ފަތުރުވެރިކަން ރާއްޖެއަށް ފެށިގެން އައިސްފައިވަނީ 1972 ވަނަ އަހަރު ތެރޭގައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 51 އަހަރު ފުރިފައިވާއިރު، މިއީ މިގައުމުގެ އިޤްތިޞާދު އެކަމެއްގެ މައްޗަށް ބަރޯސާވާ އެންމެ ބޮޑު އެއް ސިނާއަތްވެސްމެ އެވެ. ރާއްޖޭގެ ފަތުރުވެރިކަަމަށް އައި ހަމަ އެކަނި ހީނަރުކަމަކީ ކޮވިޑް 19 ގެ އާލަމީ ވަބާގެ ސަބަބުން ލިބުން ހީނަރުކަމެެކެވެ. އެހެން ނަމަވެސް މިކަމުން ރާއްޖެ އަރައިގަނެ، ހީވެސް ނުކުރާ ފަދަ ބޮޑު ކާމިޔާބީއެއް ދަނީ ހޯދަމުންކަން ފާހަކަކޮށްލަމެވެ.
ފަތުރުވެރިކަން ކުރިއަ އަރުވަން އެންމެ ބޮޑަށް މި ސިނާއަތަށް ބޭނުންވާ މުވައްޒަފުންނަކީ އެންމެ ބޮޑު ހިއްސާއަށްވާއިރު، އަލަށް އުފެދޭ ސަރުކާރު، ޑރ،މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކޮށްދޭވާނެކަމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު، ޓީ.ޖީ.އެސް.ޓީ 12 އިންސައްތައިން 16 އިންސައްތައަށް އިތުރުކުރެވިފައިވާއިރު، އެ އާމްދަނީއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ހީވާގި ދިވެހި މުވައްޒަފުންގެ ބޮޑު ޙިއްޞާއެއް އޮވެގެން ލިބެމުންދާ އާމްދަނީއެއްކަމުން، އެ މުވައްޒަފުންނަށް ޚާއްޞަ ރިޓަޔަރމަންޓް ޕެންޝަން ސްކީމެއް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.
އަދި ބައިނަލްއަޤްވާމީ ފެންވަރަށް ރާއްޖޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ކުރިއަރުވަން ޤާނޫނީ އޮނިގަނޑު އިޞްލާޙުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާއިރު، ރިސޯޓުތަކުގެ ސީނިއަރ މެނޭޖްމަންޓް މަޤާމުތަކުގައި ދިވެހި މުވައްޒަފުން އިތުރުކުރަން ރިސޯޓުތައް ހިންގާ ފަރާތްތަކަށް އިތުރަށް ބާރުއެޅުމަށާއި ސަރުކާރުގެ ސިޔާސަތުތައް މިގޮތައް ބައްޓަންކުރާނެކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފައެވެ.
ރާއްޖޭގައި މިހާރު ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަށް މިހާރު އެކަށައެޅިފައިވާ ޓެކްސްތައް ބޮޑުތަނުން ކުޑަކޮށް، އެވިފަޔާރިއަކީ މުޅި ރާއްޖޭގައިވެސް ބާރަށް ކުރިއަރައިގެންދާ ވިޔަފާރިއަކަށް ހަދައި ކުދި އަދި މެދު ފަންތީގެ ޒުވާން ވިޔަފާރިވެރިންނަށް ގެސްޓްހައުސް ވިޔަފާރިން ފައިދާވާނެގޮތަށް ނިޒާމު ބައްޓަންކުރައްވާނެކަމަށްވެސް ޑރ.މުއިއްޒުގެ މެނިފެސްޓޯގައިވަނީ ހިމަނުއްވާފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ ހީވާގި ދިވެހި މުވައްޒަފުންނަށް ޚާއްޞަ ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފުކޮށް، ސަރުކާރުން އެންމެ ފުރަތަމަ ހިންގާ ހައުސިންގ ސްކީމްތަކުގެ ތެރެއިން ގެދޮރުވެރިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށްވެސް ވަނީ ނިންމަވާފައެވެ.
ހަމަ އެއާއި އެކު، ދިވެހި ޓްރެވަލް އޭޖެންޓުން ކުރިއަރުވައި، އެފަރާތްތަކުން ދޭ ޚިދުމަތުގެ ފެންވަރު އެކަށައަޅައި، ބޭރުގެ ޓްރެވަލް އޭޖެންޓުން ރާއްޖޭގައި ރަޖިސްޓްރީކުރުން ރެގިއުލޭޓްކޮށް، އޮންލައިން ޓްރެވަލް އޭޖެންސީތަކާއިބެހޭ ޤަވާޢިދުތަކެއް އެކަށައެޅުމަށްޓަކައި ޓްރެވަލް އޭޖެންސީއާބެހޭ ޤާނޫނެއް ފާސްކުރުމަށްވެސް މެނިފެސްޓޯގައޮ ހިމަނާފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ ދެކުނާއި އުތުރުގައި، ގިނަ އަތޮޅުތަކެއް ހިމެނޭގޮތަށް، ފަތުރުވެރިކަމުގެ މަރުކަޒީ ސަރަޙައްދުތަކެއް ޤާއިމުކުރުމަށްވެސް ޑރ.މުއިއްޒުގެ ސަރުކާރުގައި މަސައްކަތްތައް ކުރުމަށް ވަނީ ނިންމަވާފައެވެ.
