ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން މިއަދު ކުރިޔަށް ގެންދިޔައިރު، ރައީސް މުއިއްޒު ވަނީ ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި ރާއްޖޭގައި މަސައްކަތް ކުރާ ސިޔާސީ ޕާޓީތަކާ ވެސް ދާދިފަހުން ބައްދަލު ކުރައްވާފަ އެވެ. ގައުމުގެ ހަމަޖެހުމާއި ގުޅުންހުރި ކަންކަމުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރިއިރު ލީޑަރުން ވަނީ ރައްޔިޔުންގެ މަންފާއަށް ކުރިޔަށް ގެންދާ މަޝްރޫއުތަކާއި، ޕްރޮޖެކްޓުތަކުގައި ސަރުކާރަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް މުއިއްޒު ބައްދަލު ކުރެއްވި ބޭފުޅުންގެ ތެރޭގައި މޯލްޑިވެސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ލީޑަރު، ދަނގެތި ދާއިރާގެ މެމްބަރު ކާނަލް މުހަައްމަދު ނާޒިމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އިތުރުން ޑިމޮކްރެޓްސް ޕާޓީގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ އިތުރުން އެމްއާރުއެމްގެ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ.
މީގެއިތުރުން ރައީސް ވަހީދާއި އެކު މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

