ރާއްޖޭގައި ހިނގަމުންދާ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ވޯޓެއް އެންމެ ފުރަތަމަ ލެވިފައިވަނީ 2007 ވަނަ އަހަރުގައެވެ. ރައްޔިތުންގެ މެދުގައި ލެވުނު ފެންނަ ނުފެންނަ އެ ވޯޓާއި އެކު ރާއްޖޭގައި އޮންނަން ޖެހޭ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް ރައްޔިތުން ނިންމިއެވެ. އޭގެ ފަހުން ރިޔާސީ ނިޒާމަށް 12 އަހަރު ފާއިތުވެފައިވާ އިރު 19 ސެޕްޓެމްބަރު 2023 އަކީ އެ ނިޒާމާއި ގުޅޭގޮތުން އަނެއްކާވެސް ބޮޑު ނިންމުމެއް ނިންމާ ތާރީހުގެ ތެރެއަށް ވަދެގެން ދިޔަ ދުވަހެކެވެ.
އެގޮތުން ރައްޔިތުން މަޖުލީހަށް ނިޒާމާއި ބެހޭ ގާރާރެއް ހުށައަޅާ ވޯޓަށް އެހިއެވެ. އެ ވޯޓްގައި ފާސްވުމަށް ބޭނުންވާ އަދަދަށްވުރެ ގިނައިން ވޯޓްލާފައިވާތީ ގަރާރު ފާސްވެ، ބަލައިގެންފައެވެ. އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މި ގަރާރު ފުރަތަމަ މަޖުލީހަށް ހުށައެޅީ 13 ސެޕްޓަމަބަރު 2023 ގައެވެ. މި ގަރާރަށް ބަހުސްކޮށް، ވޯޓަށް އަހާ ބަރުލަމާނީ ނިޒާމަށް ގިނަ މެމްބަރުން ވޯޓް ދެއްވާފައިވާއިރު، މި ކަމާއި ގުޅޭ ގޮތުން ރައްޔިތުން ދަނީ، ސުވާލަކަށްފަހު ސުވާލެއް އުފައްދަމުންނެވެ.
ދެންވާނީ ކިހިނެތް؟ މިއީ މިއަދު ރައްޔިތުންގެ އެންމެ ބޮޑު ސުވާލެވެ.
ރިޔާސީ ނިޒާމަކާއި ބަރުލަމާނީ ނިޒާމެއްގެ ތަފާތު ގިނަ ރައްޔިތުން މިއަދު ދަނެއެވެ. އެ ރައްޔިތުންގެ ހެވާއި، މަންފަ އާއި، ލާބަ އެކުލެވިފައިވަނީ މި ބުނާ ނިޒާމުގެ ތެރެއިން ލިބިގަނެވޭ ބާރުތަކުގެ މައްޗަށެވެ. ބީރައްޓެހި ބަރުލަމާނީ ނިޒާމަށް ރައްޔިތުން އަދި ތިބީ ލޯ ނުހުޅުވިއެވެ. އެކަމުން ލިބޭނެ މޮޅަކާއި ގެއްލުމެއްގެ އަސަރު ނުދަނެއެވެ. އެހެންކަމުން މިފަދަ ނިޒާމެއް ރާއްޖެ އާއި އަރާ ހަމަކޮށް ދޮރޯށިން ވެއްދުމުގެ ކުރިން ނިޒާމުގެ އަސްލު އުސޫލުތައް ރައްޔިތުންނަށް އެގެންޖެހެއެވެ. ވާނުވާ އެގުން ވަރަށް މުހިންމެވެ. ރައްޔިތުން އެކަމަށް ހޭލުންތެރި ކުރުމަށް ވަގުތު ތަކެއްވެސް ބޭނުންވާނެ ކަންވެސް ޔަގީނެވެ.
