ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް އަލަށް ވައްދާ މެމްބަރުންނަށް ގުޅައި ބިރު ދައްކާ ޕީއެންސީގެ ފަރާތްތަކުން ބިރުގަންނަންޖެހޭނެ ކަމަށާއި، އެ މީހުންގެ ފަހަތުން އަދި އެތައް ބަޔަކު ދުވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޒާރު ދެއްވައިފިއެވެ.
ޕީއެންއެފްގެ ފްރަންޓް އޮފީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޕީއެންއެފްއަށް އީފާސް މެދުވެރުކޮށް ވައްދާ މީހުންގެ މައުލޫމާތު ވެސް އެ ދުވަހުން އެ ދުވަހަށް ޕީއެންސީއަށް ގޮސްގެން އެ މީހުން ޕީއެންސީއަށް ބަދަލުކޮށްލާ ކަމަށެވެ. އަދި އެ ޕާޓީއަށް ވަންނަ މީހުންނަށް އެކި ގޮތްގޮތުން ބިރު ދައްކައި ނުފޫޒުފޯރުވާކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
”އަޅުގަނޑުމެން މި އީފާހުން ވައްދާ މީހުން ހަމަ އެ ދުވަހުން އެ ދުވަހަށް ޕީއެންސީއަށް މިކަން ގޮސްގެން، އެބަ ބަދަލުކޮށްލައޭ، އީފާހުން ވައްދާފައި ހުރި މީހުން ވެސް. އެކިއެކި ނުފޫޒު އެބަ އާދޭ، އާއިލާގެ މިވެނި މީހަކު ލޯނެއް ނަގާފައި ނޫންހޭ އޮތީ. ދެން އޭނަ ވީ އަމިއްލައަށް އެކަމުގެ ބިރުގައި ބަދަލުވާން،“
ޕީއެންއެފްއަށް އަލަށް ވައްދާ މީހުންގެ މައުލޫމާތު ”ރިއަލްޓައިމްގައި“ އެހެން ޕާޓީއަކަށް ނުގޮސް، ޕީއެންސީއަށް ދާ ގޮތް އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް އާންމު ބަޔާނަކުން ނަމަވެސް ސާފުކޮށްދެއްވަން ރައީސް ޔާމީން ގޮވާލެއްވިއެވެ.
”އިލެކްޝަންސް ކޮޮމިޝަނުން އަޅުގަނޑުމެން ކައިރީ ވިދާޅުވެބައްލަވާ މިހާ ރަނގަޅަށް ކިހިނެއްތޯ ރިއަލް ޓައިމްގައި އަޅުގަނޑުމެންގެ ޕާޓީއަށް އީފާހުން ވަންނަ މީހުންގެ މައުލޫމާތު ޕީއެންސީއަށް މިދަނީ. އެހެން ޕާޓީއަކަށް ނުދެއޭ. ޕީއެންސީއަށް މިދަނީ ކިހިނެއްތޯ ސެކެޓްރީ ޖެނެރަލް އަޅުގަނޑުމެންނަށް އާންމު ބަޔާނެއްގައި ކިޔައިދޭންވީ ނޫންތޯ މިކަން.“
އިލެކްޝަންސްގެ ދަފްތަރުން އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް، ޕީއެންއެފްއަށް މެމްބަރަކު ވެއްދުމާއެކު އެ ދުވަހުން އެ ދުވަހަށް ދައުލަތުގެ އެކިއެކި ފަރާތްތަކުން އެ މީހަކަށް ގުޅައި ދުއްޕާންކުރާ ކަމަށާއި ޕީއެންއެފްއަށް ވައްދާ ފަރާތްތަކަށް ގުޅަނީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
އެގޮތަށް ގުޅައި ދުއްޕާންކުރާ މީހުންގެ ދަފްތަރެއް ގެންގުޅުއްވާކަމަށް ވިދާޅުވެ، އެ ފަރާތްތަކަށް ރައީސް ޔާމީން ވަނީ އިންޒާރެއް ދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ، އަބަދަކު އެ މީހުންނަށް ރައީސް މުއިއްޒާއެކު ނުތިބެވޭނެ ކަމަށާއި، އެ މީހުން ވެސް ބިރުގަންނަންޖެހޭނެ ކަމަށާއި ޕީއެންއެފްގެ މެމްބަރުން ފަހައި ދުވާ މީހުންގެ ފަހަތުން، އެތައް ބަޔަކު އަދި ފަހައި ދުވާނެ ކަމަށެވެ.
”އަޅުގަނޑުމެން އެ މީހުންނަށް މިދެނީ ވޯނިންއެއް. އަބަދަކު ކަލޭމެންނަށް މުއިއްޒާއެކު ނުތިބެވޭނެ. އެހެންވީމާ ހަނދާންކުރާތި އަޅުގަނޑުމެންގެ ޕާޓީއަށް ވަންނަ މީހުންގެ ފަހަތުން ތިހެން ދުވާކަމަށް ވަންޏާ ތިކަން ކުރާ މީހުން ބިރުގަންނަން ވާނެ، އެ މީހުންގެ ފަހަތުން އަދި އެތައް ބަޔަކު ދުވާނެ އެނގޭތޯ،“ ރައީސް ޔާމީން
ޕީއެންއެފްއިން 2،500 އެއްހާ މެންބަރުން ވަކިކޮށްފައިވާކަމުގެ ތުހުމަތާއެކު އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޝަކީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި އިއްޔެ ޕީއެންއެފްއިން ވަނީ ފުލުހަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ.
އެ ޕާޓީން ބުނާ ގޮތުގައި އެ 2500 މީހުން ގެ ތެރެއިން ބައެއް މީހުން ވަޒީފާގެ ބިރު ދައްކައިގެން ޕާޓީން ބޭރުކޮށްފައިވާއިރު، ބައެއް މީހުންނަށް ނޭނގި އެ މީހުން ޕާޓީން ވަކިކޮށްފައިވެއެވެ. ޕީއެންއެފްގެ ބައެއް މެމްބަރުން އެނގުމަކާ ނުލައި ޕާޓީން ވަކިކުރުމަށްފަހު، އެ މީހުންނަށް ނޭނގި ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށް ވެސް ޕީއެންއެފްއިން ވަނީ ތުހުމަތުކޮށްފައެވެ.

