ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އައްޔަން ކުރައްވައިފިއެވެ.
ޝަހީބު ވަނީ ”ސަންގު“ އަށް މިކަން ކަށަވަރުކޮށްދެއްވާފައެވެ. ޝަހީބް ވިދާޅުވީ މަގާމުގެ ފަތްކޮޅު އަރުއްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރައީސް ޑރ މުއިއްޒުކަމަށެވެ.
1987 ވަނަ އަހަރު ސަރުކާރަށް ހިދުމަތް ކުރައްވަން ފައްޓަވާފައިވާ ޝަހީބު އެންމެ ފުރަތަމަ އަދާކުރެއްވީ، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެޓާޗޭގެ މަގާމެވެ. އެއަށްފަހު ޝަހީބް ދެން މަސައްކަތް ކުރައްވާފައިވަނީ ފޮރިން މިނިސްޓްރީގައެވެ.
ޝަހީބުއަކީ ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. 30 އަހަރަށް ވުރެ ގިނަ އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާއިރު، ޝަހީބް ވަނީ ނޫސްވެރިކަމުގެ ދާއިރާއިން 2004 ވަނަ އަހަރު ހަވީރުގެ ރަން ގަލަން އެވޯޑު އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން އެވޯޑު ހާސިލްކޮށްފައެވެ. އަދި ލިޔުންތެރިކަމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންނެވިއެވެ.
ޝަހީބް ވަނީ ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަން އަދާކުރައްވާފައެވެ. އެ މަގާމުން ޝަހީމް އިސްތިއުފާދެއްވީ 2019 އަހަރު ބްރޯޑްކޮމްގެ މެންބަރުކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
އޭނާ ވަނީ، ”ހަވީރު“ އަދި ”ސަން“ ގެ އިތުރުން ވީޓީވީއާއި ދައުލަތުގެ މީޑިއާގައިވެސް މަސައްކަތް ކުރައްވާފައެވެ.