ނަމަވެސް ފެންނަނީ ތެޅި ފޮޅިގަނެގެން ކަމެއް ނިންމުމަށް އަވަސް އަވަރުވާލެވޭތަނެވެ. ބޭނުމަކީ ވަގުތުގެ ބޭނުން ހިފުން ހެއްޔެވެ.؟ ނުވަތަ ރައްޔިތުންނަށް ކަމެއް އޮޅުން ފިލުވާލަލަ ދިނުން ހެއްޔެވެ.؟ 2007 ވަނަ އަހަރުގެ ވޯޓްގައިވެސް ފެނުނީ އަވަސް އަރުވާލާ ކަންކަން ނިންމަން އުޅުނުތަނެވެ. ވީ ކިހިނެއް ހެއްޔެވެ.؟ އަދިވެސް ރައްޔިތުން އެކަމަށް ރެޑީއެއްނޫނެވެ. ވާނުވާ އޮޅުން ފިލުވަދޭށެވެ. އެހެންނޫންނަމަ ވަގުތު ދޭށެވެ. މިއީ ރައްޔިތުންގެ ބަހެވެ. އެ ރައްޔިތުން ބުނަމުންދަނީ ރައްޔިތުންގެ ބާރު ކެނޑޭކަށް ބޭނުން ނުވާ ކަމަށެވެ. ނޫންނަމަ ވެރިން ރައްޔިތުމިހާގެ މަތިން ހަނދާން ނައްތާލާނެ ކަމަށެވެ. މިހާރުވެސް ފެންނަނީ އެ މަންޒަރު ކަމަށާއި، މަގާމުގެ ބޭނުމުގައި ތަށި ތެލި ދޮވެދިނުމަށް ފަހު ފިލާ ތަން ކަމަށެވެ.
މިކަން މިގޮތަށް އޮތް ނަމަވެސް ރައްތިތުންނަކީ ތިބޭ ބަޔެއްކަން ވެރިން ހަނދާނަށް އަންނަނީ އިންތިހާބުގެ ވަގުތުގައި ކަމުން، އެއީ ތިމަންނާމެންގެ ވަގުތޭ ބުނެ ވަގުތުގެ ބޭނުން އެރައްޔިތުން އެބަ ހިފައެވެ. ރައްޔިތުން މިއަދު ބުނަމުންދަނީ ބޭނުންވަނީ ރައްޔިތުމީހާ އަށް ފުރުސަތު ލިބޭ ނިޒާމެއް ކަމަށެވެ. ހޮޓާ ތަކާއި، ކޭފޭ ތަކާއި، މަގުމައްޗާއި، ޖޯލިތަކުންވެސް އަޑު ހަރުކޮށް ދަނީ މި ވާހަކަތައް ދެކެވެމުންނެވެ. ރިޔާސީ އިންތިހާބުގެ ވޯޓަށް ސިކުންތު ކޮޅަކަށް ވެފައިވަނިކޮށް، ފޯކަސް ގެއްލުވާލަނީތޯ، ބުނެ ސުވާލަކަށް ފަހު ސުވާލެއް އުފައްދަމުންނެވެ.
ރިޔާސީ ނިޒާމުގައި އޮންނަ ގޮތުން ފަސް އަހަރުގެ ދައުރެއް ނިންމާ ވެރިމީހާ ބަދަލު ކުރުމަށް ވޯޓެއް ނަގަން ޖެހެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު، އެ ވަގުތު މިއޮތީ ޖެހިފައެވެ. ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުގެ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓްވެސް ލާއިފިއެވެ. އެއްވެސް ކެންޑިޑޭޓަކަށް އެއްބުރުން ކާމިޔާބުވެފައިނުވާތީ ދެވަނަ ބުރަށް ވަނީ ދަތުރު ކޮށްފައެވެ. އެހެންކަމުން ދެވަނަބުރުގެ ކެމްޕޭނަށް ލިބުނީ 20 ދުވަހެވެ. ކުރީ އިންތިހާބުތަކާއި ހިލާފަށް މި އިންތިހާބުގައި ކޯލިޝަން ހެދުމުގެ ވިސްނުން ޕާޓީތަކުގައި ނެތެވެ.