ރިސޯޓުތައް ތަރައްޤީކުރުމުގައި، ދިވެހި ޒުވާން މަސައްކަތްތެރިން އެންމެ މަތީ ފެންވަރުގެ ހުނަރާއި، ތަޢްލީމާ، ތަޖުރިބާ ހުރި، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިނިންގ، އެމް.އީ.ޕީ ކޮންސަލްޓަންސީ އަދި އެންޖިނިއަރިންގ، ކަރަންޓާއި ދެމެހެއްޓެނިވި ހަކަތަ، އެންޖިނިއަރިންގ އަދި އައި.ޓީ އާ ގުޅުންހުރި ދާއިރާތަކުން، ބޭރުގެ ކުންފުނިތަކަށް ފުރަތަމަ ފުރުޞަތު ދިނުން ހުއްޓުވުމަށް ޤަވާއިދުތަކެއް ހަދާ، ތަންފީޒުކުރާނެކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން ފަތުރުވެރިކަމަށް ރަށްތައް ދޫކުރުމުގައި މިހާރު ގެންގުޅޭ އުޞޫލު އިޞްލާޙުކޮށް، ވަންނަ އިންވެސްޓްމަންޓްގެ ބޮޑުމިނާއި އޭގެން މާލިއްޔަތަށާއި ސީދާ ރައްޔިތުންނަށް ކުރާނެ ނަފާއާއި ފައިދާއަށް ދެވޭ އަހަންމިއްޔަތަށް ބޮޑަށް ބުރަވެވޭނެފަދަ ހާމަކަންބޮޑު އާ އުޞޫލެއް ތަޢާރަފުކުރުން ހިމެނެއެވެ. އަދި ހަދަންފަށާ ނުނިމިވާ ރިސޯޓުތައް އަވަހަށް ނިންމާ، ހުޅުވަން ބޭނުންވާ ފައިސާ ހޯދުމަށް ސީދާ ސަރުކާރުން އިސްނަގައި، އެހީތެރިވެދީގެން، އާ ލުއިފަސޭހަ ޙައްލުތަކެއް ނެރެދިނުމަށް ވަނީ ނިންމާފައެވެ.
ޚާއްސަ ގޮތެއްގައި މެނިފެސްޓޯގައި ހިމަނާފައިވާ މަޝްރޫޢުތަކަށް ބަލާއިރު، ޕީ.ޕީ.އެމް އިން ފެށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އުންމީދީ، ބިޔަ މަޝްރޫއު ނިމުމާއެކު އިތުރުވާނެ ޑިމާންޑަށް ރިޢާޔަތްކޮށް، މާލެއާއި ހުޅުމާލޭގައި އިތުރު ޓްރާންސިޓް ހޮޓާތަކެއް އެޅުމަށް މަގުފަހިކޮށްދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
އަންހެނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ޑރ.މުއިއްޒު ވައުދުވެވަޑައިގެންފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ އަންހެނުން އިތުރު ކުރުމަށް، އެފަދަ ފުރުޞަތުތައް އިތުރަށް ފަސޭހަކޮށްދިނުމާއި، ވަޒީފާ ދޭ ފަރާތްތަކަށް އަންހެން މުވައްޒަފުން އިތުރު ކުރުމަށް ބާރުއެޅުމާ، އަންހެނުންނަށް އެކަށޭނަ، ރައްކާތެރި އަދި ފަސޭހަ ވަޒީފާގެ މާޙައުލެއް ޤާއިމުކުރަން ބާރުއެޅުމާ، ވަޒީފާގައި އަންހެނުން ދެމެހެއްޓުމަށް ބާރުއެޅުން ހިމެނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ދިވެހި މުވައްޒަފުންގެ މެދުގައި، މެންޑަރިން، ފްރެންޗް، ޖާރމަން، ރަޝިއަން އަދި ކޮރިއަން ފަދަ ބަސްބަހުން މުޢާމަލާތު ކުރުމުގެ ހުނަރު ދަސްކުރުމުގެ 1000 ފުރުޞަތު ފަހިކޮށްދިނޭނެކަމަށާއި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް އެޅޭ ބާރެއްގެ ގޮތިގައި، ”މޯލްޑިވިއަން“ އިން ފަތުރުވެރިންގެ އަތުން އެތެރޭގެ އުދުހުންތަކަށް މިހާރު ނަގަމުންދާ މިންވަރު މުރާޖަޢާކޮށް، ފަތުރުވެރިންގެ ޢަދަދު އިތުރުވާނެ މިންވަރެއްގައި ދެމެހެއްޓުމަށް ބާރު އަޅުއްވާނެކަމަށް ވައުދުވެވަޑައިގެންފައިވެއެވެ.
އަދި ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ވައިޑް ބޮޑީޑް އެއަރކްރާފްޓެއް ކުއްޔަށްގެނެސް ނޮންސްޓޮޕް ޑައިރެކްޓް ފްލައިޓްތައް ޗައިނާގެ މުހިންމު ޑެސްޓިނޭޝަންތަކާދެމެދު ފެށުންވެސް މެނިފެސްޓޯގައި ހިމެނެއެވެ.

