ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔަ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުކުރެވޭ ގޮތަށް ގަވައިދު ބަޔާން ކުރާ މާއްދާތަކަށް އިސްލާހު ގެނެސް އެ މަރުހަލާގެ ބައެއް ތަރުތީބުތަކަށް އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުމަށް ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.
ރައީސާއި ނައިބު ރައީސް ވަކިކުރުމާއި ބެހޭ މައްސަލައެއް ހުށަހަޅައި، އެ މަރުހަލާ ކުރިޔަށް ގެންދާނެ ގޮތް ބަޔާންކޮށްފައި ވަނީ ގަވައިދުގެ 41 ވަނަ ބާބުގަ އެވެ. އެއަށް ބަދަލު ގެނައުމަށް ހުށަހެޅީ ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމްގެ ހުށަހެޅުން ކޮމިޓީން ފާސްކޮށް، އަންނަ ހަފްތާގައި ތަޅުމަށް ހުށަހަޅައި ފާސްކުރާނެކަމަށް ބެލެވެ އެވެ.
ގަވައިދަށް ގެނައި އިސްލާހުތަކުގައި އަޒުލު ކުރުމުގެ ގަރާރެއް ހުށަހަޅައިފި ނަމަ މަޖިލީހުގެ ރައީސަށް މައްސަލަ ޕާކު ނުކުރެވޭ ގޮތަށް ނުވަތަ މައްސަލަ ހުއްޓުވާފައި ނުބޭއްވޭ ގޮތަށް ހަމަތަކާއި ތަރުތީބުތަކެއް ގެނައުން ހިމެނެ އެވެ. އެއީ ގަރާރު ލިބޭތާ ދެ ދުވަހުގެ ތެރޭގައި ނޯޓިސް ފޮނުވުމާއި، ނޯޓިސްގެ ތާރީހުން ފެށިގެން 14 ދުވަސް ދިނުމަށް ފަހު މައްސަލަ ކުރިޔަށް ގެންދިއުމުގެ ޖަލްސާއެއް ބޭއްވުން އަދި ބަހުސަށް ތިން ގަޑިއިރު ދިނުމަށް ފަހު ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓުގެ ވަގުތު ދިނުމެވެ.
ތުހުމަތުތަކުގެ ދިފާއަށް ތިން ވަކީލަކު ގެންދެވޭނެކަމަށް ގަވައިދު ބުނެ އެވެ. އަދި ގަރާރާއި މެދު މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރުމަށް ފަހު ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެ ނަމަ، ފޮނުވަން ޖެހޭނީ ކޮމިޓީއަށެވެ.
ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި، މައްސަލައިގައި ބަޔާންކޮށްފައިވާ ކަންކަމަކީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބަޔާންކުރާ ހާލަތްތަކުން ހާލަތަކަށް ފެތޭ މައްސަލައެއްތޯ ބެލުން ހިމެނެ އެވެ. އަދި އެކަމެއްގެ ހެކި ހުރިތޯ އާއި، ކޮމިޓީން މައްސަލަ ދިރާސާ ކުރާއިރު ވެސް ރައީސަށް ނުވަތަ ނައިބު ރައީސްއަށް ކޮމިޓީއަށް ހާޒިރުވެގެން ދިފާއުގައި ވާހަކަ ދެއްކެވުމުގެ ހައްގު އޮންނާނެ އެވެ.
(ހ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއް މެދުވެރިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރެވިދާނެއެވެ.
1. އިސްލާމްދީނުގެ އަޞްލަކާ ނުވަތަ ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން.
2. ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކުރުން.
3. ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޤާބިލްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށްފައިވާ ލިޔުމަކުންނެވެ.
(ނ) ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރުގައި ބަޔާންކޮށްފައިވާ މައްސަލަ ތަޙުޤީޤްކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކާ އެ މަޖިލީހުން ޙަވާލުކުރެވިދާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަޙުޘް ފެށުމުގެ މަދުވެގެން ސާދަ ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގާންވާނެއެވެ. އަދި އެ ބަޙުޘްގައި އަނގަބަހުންނާއި ލިޔުމުން އޭނާގެ ދިފާޢުގައި މަސައްކަތްކުރުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެއެވެ. އަދި ޤާނޫނީ ވަކީލުން ބޭނުންކުރުމުގެ ޙައްޤު ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ލިބިގެންވެއެވެ.
(ބ) ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ވަކިކުރުމަށް މި މާއްދާގެ (ށ) ގައިވާގޮތުގެ މަތީން ހުށަހަޅާ ޤަރާރެއް، ރައްޔިތުންގެ މަޖިލީހުން ފާސްވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުރި މީހަކު ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ހުރި މީހަކު އެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިނަމަ އެ މީހަކު މަޤާމުން ވަކިވީއެވެ.
(ޅ) ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޤާމުން ވަކިކުރުމުގައި ޢަމަލުކުރާންވީ ގޮތްތަކާއި އުޞޫލުތައް ތަފްޞީލްކޮށް އެނގޭނޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހިންގުމުގެ ޤަވާޢިދުގައި ކަނޑައަޅާންވާނެއެވެ.
މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ސޮޔާއި އެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭއިރު، ގަރާރަށް ބަހުސްކޮށް ނިމުމަށް ފަހު މައްސަލަ ލިބުމުން ރިޕޯޓު މަޖިލީހުގެ ރައީސަށް އެރުވުމަށް ކޮމިޓީން ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި ފަސް ދުވަހުގެ ތެރޭގައި ރިޕޯޓު ފޮނުވުމަށާއި، މަޖިލީހުގެ ރައީސަށް ރިޕޯޓު ލިބޭތާ ދެ ދުވަހުގެ ތެރޭގައި ރިޕޯޓާއި މެދު ގޮތެއް ނިންމުމުގެ ޖަލްސާ ބޭއްވުން ހިމެނެ އެވެ. އަދި ގަރާރުގައި ވާ މައްސަލައާއި އެއްގޮތަށް ކޮމިޓީން ރައީސް ނުވަތަ ނައިބު ރައީސް ވަކި ކުރުމަށް ނިމްމައިފި ނަމަ އެބޭފުޅުން ވަކިވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިންބައިކުޅަ ދެބައި ވޯޓުންނެވެ. ވޯޓުގެ ނުކުތާ އެއީ ކުރިން ވެސް ބަޔާންކޮށްފައިވާ ގޮތެވެ.
އިސްލާހުތަކާއި އެކު ދެން ގެނައި އަނެއް ބަދަލަކީ، އަޣުލަބިއްޔަތު ގުނުމާއި ގުޅޭ ބަދަލެވެ. އެގޮތަށް ބަދަލު ގެނެސްފައި ވަނީ އައު ސަރުކާރުގެ މަގާމުތަކަށް އައުމަށްޓަކާ، މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަތް ބޭފުޅަކު އިސްތިއުފާ ދެއްވުމުންނެވެ. އަދި ގަވައިދު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންނަކީ އެއީ އެވަގުތަކު މަޖިލީހުގައި ދެމިތިބި މެމްބަރުން ކަމަށެވެ. މެމްބަރުން ގުނުމުގައި ބަލާނީ 80 މެމްބަރުން ތިބި ކަމަށެވެ. މާނައަކީ އެ ބަދަލާއި އެކު ކަންކަން ފާސްކުރުމުގައި ބަލާ އަޣުލަބިއްޔަތަށް ބަދަލުތަކެއް އައިސް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރުމަށް 54 މެމްބަރުންގެ ވޯޓު ބޭނުންވުމެވެ. މީގެ ކުރިން ގަވައިދު އޮތް ގޮތުން އެކަމަށް ބޭނުން ވާނީ 58 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގައި މިވަގުތު އެމްޑީޕީގެ 56 މެމްބަރުން އެބަތިއްބެވެ.
މި ނިންމުމާއި ގުޅޭގޮތުން ފިޝަރީސް މިނިސްޓަރ އަދި ޕީޕިއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ އާންމު ކޮމިޓީން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާއި ކަނޑައެޅިގެން ހިލާފު ނިންމުމެއް ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅިފައި އޮންނާނީ، ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އުސޫލުންކަން ފާހަގަކުރެއްވި އެވެ. ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ޝިޔާމް ވިދާޅުވީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދަށް ރިއާޔަތްކޮށް ނިންމާ ނިންމުމުގެ އަދަދު އާންމު ކޮމިޓީން ނިންމާ އަދަދަކަށް ނިންމޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.
ކޮމިޓީގެ ނިންމުމަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެ، ސަރުކާރު ވެރިކަމަށް އައިތާ އަދި މަސް ދުވަސް ނުވަނީސް އެފަދަ ނިންމުން ނިންމުމަކީ ރަނގަޅު ކަމެއް ނޫންކަން ވަނީ ފާހަގަކޮށްފަ އެވެ.


4 Responses
19 ވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. އެޔަކަށް ބަދަލެއް ނާދެއެވެ. މެމްބަރަކު އިސްތިއުފާދިނުން އެއީ 19 ވަނަ ރައްޔިތުންގެ މަޖިލިސްހޮވުމަށް ކަނޑައެޅި އިންތިޚާބީ ދާއިރާތަކުގެ އަދަަދަށް ބަދަލު އަންނަންޖެހޭ ސަބަބެއް ނޫނެވެ. މިވަގުތު މެމްބަރުންގެ އަދަދަކީ 80 ކަނޑައަޅައިފިނަމަ އޭގެ މާނައަކީ އަސްތިއުފާދިން މެމްބަރުން ދާއިރާތައް މަޖިލީހުގައި ނުހިމެނެޔޭތަ؟ އެހެންކަމަށް ވަނީނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރާވޯޓްގައި އެދާއިރާގެ ރައްޔިތުން ބަސް ނުހިމެޔޭތަ؟
19 ވަނަ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ. އެޔަކަށް ބަދަލެއް ނާދެއެވެ. މެމްބަރަކު އިސްތިއުފާދިނުން އެއީ 19 ވަނަ ރައްޔިތުންގެ މަޖިލިސްހޮވުމަށް ކަނޑައެޅި އިންތިޚާބީ ދާއިރާތަކުގެ އަދަަދަށް ބަދަލު އަންނަންޖެހޭ ސަބަބެއް ނޫނެވެ. މިވަގުތު މެމްބަރުންގެ އަދަދަކީ 80 ކަނޑައަޅައިފިނަމަ އޭގެ މާނައަކީ އަސްތިއުފާދިން މެމްބަރުން ދާއިރާތައް މަޖިލީހުގައި ނުހިމެނެޔޭތަ؟ އެހެންކަމަށް ވަނީނަމަ ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރާވޯޓްގައި އެދާއިރާގެ ރައްޔިތުން ބަސް ނުހިމެޔޭތަ؟
ވެރިކަން ނުލިބުނީމަ މޮޔަވަނީ ތެޅިތެޅި ހުޅުބުދާނީ އިތުރު ކަމެއް ނުކުރެވޭނެއެވެ.
އެމްޱީޕީ ވެރިކަމުން ފޭބީމާ ގާނޫނުބަދަލްކުރަންވީދޯ އެހެންމީހުންވެސް ތިޔަމަޖިލިހަށް ދާނެކަން ހަދާންކުރާތި ތިޔަމީހުންއެކަނިނޫން މަޖިލިސް މެޖޯރެޓީ ލިބޭނީއަކީ.