އަދި އިންތިހާބުންވެސް ފެނިގެންދިޔައީ ވަޅޯ ކަމާއި ވަދުކަމެވެ. މި އިންތިހާބުވެގެން ދިޔައީ އެންމެ މަދު މީހުން ވޯޓްލީ އިންތިހާބަށެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު ނިސްބަތްވާ ޕާޓީ ދަ ޑިމޮކްރޭޓްސް އިންތިހާބުގައި ތިންވަނަޔަށް ވާދަކޮށްފައިވުމުން،އެ ޕާޓީން ބޮޑެތި ހުށައެޅުންތައް އެބަ ހުށައަޅައެވެ. އެ ޕާޓީން ކޯލިޝަން ބައިވެރިއަކަށް ވުމަށް، ޕީޕީއެމް/ޕީއެންސީ އަދި އެމްޑީޕީ އަށް ބޮޑެތި ޑިމާންޑް ތަކެއްދަނީ ކުރަމުންދާއިރު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށްވުރެ ކުރިން ބަރުލަމާނީ ވޯޓަކަށް ދިއުމަށް މިއީ ދަޑިމޮކްރޭޓްސްގެ އެންމެ ބޮޑު ޑިމާންޑެވެ.
އެ ޑިމާންޑް އެއްވެސް ޕާޓީ އަކުން ގަބޫލު ނުކޮށްފިނަމަ ، އެއްވެސް ޕާޓީ އަކާއި އެކު ކުރިއަށް ނުދާ ގޮތަށް ނިންމާނެ ކަމަށްވެސް އެ ޕާޓީންބުނެއެވެ.
މި ގޮތަށް ޑިމާންޑްތަކެއް ކުރެވިފައިވާއިރު، ހަތް އިންސައްތަ ވޯޓުގެ ނުފޫޒަށް ގަނޫނާއި ގަވާއިދަށް ލޮޅުން އެރުވުމަކީ، ވަލު ދޮރޮށިން ބަރުލަމާނީ ނިޒާމު ގެންނައުންތޯ ނުވަތަ އިންތިހާބަށް ފޯކަސް ގެއްލުވާލުންތޯ، ބުނެ ރައްޔިތުން ދަނީ ސުވާލަކަށްފަހު ސުވާލެއް އުފައްދަމުންނެވެ.
ބަރުލަމާނީ ނިޒާމަކީ ކޮބާ؟
ބަރުލަމާނީ ނިޒާމަކީ ސަރުކާރު ހިންގާ އެންމެ އިސްފަރާތާއި (ބޮޑުވަޒީރު) ޤާނޫނު ހަދާ މަޖިލީހުގެ އައުލަބިއްޔަތު ލިބިފައިވާ ޕާޓީއާއި އެކުވެ އެކުލަވާލާ ވެރިކަމުގެ ނިޒާމަކައް ކިޔާ ނަމެކެވެ. މި މި ނިޒާމު އެންމެ ފުރިހަމައަށް ގާއިމްވެފައިވާ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތު ހިމެނެއެވެ. އަދި މިނޫނަސް ވަރަށް ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއިއެކު މިނިޒާމު ދަށުން ހިންގައެވެ.
މި ނިޒާމަށް ވަކާލާތު ކުރާމިހުން ބުރަވާ ގޮތުގައި، ރާއްޖޭގައި މި ނިޒާމު ގާއިމު ކުރަން ޖެހޭ ސަބަބަކީ ރާއްޖޭގެ އިގްތިސާދު ފުޑިފައިވުމާއިއެކު އިގްތިސާދު ވަރުގަދަކުރުމެވެ. އަދި ކޮރަޕްޝަނުގެ މިންވަރު ކުޑަކޮށް ރައްޔިތުން އެދޭ ބަދަލު ހޯދުމެެވެ. ނަމަވެސް ކުރިއަރާފައިވާ ގައުމުތަކުގައި މި ނިޒާމު، ކާމިޔާބު ގޮތުގައި ހިނގަމުންދާ މައިގަނޑު ސަބަބަކީ އާބާދީ އިތުރުވުމާއި، ދެމެހެއްޓެނެވި ގޮތުގައި ތަރައްގީ ލިބެން ހުރުމެވެ.
ސުވާލައަކީ ދުނިޔޭގެ ގައުމު ތަކާއި އެއްގޮތަށް ރާއްޖޭގައި ދެމެހެއްޓެނެވި ގޮތުގައި ތަރައްގީ ލިބޭނެތޯއެވެ.

