ސެޕްޓެމްބަރ މަހުގެ 30 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ އޮބްޒާވަރުންނާއި، މޮނީޓަރުންނަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
2023 ސެޕްޓެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކޮށްފައިވާ އިޢުލާނާ ގުޅިގެން އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އިތުރުން ކޮމިޝަނަށް ހާޟިރުވެގެން އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ބަލައިގަނެވޭނެކަމަށް އީސީއިން ބުންޏެވެ.
ޝަރުތު:
- ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
- މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ -/1500ރ (ފަނަރަސަތޭކަ ރުފިޔާ) އުޖޫރައެއްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާއިރު، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ -/1200ރ (ބާރަސަތޭކަ ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ -/1000ރ (އެއް ހާސް ރުފިޔާ) އަދި ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ -/500ރ (ފަސް ސަތޭކަ ރުފިޔާ) އެވެ. އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސައިދެއެވެ. ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި -/100ރ (ސަތޭކަ ރުފިޔާ) ލިބޭނެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި -/300ރ (ތިންސަތޭކަ ރުފިޔާ) ލިބެއެވެ. މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ރިޔާސީ އިންތިޚާބު 2023 ގެ ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށްވުމަށް އެދޭ ފޯމު
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- ހާޟިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
- ވަނަވަރު
- ޕާސްޕޯޓް ސައިޒުގެ 1 ގަނޑު ފޮޓޯ
އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2023 ސެޕްޓެމްބަރު 5 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުމަށް އީސީއިން ވަނީ އެދިފައެވެ.

