މިގޮތުން ޖުމްލަ 10،717 މީހުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ސްކްރީން ކުރެވިފައެވެ.

މިސްކްރީނިންގ ޕްރޮގްރާމްތައް ހިންގުމުގެ މަގްސަދަކީ،

  1. ހަކުރުބައްޔާ ބެހޭ ގޮތުން މައުލޫމާތު ދިނުން
  2. ޢާންމުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑީ ކޮން ބަޔަކަށްތޯ ބަލާ މަޢުލޫމާތު އެއްކުރުމާ އެކު ބަލިން ރައްކާތެރިވެވޭނެ ގޮތްތައް ކިޔައިދިނުން
  3. ސްކްރީނިންގ ޕްރޮގްރާމްގައި ހަކުރު ޗެކްކުރުމުގެ އިތުރުން، ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ހިރާސްތަކުގެ ތެރޭގައި ހިމެނޭ ހަށިގަނޑުގެ މިންތައް، ދިރިއުޅުމުގެ ވައްޓަފާޅި، އާއިލާގައި ބަލި ހުރި މިންވަރު އަދި ކުރިއްސުރެން ހުރި ބަލިތަކާ ބެހޭ ގޮތުން މައުލޫމާތު އެއްކުރެވުނެވެ. މިކަންތައް ޗެކްކުރުމުގައި ރިޢާޔަށްކުރެވިފައި ވާނީ ބައިނަލްއަގްވާމީ މިންގަނޑުތަކަށެވެ.

މިގޮތުން ޗެކްކުރި ވަކިވަކި ކަންތަކުގެ ތެރޭގައި ހަކުރު ޓެސްޓުކޮށްދިނުން، ލޭގެ ޕްރެޝަރ ބަލައިދިނުން، އެންތްރޮޕޯމެޓްރިކް މެޝާމަންޓްސް ނުވަތަ ހަށިގަނޑުގެ މިންތަކުގެ ތެރެއިން (ބީ.އެމް.އައި) އިސްކޮޅާއި ބަރުދަން ބަލައިދީ، އިސްކޮޅާ ގުޅުވައިގެން ބަރުދަން ހުންނަން ޖެހޭ މިންވަރު އަންގައިދިނުން، އުނަގަނޑުގެ ވަށަމިން ހުންނަ މިންވަރު ބަލައިދިނުން، ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު ދެނެގަނެވުނެވެ.

ގަވައިދުން ކަސްރަތުކުރާ މިންވަރު، ކެއުމުގެ އާދަކާދަތަކުގެ ތެރެއިން، ކައުމުގައި ތަރުކާރީ އާއި މޭވާ ހިމެނޭ މިންވަރު އަދި އެނާޖީ ޑްރިންކްސް އާއި ހަކުރު ގިނައިން އެކުލެވޭ އެހެން ބުއިންތައް ބޯ މިންވަރުގެ އިތުރުން ދުންފަތުގެ އިންސިއުމާލުކުރާ މިންވަރުގެ މައުލޫމާތު ވެސް ނެގިއެވެ. އާއިލާގައި ހަކުރުބަލި ހުރުން، މާބަނޑުއިރު ހަކުރު މައްޗަށް ދިއުން، ހަކުރުބަލި ކުރިއްސުރެން ހުރިތޯ އަދި ބައްޔަށް ކުރާ ފަރުވާ، ގައިންގަޔަށް ނާރާ އެހެން ބަލިތަކުގެ ތެރެއިން، ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ކޮލެސްޓްރޯލް މައްޗަށްދިއުން އަދި ހިތުގެ ލޭހޮޅިތަކުގެ ބައްޔެއް ކުރިއްސުރެން ހުރިތޯ ބެލުނެވެ. އަދި ހަކުރު ބަލިޖެހުމުގެ ފުރުސަތު ބޮޑު މިންވަރު ޗެކްކުރިއެވެ.

މިއަށް ފަހު ހަކުރުބައްޔާއި ގައިންގަޔަށް ނާރާ އެހެން ބަލިތަކުން ރައްކާތެރިވުމަށާއި ބަލިޖެހުމުގެ ފުރުސަތު ކުޑަ ކުރުމަށްޓަކައި، ކޮންމެ މީހެއްގެ ވެސް ހަށިގަނޑުގެ މިންތައް ބަހައްޓަންވީ މިންވަރު ވަކިވަކިން ކިޔައިދީ، އެކަން ހާސިލް ކުރަން ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަން ޖެހޭ ބަދަލުތަކާ ބެހޭ ގޮތުން އިރުޝާދު ދިނެވެ.

