ޗައިނާގެ ޔިންޗުއާން ސިޓީގައި ހުންނަ ރެސްޓޯރެންޓެއްގައި ގޭސްލީކުވެ ގޮވުމުގެ ސަބަބުން 31 މީހަކު މަރުވެއްޖެއެވެ.
ޗައިނާގެ ޔިންޗުއާން ސިޓީގައި ހުންނަ ބާބިކިއު ރެސްޓޯރެންޓެއް ގޮވާފައިވަނީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ރެސްޓޯރެންޓު ގޮވުމަށް ދިމާވީ، އެ ތަނުގެ ތެރޭގައި ހުރި ގޭސް ބަންދުކުރެވިފައިވާ ޓޭންކަކުން ގޭސް ލީކުވުމުގެ ސަބަބުންނެވެ. ހާދިސާގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކުރާއިރު، ގިނަ އަދަދެއްގެ މީހުންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވެއެވެ.
އެގޮތުން އަނިޔާތައް ލިބުނު ހަތް މީހަކުގެ ތެރެއިން އެކަކުގެ ހާލަތުގޯސްކަމަށާއި، ބާކީ ހަ މީހަކަށް ފިހުމުގެ ސަބަބުންނާއި ބިއްލޫރިން ކެފުމުގެ ސަބަބުން ފަރުވާ ދެވިފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ރެސްޓޯރެންޓު ގޮވުމާއިއެކު، އެ ގައުމުގެ ކަމާއި ބެހޭ މުއައްސަސާތަކުންވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އެގޮތުން ޖުމުލަ 20 އުޅަނދެއްގައި 100 އަށްވުރެ ގިނަ މީހަކު ހަރަާކާތްތެރިވެފައިވާއިރު، އެ ރޭ 20:30 މި ހާދިސާއާއި ގުޅިގެން މީހުން ހޯދުމާއި ސަލާމަތްކުރުމަށް އަނެއް ދުވަހުގެ ފަތިހުގެ ވަގުތުތަކާއި ޖެހެންދެން މަސައްކަތްތައް ކުރިއަށް ގެންދިޔަކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.
ބައެއް ފަރާތްތަކުން ސޯޝަލްމީޑިއާއަށް ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެނިގެންދާގޮތުން، ރެސްޓޯރެންޓޫގެ އިމާރާތަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އެގޮތުން އަލިފާނުގެ ސަބަބުން ބޭރު އެއްކޮށް އަނދާ ކަޅުކުލައަށްވެފައިވާކަމަށާއި ވަށައިގެންވާ ސަރަހައްދުގައިވެސް ގޮވުމުގެ އަސަރުތައް ހުރިކަމަށް ފާހަގަކޮށްފައިވެއެވެ. މީޑިއާތަކުން ބުނެފައިވާގޮތުން، އަލިފާން ނިއްވުމުގެ މަސައްކަތްތައް ކުރި ފަރާތްތައް އިމާރާތަށް ވަދެފައިވަނީ ހަރުގަނޑެއް ބޭނުންކޮށްގެން ދެވަނަ ބުރިންނެވެ. އަދި އެމަޖެންސީ ވަސީލަތްތަކުގައި މީހުން އެތަނުން ބޭރުކުރިކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
ޔިންޗުއަން ސަރަހައްދުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވާގޮތުން، ގޮވުމުގެ ގަޑީރެއްހާއިރު ކުރިން އެ ރެސްޓޯރެންޓެއްގެ ދެ މުއައްޒިފަކަށް ގޭސް ވަސްދުވިކަން ތަހުގީގުތަކުން ދައްކައެވެ. އެގޮތުން ދެ މުއައްޒިފުންނަށް ޓޭންކުގެ ވޭލްވު ބިންމަތީގައި އޮތްތަން ފެނުނުކަމަށާއި އެހެންކަމުން އާ ވޭލްވެއް ގަތުމަށް އެހެން މުއައްޒިފަކު ފޮނުވިކަމަށް ބުނެފައިވާއިރު، ގޮވި ހާދިސާ ހިނގާފައިވަނީ އެ ވޭލްވު ބަދަލުކުރަން މަސައްކަތްތައް ކުރެވެމުންދަނިކޮށްކަމަށްވެސް ބަޔާނުގައިވެއެވެ.
އެ ގައުމުގެ ފުލުހުންވަނީ މައްސަލައާއި ގުޅިގެން 9 މީހަކު ހައްޔަރުކޮށް، މުދާތައް ހިފަހައްޓާފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ރެސްޓޯރެންޓުގެ މެނޭޖަރު އަދި މުއައްޒިފުންނާއި ޝެއަރހޯލްޑަރުންވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.
އެ ގައުމުގެ ރައީސް ޝީ ޖިން ޕިންގްވަނީ ހާދީސާއާއި ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. އަދި އެ ހާދިސާއިން އިބުރަތްތަކެއް ލިބިގެންދާނެކަމަށްވެސް ބުނެފައިވެއެވެ. އޭނާވަނީ އަނިޔާވެފައިވާ ފަރާތްތަކަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުން މުހިންމުކަމާއި މަރުވި ފަރާތްތަކުގެ އާއިލާއަށްވެސް ފަސޭހަކޮށްދިނުމަށް މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މައްސަލައާއި ގުޅޭ ތަފްސީލުތައް ދެނެގަނެ އެފަދަ ކަންކަމުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށްވެސް އޭނާވަނީ ކަމާއި ބެހޭ ފަރާތްތަކަށް އިލްތިމާޒްކުރައްވާފައެވެ.

