50 މެމްބަރުންގެ ސޮޔާއި އެކު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ 49 މެމްބަރުންގެ ސޮއި ހިމެނޭހެން ހުށަހެޅި މި މައްސަލައިގައި ދެން ސޮއި ކުރައްވާފައި ވަނީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ.
މީޑިއާތަކާއި އެމްޑީޕީން ހިއްސާ ކުރި އެ ގަރާރުގައިވާ ގޮތުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމަށް އީވާ ވެސް ދަނީ ނުފޫޒު ފޯރުވައި ހުރަސް އަޅުއްވަމުންނެވެ. އަދި ހާއްސަކޮށް އީވާގެ އަމިއްލަ މަސްލަހަތު ފުށުއަރާއިރު، އެކަމުގެ ސަބަބުން ވެސް ބޮޑެތި މައްސަލަތަކެއް އުފެދެމުން ދާކަން ގަރާރުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާއި ކަނޑައެޅިގެން ހިލާފަށް އީވާ މަސައްކަތް ކުރައްވާއިރު މިއީ ގަސްތުގައި ކުރައްވާ ކަންކަމުގެ ގޮތުގައި އެމްޑީޕީން ތުހުމަތު ކުރެއްވި އެވެ.

