ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) މެންބަރުންނަށް ނޭނގި އެ ޕާޓީން ވަކިކުރަމުންދާ ކަމަށް ބުނެ އެ ޕާޓީން ކުރާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކޮށްފިއެވެ.
އީސީން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ހުއްޓުމެއް ނެތި އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަލަ ކަމަށެވެ.
އެހެންކަމުން އެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކިއެކި އިދާރާތަކާއި ގުޅިގެން މަޝްވަރާކުރެވި، އެއިރެއްގެ ހާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާހީ ބަދަލުތައް ކޮމިޝަނުން ގެނެސްފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޕާޓީތަކުގެ މެންބަރޝިޕް ނިޒާމުގެ ތެރެއަށް ’އީ-ފާސް‘ ތައާރަފްކުރެވުމާއެކު، އެ ނިޒާމު ވެގެން ގޮސްފައިވަނީ އާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށް ކަމަށް އީސީގެ ބަޔާނުގައިވެއެވެ.
މިހާރު ގާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިހްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައި ކަމަށާއި ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމަކީ ހަމައެކަނި އެ ފަރާތަކާއި އެ ޕާޓީއަކާ ދެމެދުގައި ހިނގާ މުއާމަލާތެއް ކަމަށް އެ އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އީސީން ހާމަކުރި ގޮތުގައި، މިހާރު ގާއިމުކުރެވިފައިވާ ޒަމާނީ ނިޒާމަކީ ދެފުށް ފެންނަ، އިތުބާރު ހުރި ނިޒާމެކެވެ. އެ ނިޒާމުގެ ދަށުން ކޮންމެ މީހަކަށްވެސް ޕާޓީއަކަށް ވަދެވެނީ އަދި ވަކިވެވެނީ އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް ކަމަށްވާތީ، މިއީ އެއްވެސް އިތުރު ފަރާތެއްގެ ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައި ހިނގާ ކަމެއް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން، މީހަކަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ ކޮމިޝަނަށް ވެސް އަދި އެހެން އެއްވެސް ފަރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން މެންބާޝިޕް ނިޒާމާމެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދި އިތުބާރު ގެއްލޭ ގޮތަށް ޕީއެންއެފުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށް ބުނެ އެކަން އީސީން ވަނީ ކުށްވެރިކޮށްފައެވެ. އަދި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށާއި، ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ޕީއެންއެފްއިން 2،500 އެއްހާ މެންބަރުން ވަކިކޮށްފައިވާކަމުގެ ތުހުމަތާއެކު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އިއްޔެ ޕީއެންއެފްއިން ވަނީ ފުލުހަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.