މިހާރުވެސް ހަކުރުބަލި ހުންނަ މީހުން ބަލި ކޮންޓްރޯލްކުރާށާއި ބަލީގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުން ރައްކާތެރިވާން ކަންތައް ކުރަންވީ ގޮތާ ބެހޭ ގޮތުން ވެސް އިރުޝާދު ދިނެވެ. ބައްޔާ އެކު އާދައިގެ ދިރިއުޅުމެއް އުޅޭނެ ގޮތްތައް ވެސް ކިޔައިދިނެވެ. މި އިރުޝާދު ދެއްވުމަށް ތިއްބެވީ ސިއްޙީ މާހިރުންނެވެ.

  1. ސްކްރީން ކުރި އާބާދީ.

މި ސްކްރީނިންގ ޕްރޮގްރާމް ހިންގީ ރާއްޖޭގެ ހުރިހާ ރަށެއްގައި، 16 އަހަރުން މަތީގެ އާބާދީގެ އެންމެންނަށް ހުޅުވާލައިގެންނެވެ. މި ތަފާސްހިސާބުތައް ނެރެވިފައިވާނީ 10،023 ދިވެހިންގެ މައުލޫމާތު ބޭނުންކޮށްގެނެވެ.

އެގޮތުން ސްކްރީނިންގ ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ ތެރެއިން 32 އިންސައްތަ މީހުންނަކީ ފިރިހެނުންނެވެ. އަންހެނުންގެ ނިސްބަތަކީ 68 އިންސައްތަ އެެވެ. މިހެން ކަމުން ސްކްރީންކުރެވުނު އާބާދީގެ 3/2 އަކީ އަންހެނުންނެވެ.

ސްކްރީންކުރެވުނު މީހުންގެ އުމުރުފުރައަށް ބަލާއިރު

  • 16-25 7 އިންސައްތަ
  • 26-35 4 އިންސައްތަ
  • 36-45 3 އިންސައްތަ
  • 46-55 19 އިންސައްތަ
  • 56-65 5 އިންސައްތަ
  • 66 އަހަރުން މަތި 5 އިންސައްތަ
  1. ސްކްރީން ކުރެވުނު މީހުންގެ ހަކުރުބަލީގެ ހާލަތު

މިސްކްރީނިންގ ޕްރޮގަރާމަކީ އެންމެންނަށް ހުޅުވާލައިގެން ބޭއްވި ހަރަކާތެއް ކަމުން ހަކުރުބަލީގެ މީހުން ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން ބައިވެރިވި މީހުންގެ ތެރެއިން 11.8 އިންސައްތަ މީހުންނަކީ ކުރިއްސުރެ ހަކުރުބަލި ހުންނަކަން އެނގޭ މީހުންނެވެ. އަދި 10.2 އިންސައްތަ މީހުން ހަކުރުބަލީގެ ހާލަތު ނޭނގޭ ކަމަށް ވަނީ ބުނެފައެވެ. ސްކްރީން ކުރި އަންހެނުންގެ ތެރެއިން ހަކުރުބަލި ހުރިކަން ކުރިން އެނގޭ ކަމަށް 12.1 އިންސައްތަ ބުނެފައިވާއިރު ފިރިހެނުންގެ ތެރެއިން ހަކުރުބަލި ހުންނަކަން އެނގޭ ކަމަށް ބުނެފައިވަނީ 11.4 އިންސައްތަ މީހުންނެވެ. ނިސްބަތުން ބަލާއިރު އަންހެނުންނަށް (%9.2) ވުރެން ބޮޑަށް ފިރިހެނުންނަށް (%12.1) ބަލީގެ ހާލަތު ނޭނގޭކަމަށް ފާހަގަކުރެވުނެވެ. މިކަމުން ވެސް ފިރިހެނުން މިފަދަ ސްކްރީނިންގ ޕްރޮގަރާމްތަކުގައި ބައިވެރިވުމުގެ މުހިންމުކަން ހާމަވިއެވެ.

