މޮރިޝަސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ދިވެހި ދައުލަތުގެ ފަރާތުން ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ރިއްފަތު މަޖިލީހަށް ހާޒިރު ނުވެ ލިޔުމުން ޖަވާބުދާރީވެއްޖެއެވެ.
ބަންޑާރައިބު އިބްރާހިމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓީސް ފޮނުވާފައި ވަނީ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ ދަށުންނެވެ.
ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅުއްވާފައިވަނީ ދިވެހި ދައުލަތުގެ މަސްލަހަތު އިސް ކުރުމުގެ ބަދަލުގައި އެހެން ގައުމެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރެއްވިކަމަށް ބުނެއެވެ. އަދި ސިއްރު ޑީލެއްގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮރިޝަސްއަށް ވިއްކާލިކަމުގެ ތުހުމަތުގައެވެ.
މިއަދުގެ މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވީ ގާނޫނުން ލިބިދޭ ހައްގުން ރިއްފަތު ވަނީ ލިޔުމުން ޖަވާބުދާރީވެފައިކަމަށެވެ.
މި މައްސަލަ ހުށައެޅުއްވުމުގެ ފުރުސަތު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރަށް ދެއްވުމާއިއެކު ވިދާޅުވީ، ރިއްފަތު މަޖިލީހަށް ޖަޥާބުދާރީވުމަށް ވަޑައިނުގަތުން އެއީ ޑިމޮކްރަސީއާއި ވަރަށް ބީރައްޓެހި ސިފައެއްކަމަށެވެ.

