2024 ވަނަ އަހަރުގެ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީން ތާވަލުކޮށްފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މިއަދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހުށަހަޅުއްވަމުން ގެންދެވި ވަގުތު ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ އިހުތިޖާޖުކޮށް އަޑުގަދަކޮށްފަ އެވެ. އަދި އަމީރުއަށް ވެންޓިލޭޓަރު ވަގަށް ގޮވައި ވިދާޅުވަމުން ގެންދެވީ، ބަޖެޓު ހުށަހަޅަނީ ގަވައިދާއި ހިލާފަށްކަމަށާއި، ސިޔާސީ މަންފާއެއް ސަރުކާރަށް ހޯދައިދޭން ކުރާ މަސައްކަތުގެ މައްސަލަ ބެލޭނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ މެމްބަރުން އަޑުގަދަ ކުރަމުން ދަނިކޮށް ސަޕްލިމެންޓްރީ ބަޖެޓު ވެސް އަމީރު ވަނީ ހުށަހަޅުއްވާފަ އެވެ. އަދި ބަޖެޓާއި ގުޅޭގޮތުން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ، ވަގުތު ވެސް ނެތުމާއި އެކު މިއަދުން މިއަދަށް ކޮމިޓީގެ މަސައްކަތް ފެށުން މުހިންމު ކަމަށެވެ. އަދި ވީހާވެސް އަވަހަށް މަސައްކަތް ނިންމާލުމަށް، ކޮމިޓީތަކުން މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.
މިއަދުގެ މެންދުރަށް ބަޖެޓުގެ މަސައްކަތް ތާވަލުކޮށް، އެކަމުގެ މައުލޫމާތު މީޑިއާތަކާއި ވެސް ވަނީ ހިއްސާކޮށްފަ އެވެ. މިއަދުގެ ބައްދަލުވުމުގައި އޮންނާނީ ބަޖެޓު ކޮމިޓީއަށް މުގައްރިރާއި، ނައިބު މުގައްރިރު އައްޔަނު ކުރުމެވެ. އެއަށް ފަހު ކޮމިޓީގެ ހިންގާ ގަވައިދު ފާސްކޮށް، މަސައްކަތް ކުރިޔަށް ގެންދާނެ ގޮތް މަޝްވަރާކޮށް ގޮތެއް ކަނޑައަޅާނެ އެވެ.

