އެމްޑީޕީގެ މެމްބަރުންތަކެއް ޕީޕީއެމްއަށް ބަދަލުވުން އެކަށީގެންވާކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ކޮމިޓީތައް އެކުލަވާލުމާއިމެދު ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު އޮތް ހާލަތުގައި މަޖިލީސް ކޮމިޓީތައް އެކުލަވާލަން ގަސްތުކުރައްވާކަަމަށެވެ. އަދި އެއަށްފަހު ބަދަލު ގެންނަމުން ދިއުމަށްވެސް ގަސްތުކުރައްވާކަމަށާއި ގިނަ އަދަދެއްގެ ބަދަލުތައް އަވަސް އަވަހަށް އަންނަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރެޓުން އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލައި ލީޑަރެއް އައްޔަނުކޮށް އެކަން މަޖިލީހަށް އަންގާއިރު ދުވަސްތަކެއް ހިނގައިދާނެކަމަށެވެ. އެހެންނަމަވެސް ރަނގަޅު ގޮތަކީ މިހާރު އެ ކޮމިޓީތައް އެކުލަވާލުންކަމަށް ފެންނަކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، އެކަން ކުރެވެން އޮތް ގޮތަކަށް ކުރަން ފެންނަކަމަށާއި އެމްޑީޕީގެ އެތައް މެމްބަރުންނެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕީޕީއެމްއަށް ބަދަލުވުމަކީވެސް ވަރަށް އެކަށީގެންވާ ކަމެއްކަމަށެވެ. އެހެންނަމަވެސް ކޮމިޓީތައް ހެންގުން ބޭނުންތެރިކަމަށް ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