  1. ހަކުރުބައްޔާއި ފަރުވާ
    ހަކުރުބަލި ހުރިކަން އެނގޭ މީހުންގެ ތެރެއިން ބޭސް ބޭނުންކުރާ ކަމަށް ބުނެފައިވަނީ 84.9 އިންސައްތަ މީހުންނެވެ. އަދި 7.4އިންސައްތަ މީހުން އިންސިއުލިން ބޭނުންކުރެއެވެ. ބަލި ހުރިކަން އެނގި ތިބެމެ 15.1 އިންސައްތަ މީހުން އެއްވެސް ބޭހެއް ބޭނުންނުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
  2. ހަކުރުބަލީގެ މީހުންގެ ތެރެއިން ބަލި ކޮންޓްރޯލްވެފައިވާކަަމަށް އަންދާޒާ ކުރެވޭވަރު

ހަކުރުބަލީގެ މީހުން ބަލި ކޮންޓްރޯލް ވެފައިވާ ކަމަށް ކަނޑައަޅާ އެއް މިންގަނޑަކީ ކައިގެން ހަކުރު ޓެސްޓްކުރާއިރު ހުންނަ މިންވަރު mg/dL 180 އަށް ވުރެން ދަށުގައި ހުރުމެވެ. މި މިންގަނޑުގެ ނިސްބަތުން އަންހެނުންގެ ތެރެއިން 27.5 އިންސައްތަ މީހުން އަދި ފިރިހެނުންގެ ތެރެއިން 32.4 އިންސައްތަ މީހުންގެ ހަކުރު ކޮންޓްރޯލް ނުކުރެވި ހުރިކަމަށް އަންދާޒާ ކުރެވުނެވެ. މީގެ އިތުރުން ހަކުރު އެންމެ ބޮޑަށް ކޮންޓްރޯލް ނުވެ ހުރީ ޒުވާން އުމުރު ފުރައިގެ މީހުންނެވެ. ހަކުރު ބައްޔަކީ ކޮންޓްރޯލް ނުކުރެވި ދިގު މުއްދަތަކަށް ހުރެއްޖެ ނަމަ އިތުރު މައްސަލަތަކެއް ދިމާވާ ބައްޔަކަށް ވާއިރު، މި މައްސަލަތަކުން ރައްކާތެރި ވުމަށް ޒުވާން އިރު ހަކުރު ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫން ނަމަ ހަކުރުބަލީގެ ސަބަބުން ޒުވާންއިރު ވެސް ކިޑްނީ ފެއިލްވެ، ލޯ އަނދިރިވެ، ހިތުގެ ބަލިތައް ޖެހި، ވާބަލި ޖެހުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ.

 

  1. ހަކުރު ހުރި މިންވަރު

ހަކުރުބަލި ނެތްކަމަށް ބުނި މީހުންގެ ތެރެއިން ޖުމްލަ ގޮތެއްގައި 11.5 އިންސައްތަ މީހުންގެ ހަކުރު ހުރީ mg/dL 140އަށް ވުރެ މަތީގައެވެ. އެއީ އަންހެނުންގެ ތެރެއިން 9.2 އިންސައްތަ އަދި ފިރިހެނުންގެ ތެރެއިން 16.2 އިންސައްތަ މީހުންނެވެ. މި ސްކްރީނިންގއިން ހަކުރު މަތީގައި ތިބި މީހުން ފާހަގަކޮށް، ހަކުރުބަލިކަން ޔަގީންކުރުމަށް އިތުރު ލެބޯޓަރީ ތަހުލީލުތައް ކުރަން ދިނެވެ. އުމުރުން 25 އަހަރުން ދަށުގެ 5.6އިންސަތަ ޒުވާނުންގެ ހަކުރު މަތިކަން ވެސް މި ތަފާސްހިސާބުތަކުން ފެނުނެވެ. އެހެންކަމުން އެއީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

 

  1. މާބަނޑުއިރު ހަކުރު މައްޗަށް ދިއުން

މާބަނޑުއިރު ހަކުރު މައްޗަށް ދިއުމަކީ އުމުރު މަތިވާ ވަރަކަށް ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ. ސްކްރީން ކުރި އަންހެނުންގެ ތެރެއިން 8.8 އިންސައްތަ މީހުން މާބަނޑުއިރު ހަކުރު މައްޗަށް ދިޔަކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. މާބަނޑުއިރު ހަކުރު މައްޗަށް ނުދާކަމަށް ބުނި އަންހެނުންގެ ތެރެއިން 13.7 އިންސައްތަ އަންހެނުންގެެ ހަކުރު މަތިކަމަށް ފާހަގަކުރެވުނު އިރު، މާބަނޑުއިރު ހަކުރު މައްޗަށް ދިޔަކަމަށް ބުނެފައިވާ އަންހެނުންގެ ތެރޭގައި އެ ނިސްބަތް 2 ގުނައަށް (27.8 އިންސައްތަ) މައްޗެވެ. މިގޮތުން އެމެރިކަން ޑައިބިޓީސް އެސޯސިއޭޝަން ރިކޮމެންޑް ކުރަނީ ވިހެއުމަށް ފަހު 4-12 ހަފްތާ ތެރޭ އަލުން ހަކުރު ޓެސްޓް ކުރުމަށް ފަހު، ކޮންމެ 1-3 އަހަރަކުން ޓެސްޓްކުރަމުން ދިއުމެވެ. އޭރުން ބަލީގެ ކުރީކޮޅު ބަލި ދަނެގަނެވި، ހަކުރުބަލީގެ ސަބަބުން ދިމާވާ އިތުރު މައްސަލަތަކުން ރައްކާތެރިވުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅަކަށް ވެގެން ދާނެއެވެ.

 

ހަށިގަނޑުގެ މިންތައް (އެންތްރޮޕޯމެޓްރިކް މެޝާމެންޓްސް)

ހަށިގަނޑުގެ މި މިންތަކަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުންނަން ވަކި މިންގަނޑުތަކެއްގެ ތެރޭގައި ބަަހައްޓަން ޖެހޭ މިންތަކެކެވެ. ހުންނަން ޖެހޭ މިންގަނޑުތަކަށް ވުރެން މަތީގައި ހުރެއްޖެނަމަ ހަކުރުބަލި އަދި މިނޫނަސް ގައިން ގަޔަށް ނާރާ އެހެން ބަލިތަކަށް މީހާ ހުށަހެޅި މިބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

  1. އިސްކޮޅާ ގުޅުވައިގެން ބަރުދަން ހުންނަން ޖެހޭ މިންވަރު (ބީ.އެމް.އައި)

ސްކްރީނިންގ ޕްރޮގްރާމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބަރުދަން ހުންނަން ޖެހޭ މިންގަނޑުގައި ހުރީ ހަމައެކަނި 16 އިންސައްތަ މީހުންނެވެ. މިގޮތުން އަންހެނުންގެ ތެރެއިންެ 82.6 އިންސައްތަ އަދި ފިރިހެނުންގެ ތެރެއިން 76.6 އިންސައްތަ މީހުންނަކީ ބަރުދަން ހުންނަން ޖެހޭ ވަރަށްވުރެން މަތީގައި ތިބި މީހުންނެވެ.

 

  1. ހަށިގަނޑުގައި ސަރުބީ ހުރި މިންވަރު (ބޮޑީ ފެޓް ޕަސެންޓޭޖް)

ސްްކްރީނިންގ ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ ތެރެއިން 84.9 އިންސައްތަ މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް ހުރީ މަތީގައެވެ. ވަކިވަކި އަތޮޅުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ބައެއް އަތޮޅުތަކުގެ އާބާދީގެ 90 އިންސައްތައަށް ވުރެން ގިނަ މީހުންގެ ބޮޑީ ފެޓް ޕަސެންޓޭޖް މަތީގައި ހުރުމަކީ ވަރަށް ނުރައްކާތެރި، އަދި މުސްތަގްބަލުގައި ގައިންގަޔަށް ނާރާ ބަލިތައް މިހާރަށްވުރެން ވެސް އިތުރުވެދާނެކަމުގެ ނިޝާނެކެވެ.

 

  1. އުނަގަނޑުގެ ވަށަމިން (ވެއިސްޓް ސާކަމްފަރެންސް)

އުނަގަނޑުގެ ވަށަމިނުން ރަމްޒުކޮށްދެނީ މެދުހަށީގެ ގުނަވަންތަކުގެ ވަށައިގެން ސަރުބީ ހުންނަ މިންވަރެވެ. މި މިންގަނޑު މަތީގައި ހުރުމަކީ ޓައިޕް 2 ހަކުރުބަލީގެ އިތުރުން ގައިންގަޔަށް ނާރާ އެހެން ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު މަތިވުމަށް ދިމާވާ ހިރާސްތަކުގެ ތެރެއިން ހިރާއްސެކެވެ. ބައިވެރިވި މީހުންގެ ތެރެއިން 79.3 އިންސައްތަ މީހުންގެ އުނަގަނޑުގެ ވަށަމިން ހުރީ ހުންނަން ޖެހޭ މިންގަނޑަށްވުރެން މަތީގައެވެ. ވަކިވަކިން ދެ ޖިންސަށް ބަލާއިރު އަންހެނުންގެ ތެރެއިން 84.1 އިންސައްތަ އަދި ފިރިހެނުންގެ ތެރެއިން 69.1 އިންސައްތަ މީހުންނަކީ އުނަގަނޑުގެ ވަށަމިން ހުންނަން ޖެހޭ ވަރަށްވުރެން މަތި މީހުންނެވެ.

 

  • އާއިލާގައި ހަކުރުބަލި ހުރުން

އާއިލާގައި ހަކުރުބަލި ހުރުން، ޚާއްސަ ގޮތެއްގައި އާއިލީ ގޮތުން އެންމެ ގާތް މީހުންގެ (މަންމަ، ބައްޕަ، އެއްބަނޑު އެއްބަފައި މީހުން އަދި އުފަން ދަރިން) ހަކުރުބަލި ހުރުމަކީ، މުސްތަގްބަލުގައި ޓައިޕް 2 ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމެކެވެ. މިގޮތުން ސްކްރީން ކުރި އާބާދީގެ ކޮންމެ 10 މީހަކުން 4 މީހެއްގެ އާއިލާގައި ހަކުރުބަލި ހުންނަ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

 

ދިރިއުޅުމުގެ ވައްޓަފާޅި

ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅުކޮށްގެން ހަކުރުބަލި އަދި ގައިން ގަޔަށް ނާރާ އެހެން ބަލިތަކުން ރައްކާތެރިވެވިދާނެއެވެ. މިހެންކަމުން ޒުވާން އިރުއްސުރެން ކެއުމުގެ ރަނގަޅު އާދަތައް އަށަގެންނެވުމާއި ގަވައިދުން ކަސްރަތުކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އަމަލުތަކުންް ދުރުހެލިވުމަކީ، އުމުރުން ދުވަސްވާ ވަރަކަށް މިފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކުރެވިގެންދާނެ ކަންކަމެވެ.

 

  1. ކަސްރަތު

ގަވައިދުން ކަސްރަތު ކުރުމަކީ ގައިންގަޔަށް ނާރާ ގިނަ ބަލިތަކަކުން މީހާ ރައްކާތެރިކޮށްދިނުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް ވެސް އެހާމެ މުހިންމު ކަމެކެވެ. ސްކްރީނިން ޕްރޮގްރާމްގައި ކަސްރަތުކުރާ ކަމަށް ބަލާފައި ވާނީ ހަފްތާއަކު މަދުވެގެން 3 ދުވަހު ކަސްރަތު ކުރާ ނަމައެވެ.
މިގޮތުން ސްކްރީން ކުރި މީހުންގެ ތެރެއިން ކަސްރަތުކުރާ ކަމަށް ބުނެފައިވަނީ 35.9 އިންސައްތަ މީހުންނެވެ. ޒުވާން އުމުރުފުރާތަކުގައި ވެސް ކަސްރަތު ކުރާކަމަށް ބުނެފައިވަނީ ހަމައެކަނި 3/1 މީހުންކަން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ.

 

  1. ކެއުމުގައި ތަރުކާރީ އާއި މޭވާ ބޭނުންކުރާ މިންވަރު

މިންހެޔޮ ކެއުމެއް ކެއުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމެވެ. ސްކްރީން ކުރި މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ތަރުކާރީ އާއި މޭވާ ބޭނުންކުރާ ކަމަށް ބުނެފައިވަނީ 40 އިންސައްތަ މީހުންނެވެ. މީގެ އިތުރުން، އުމުރުފުރައިގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދަދު ބޮޑަށް ދަށީ އުމުރު ދަށް ކެޓަގަރީތަކުގެކަން ވެސް ފާހަގަކުރެވުނެވެ.

