ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒު އުޅެނީ ”ބޯވައެއްހެން“ ސިފަ ބަދަލުކުރަމުން: މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ފެނިގެންދަނީ ”ބޯވައެއްހެން ސިފަ ބަދަލުކުރައްވަމުން“ އުޅުއްވާ ބޭފުޅެއްގެ ގޮތަށްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާވަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މުއިއްޒު އަކީ ކޮން ބޭފުޅެއްތޯ ބައްލަވާލުން މުހިންމުކަމަށް ފާހަގަކުރައްވާފައެވެ. މާރިޔާ ވިދާޅުވީ، މުއިއްޒުއަކީ ޕީއެންސީ/ސަލަފް ކެންޑިޑޭޓުކަމަށެވެ. އޭނާ ވިދާޅުވީ، 2008 ވަނަ އަހަރުން 2010 ވަނަ އަހަރާއި ޖެހެންދެން މުއިއްޒު އެންމެ ފުރަތަމަ އުޅުއްވީ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައިކަމަށެވެ. އޭނާ ވިދާޅުވީ، 2010 ވަނަ އަހަރު މުއިއްޒު ވަޑައިގަތީ އަދާލަތަށްކަމަށެވެ. އަދި އެއަށްފަހު 2012 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާއި ޖެހެންދެން ގައުމީ އިއްތިހާދު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަތުމަށްފަހު 2013 ވަނަ އަހަރުގެ ތެރޭގައި ޕީޕީއެމްއަށް ވަޑައިގަތުމަށްފަހު ދާދި ފަހާއިޖެހެންދެންވެސް ހުންނެވީ އެ ޕާޓީގައިކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މުއިއްޒުއަށް މާލޭގެ މޭޔަރު ކަމާއި ހިސާބަށް ވާސިލުވެވުނީވެސް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރެއްގެ މަގާމު އަދާކުރައްވަމުންދަނިކޮށްކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބާއި ޖެހި ޕީއެންސީއިން ރިޔާސީ ކެންޑިޑޭޓެއް ނެރުމަށް ވޯޓެއް ނެގުމަށް ތައްޔާރުވުމުން 24 ގަޑިއިރު ތެރޭގައި ޕީޕީއެމް އިން ވަކިވެ މުއިއްޒު ޕީއެންސީއަށް ސޮއިކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ. މާރިޔާ ވިދާޅުވީ، 2023 ވަނަ އަހަރު ޕީއެންސީއަށް ވަޑައިގެން މިހާރު މުއިއްޒު އެ ހުންނެވީ އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންކަމަށެވެ.

މުއިއްޒުގެ ފަރާތުން އެފަދަ އިތުރު ކަންކަން ފާހަގަކުރެވެމުންދާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވިއިރު، މާލޭގެ ރަށްވެއްސެއްކަމަށް މުއިއްޒު ވިދާޅުވަމުންދިޔަކަމަށެވެ. މާރިޔާ ވިދާޅުވީ، މުއިއްޒުގެ މާލޭގެ ގޯތިގެދޮރުވެސް ހުރިކަމަށެވެ. އެހެންނަމަވެސް ކުރައްވަމުންދާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ވަށަފަރަށް ވަޑައިގެން އެ ރަށުގެ ބޭފުޅަކަށް މުއިއްޒުވެގެންދިޔަކަމަށާއި އަރުއްވާ ކޮންމެ ތަނަކަށް ވަޑައިގެންވެސް އެއީ އަމިއްލަ ރަށްކަމަށް ވިދާޅުވާކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. މާރިޔާ ވިދާޅުވީ، ދ އަތޮޅަށް ކުރެއްވި ޒިޔާރަތުގައި މުއިއްޒު އަނބިކަނބަލުންގެ ބައްޕަ ނިސްބަތްވާ ރަށަށް ވަޑައިގެންވެސް ހަމަ އަމިއްލަ ރަށް ގޮތުގައި ވިދާޅުވާކަމަށެވެ.

އޭނާ ވިދާޅުވީ، މުއިއްޒު ފެނިގެންދަނީ ވަޑައިގަންނަވާ ކޮންމެ ތަނަކުން ”ބޯވައެއްހެން ސިފަ ބަދަލުކުރައްވަމުން“ ވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައިކަމަށެވެ. މާރިޔާ ވިދާޅުވީ، މުއިއްޒުގެ އޮންނަނީ އެ އުސޫލުކަމަށެވެ. އެގޮތުން ކޮންމެ ތަނަކުންވެސް އަމިއްލަ ފައިދާއެއް ލިބިގެންދާނަމަ މުއިއްޒު ޕާޓީއަށް ނުބައްލަވާކަމަށް މާރިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މުއިއްޒު ނުކުމެވަޑައިގެން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށްޓަކައިކަމަށް ވިދާޅުވާކަމަށާއި އެހެންނަމަވެސް އެމަނިކުފާނު މިނިވަންކުރުމުގެ ވާހަކަ ދެއްކިި އިރު ވިދާޅުވީ، ”ގާނޫނީ ހަމަތަކުގެ މަތިން“ މިނިވަންކުރައްވާ ވާހަކަ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ، ޔާމީންއަކީ ކުށްވެރިއެއްކަމަށް ހުރިހާ ކޯޓުތަކުން ނިންމަމުންދާކަމަށެވެ. އެހެންކަމުން ގާނޫނީ ހަމަތަކުގެ ތެރެއިން މުއިއްޒުއަށް ޔާމީން މިނިވަންކުރެވޭނެ މަގެއް އޮތްތޯ މާރިޔާ ސުވާލު އުފެއްދެވިއެވެ. މާރިޔާ ވިދާޅުވީ، އެއްވެސް ގޮތެއް ނެތްކަމަށާއި ހުދު ރައީސް ޔާމީންއަށްވެސް އެކަން ސާފުވެވަޑައިގަންނަވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: