އަރާމުކުރެއްވުމަށް އެއްވެސް ވަގުތެއް ހޭދަނުކުރައްވާ، އަބަދުވެސް ހަރަކާތްތެރިވާނީ ރައްޔިތުންގެ ހިދުމަތުގައިކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.
އިލްޔާސް ގެންދަވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. އަރިހުގައި ދަ ޑިމޮކްރެތްސްގެ ބާނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެގޮތުން ތ ތިމަރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ، ދަ ޑިމޮކްރެތްސްއިން ނިކުމެ އެތިބީ، 2008 ވަނަ އަހަރުގެ ކުރީގައި ނިކުމެ ފެއްޓެވި މަސައްކަތް ކޮޅެއްގައި ޖެއްސެވުމަށްކަމަށެވެ. 2008 ވަނަ އަހަރަށް އިޝާރާތްކުރައްވާ އިލްޔާސް ވިދާޅުވީ، އޭރު ރައީސް ނަޝީދުވެސް ނިކުމެވަޑައިގަތީ ފޮނި އުއްމީދުތަކަކާއިއެކުކަމަށެވެ. އަދި ވަރަށް ބޮޑެތި ގުރުބާނީތަކެއްވީކަމަށާއި، އޭރު އެ ކުރެއްވި ހިތްވަރާއި އަޒުމުގައި މިހާރު އެ މަސައްކަތްތައް އަނެއްކާ އަލުން ކުރުމަށް ތައްޔާރުކަމަށާއި، އެގޮތުން އެކަން ކާމިޔާބު ކުރައްވާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ސަރުކާރެއްގައި ޑިމޮކްރެޓްސްގެ ސަރުކާރެއްގައި ކުރާ މަސައްކަތްތައް ކުރާނީ ރަނގަޅަށް ޕްލޭން ކުރެވި ރާވާ އެއަށް ފައިސާ ހޯދާ، ބަޖެޓް ކުރެވި އިންތިޒާމް ވެގެން.
އިލްޔާސް ވިދާޅުވިއެވެ.
މި ސަރުކާރުން ތ އަތޮޅޫގައި މަޝްރޫއުތައް ނުހިންގާކަމަށް އިލްޔާސް ވިދާޅުވިއެވެ. ތ އަތޮޅު އިގްތިސާދީ ހަބަކަށްވާންޖެހޭއިރު، އެ އަތޮޅުގައި އޮތް އެއާޕޯޓް ތަރައްގީނުވާކަމަށް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓަށް ހަފްތާއަކު ޖައްސަނީ ދެ ފްލައިޓުކަމަށާއި، ރަންވޭއެއް އެޅުމުން ނުނިމޭނެކަމަށް ވިދާޅުވެ، އިލްޔާސް ވަނީ މި ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. މަގު ހެދުމުގެ މަޝްރޫއު ސަރުކާރުން ފެށި ނަމަވެސް މަސައްކަތްކުރިއަށްނުދާކަމަށާއި، އަދި އެއާޕޯޓެއް ހުރިއިރު، އެ އަތޮޅުގައި ރިސޯޓުތަކާއި، ސިޓީ ހޮޓާތައް ހިންގެން ޖެހޭކަމަށް ވިދާޅުވެ، އެކަންކަން ކުރެވޭނެ ފެންވަރުގެ މީހުން އެބަތިބިކަމުގެ ޔަގީންކަން އިލްޔާސް ދެއްވިއެވެ.
ކައުންސިލްތަކާއި މަޝްވަރާކޮށްގެން ބިން ހޯދައިގެން، އޭނާގެ ވެރިކަމެއްގައި މިކަންކަންކުރާނެކަމަށް އިލްޔާސް ވަނީ ވައުދުވެވަޑައިގެންފައެވެ. އަދި އެކަންކުރުމަށް ބޭނުންވާ ރައްޔިތުންނަށް ފައިސާ ފޯރުކޮށްދީ، އިތުރު މަގުތައްވެސް ފަހިކޮށްދޭނެކަމަށް އިލްޔާސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ގެސްޓް ހައިސް ހިންގުމަށް ބޭނުންވާ ފެސިލިޓީ ހަމަޖައްސައިދެއްވާނެކަމަށް ވިދާޅުވިއެވެ. ތ އަތޮޅުގައި ފަތުރުވެރިކަން ދިރުވުމަށްޓަކައި، ރިސޯޓުތައް ހިންގުމަށް ރަށްތައް ދޫކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
އޭނާގެ ވެރިކަމެއްގައި ހުރިހާ ވަގުތެއް ހާއްސަކުރާނީ ރައްޔިތުންގެ ހިދުމަތުގައިކަމަށް އިލްޔާސް ވިދާޅުވިއެވެ. އެގޮތުން އެންމެ ދުވަހެއްވެސް ޗުއްޓީ ނުނަންގަވާނެކަމަށާއި، ރޭގަނޑު ނުނިދާނެކަމަށް އިލްޔާސް ވިދާޅުވިއެވެ.