  1. ގިނައިން ހަކުރު އެކުލެވޭ ބުއިންތައް ބޯ މިންވަރު
  2. އެނާޖީ ޑްރިންކްތައް ބޯ މިންވަރު

ގިނައިން ހަކުރު އެކުލެވޭ އަދި އެނާޖީ ޑްރިންކްތައް ބުއިމަކީ ބަރުދަން މަތިވާ ކަމެއްގެ އިތުރުން މިންހެޔޮ ކެއުމެއް ކާން ވެސް ހުރަސްއަޅާ ކަމެކެވެ. ސްކްރީނިންގ ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 45 އިންސައްތަ މީހުންނަކީ ހަކުރު ގިނައިން އެކުލެވޭ ބުއިންތައް، އަދި 19 އިންސައްތަ މީހުންނަކީ އެނާޖީ ޑްރިންކްސް ކޮންމެ މަހަކު ވެސް ބޯމީހުންނެވެ. މިގޮތުން އުމުރުފުރައަށް ބަލާއިރު އިންސައްތަ އެންމެ ގިނައީ 16 އަހަރާއި 25 އަހަރާ ދެމެދު އުމުރުފުރައިގައެވެ.

 

  1. ދުންފަތުގެ އިސްތިއުމާލުކުރުން

ސްކްރީނިންގ ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ 14.1އިންސައްތަ މީހުން މިހާރު ދުންފަތުގެ އިސްތިއުމާލު ކުރާކަމަށް ބުންޏެވެ. ގާތްގަނޑަކަށް ކޮންމެ 3 ފިރިހެނުންގެ ތެރެއިން 1 އަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހަކަށް ވާއިރު، ގާތްގަނޑަކަށް ކޮންމެ 10 އަންހެނަކުން 1އަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަކީ ގައިންގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ހިރާއްސެއްގެ އިތުރުން، ހަކުރުބައްޔާއި އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުގެ މީހުންނަށް، ބައްޔާ ގުޅިފައި ހުރި އިތުރު މައްސަލަތައް އަވަހަށް ދިމާވުމަށް ވެސް މެދުވެރިވާ ކަމެކެވެ.

 

ގައިންގަޔަށް ނާރާ ބަލިތަކުގެ މިހާރުގެ ހާލަތު

ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިން މި ސްކްރީނިންގގައި މައުލޫމާތު ނެގިފައިވާނީ ހަކުރުބަލީގެ އިތުރުން ލޭގެ ޕްރެޝަރު މައްޗަށް ދިއުން، ލޭގައި ކޮލެސްޓްރޯލް މައްޗަށް ދިއުން އަދި ހިތުގެ ލޭހޮޅީގެ ބަލިތަކަށް މިހާރުވެސް ފަރުވާ ކުރަމުންދާ މީހުންގެ ތަފާސްހިސާބުތަކެވެ.

  1. ހިތުގެ ލޭހޮޅީގެ ބަލިތައް
    މިސްކްރީނިންގ ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން 4.3 އިންސައްތަ މީހުންނަކީ މިހާރުވެސް ހިތުގެ ލޭހޮޅީގެ ބައްޔެއް ހުންނަ މީހުންކަމަށް ރިޕޯޓް ކޮށްފައި ވެއެވެ.

 

  1. ލޭގައި ކޮލެސްޓްރޯލް މައްޗަށް ދިއުން

ސްކްރީނިންގގައި ބައިވެރިވި މީހުންގެ ތެރެއިން 26.8 އިންސައްތަ މީހުން ކުރިއްސުރެން ވެސް ކޮލެސްޓްރޯލް މައްޗަށް ދާކަމަށް ރިޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން 25 އަހަރުން ދަށުގެ ބައިވެރިންގެ ކޮލެސްޓްރޯލް ވެސް މިހާރުވެސް މަތީގައި ހުރުމަކީ ކަންބޮޑުވާކަމެވެ. މިހެންކަމުން، ކޮލެސްޓްރޯލް މައްޗަށް ދިއުމުގެ ސަބަބުން ދިމާވާ ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ބަލިތައް ޒުވާން އުމުރުގައި ޖެހުމުގެ ފުރުސަތު ބޮޑެވެ.

