ކުރީގެ ސަރުކާރުން ބުނަމުން ދިޔައީ ރަށްރަށަށް ތަރައްގީ ގެނެސްދެވޭނީ އެރަށެއްގެ ކުޑަ ބޮޑު މިނަށް ބަލާފައިކަމަށް ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
2023 ގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ލ.މުންޑޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ސަރުކާރާއި މިސަރުކާރާއި އަޅައި ނުކިޔޭނެ ކަމަށެވެ. އޭރުގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ލ. އަތޮޅުގެ ކުދި ރަށްރަށް ވަނީ ބާކިވެފައިކަން ރައީސް ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނުގެ ސިޔާސަތު ތަފާތުކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކުޑަރަށެއް ބޮޑު ރަށެއް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މުންޑޫ އަކީ ކުޑައާބާދީއެއް އޮންނަ ރަށެއް ނަމަވެސް އެރަށަށް ވެސް އަސާސީ ހިދުމަތްތަށް ފޯރުކޮށްދެއްވާ އެރަށުގެ ރަތްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަކީ މިނިވަން ބަޔަކަށް ވާންޖޭހޭ ކަމަށެވެ. ހަމަހަމަ އުސޫލެއް ގާއިމު ކުރެވި ހުރިހާ ރައްޔިތުންނަށްވެސް އެ ހަމަހަމަ ފުރުސަތު ދޭންޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަޖުބޫރުކަމެއް ނެތި ދައުލަތުން ފޯރުކޮށްދޭން ޖެހޭ ހިދުމަތް ވެސް ރައްޔިތުންނަށް ފޯރުކޮށްދޭނަ ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިދުމަތް ތަށް ދިނުމުގައި ތަފާތުކުރުން ތަށް ނައްތާލަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު މުންޑޫއަކީ މީހުން ދިރިއުޅުނު ނަމަވެސް އެއްވެސް ދިރުމެއްނެތް ރަށެއްގޮތުގައި ވިދާޅުވެއްޖެއެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމާ ހަވާލުވެ މުންޑޫ އަށް އަސާސީ ހިދުމަތްތަށް ފޯރުކޮށްދެއްވާފަ ވާކަމަށް ވިދާޅުވިއެވެ. ރައީސް މުންޑޫއަށް ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި އެރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ހަދައިދެއްވާ ފަޅު ފުންކުރުމާއި، ޒުވާނުން ބޭނުންވެފައިވާ ފުޓުބޯޅާ ދަނޑާއި އަދި ވޯލީ ކޯޓު ގާއިމް ކުރުން ހިމެނެއެވެ.