 

  1. ލޭގެ ޕްރެޝަރ މައްޗަށް ދިިއުން (ހައިޕަރޓެންޝަން)
    9 އިންސައްތަ މީހުން ކުރިއްސުރެން ލޭގެ ޕްރަޝަރ މައްޗަށްދާ ކަމަށް ރިޕޯޓްކޮއްފައިވާކަމަށް ސްކްރީނިން ޕްރޮގްރާމްގެ ތަފާސް ހިސާބުތަކުން ވަނީ ދައްކާފައެވެ.
  2. ލޭގެ ޕްރެޝަރ ހުރި މިންވަރު

ސްކްރީން ކުރި މީހުންގެ ތެރެއިން، 64.9 އިންސައްތަ މީހުންގެ ލޭގެ ޕްރެޝަރ ހުރީ މަތީގައެވެ. މިއީ އަންހެނުންގެ 60.7 އިންސައްތަ އަދި ފިރިހެނުންގެ 73.7  އިންސައްތަ މީހުންނެވެ. ޕްރެޝަރ މަތީގައި ހުރި އާބާދީ ޑރ. އަށް ދައްކާ އަލުން ޕްރެޝަރ ޗެކްކުރާށާއި އިތުރު ތަހުލީލުތައް ކުރުމަށް އިރުޝާދު ދިނެވެ.

 

  1. ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު މިންވަރު

 

ސްކްރީނިންގ ޕްރޮގްރާމްގައި ބައިވެރިވި މީހުންގެ ތެރެއިން މި ފުރުސަތު ބޮޑު މިންވަރު ޗެކްކުރެވުނީ ކުރިން ހަކުރުބަލި ނެތްކަމަށް ރިޕޯޓް ކުރި މީހުންގެ އެެވެ. މިގޮތުން ސްކްރީން ކުރި މި އާބާދީގެ މުޅިއެކު 76.6 އިންސައްތަ މީހުންގެ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ތަފާސްހިސާބުތަކުން ދެއްކުމަކީ ނިހާޔަތަށް ކަންބޮޑުވުން އޮތް ކަމެކެވެ. ޒުވާން އުމުރުފުރާތަކުގައި ވެސް ހަކުރުބަލި ޖެހުމުގެ ފުުރުސަތު ވަރަށް ބޮޑުކަމަށް ފާހަގަކުރެވެ އެވެ،(އުމުރުން 16 އަހަރާއި 25 އަހަރާ ދެމެދު 13.6 އިންސައްތަ، އަދި 26 އަހަރާއި 35 އަހަރާއި ދެމެދު 59.8 އިންސައްތަ).

ފުރުސަތު ބޮޑު ކަމަށް ފެނުނު މީހުންގެ ތެރޭގައި ލޭގައި ހަކުރު ހުރި މިންވަރު، ހަކުރުބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ދެއްކި މީހުންނާ އަޅާބަލާއިރު 2 ގުނައަށް އިތުރުކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ބަލިޖެހުމުގެ ފުރުސަތު ކުޑަކުރަން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަވަސް ބަދަލުތަކެެއް ނުގެނެވިއްޖެ ނަމަ، ހަކުރުބަލި އަދި މިނޫނަސް ގައިންގަޔަށް ނާރާ އެހެން ބަލިތައް ރާއްޖޭގައި މުސްތަގްބަލުގައި އިންތިހާއަށް އިތުރުވެގެންދާނެއެވެ. އަދި މިހާރުވެސް ބާރުބޮޑުވެފައިވާ ރާއްޖޭގެ ސިއްޙީ ނިޒާމަށް އިތުރު ގޮންޖެހުންތަކަކާ ވެސް ކުރިމަތިލާން ޖެހޭނެއެވެ.

ރިކޮމެންޑޭޝަންސް

  1. އަތޮޅުތެރޭ ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުން
  2. އަތޮޅުތެރޭ އެކުލަވާލެވިފައިވާ ގައިންގަޔަށް ނާރާ ބަލިތަކުގެ ކްލިނިކްތައް އިތުރަށް ހަރުދަނާކުރުން
  3. ޑައިޓީޝަނުން ފަދަ އެލައިޑް ހެލްތު ފްރޮފެޝަނަލްސްއަށް އާސަންދައިގެ ދަށުން ޚިދުމަށް ލިބޭނޭ ގޮތް ހަމަޖެހިގެންދިއުން
  4. ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދަށް ފަހު ގައިންގަޔަށް ނާރާ ބަލިތަކުގެ ބޭސް ސިޓީ އައުކުރުން
  5. ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ބޭނުންވާ ޚިދުމަތްތައް އާސަންދައިގެ ދަށުން ލިބިގެން ދިއުން
  6. ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް ފުރުސަތު ބޮޑު މީހުންނަށް ”ލައިފްސްޓައިލް އިންޓަވެންޝަން ޕްރޮގްރާމް“ ކުރިއަށް ގެންދިއުން
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: