އަމީނީ މަގުގައި ތާރު އަޅައި މިއަދު އެއްކޮށް ނިމޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިައެވެ.
އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް ފެށީ ނިމިދިޔަ ސަރުކާރުންނެވެ. ވެރިކަން ބަދަލުވުމާ ހަމަޔަށްވެސް މުޅި މަގުގައި ތާރު އަޅާ ނުނިމެއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވެ އަމީނީމަގުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްގޮސް ރޭ ފަތިހު ވަނީ އެ މަގުގެ ބޮޑު ބައެއް ނިންމާފައެވެ. އާރްޑީސީގެ އޮފިޝަލަކު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މި މަސައްކަތުގައި ކުންފުނީގެ 30 އާއި 50 ދެމެދުގެ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާ ކަމަށާއި ތާރު އެޅުމަށްފަހު އޮންނަ އުސޫލަކީ 5 ނުވަތަ 7 ދުވަހުގެ ތެރޭގައި އާންމުންނަށް މަގު ހުޅުވާލުން ކަމަށެވެ.
އަމީނީމަގުގެ އެންމެ ފަހު ސެގްމެންޓް 12 އަދި 13 ހިމެނޭ ސަރަހައްދު ތަރައްގީކުރަމުން ދަނީ ކުރިން ނިމިފައިވާ ސެގްމެންޓުތަކަށް ވުރެ ފުޅާކޮށެވެ. މި ދެ ސެގްމެންޓްގައި ހަތަރު ލޭންގެ މަސައްކަތް ނިމޭއިރު އާންމުންނަށް ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ.
މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މަސައްކަތަކަކީ 1.79 ކިލޯމީޓަރު (މުޅި މަގު)ގައި ތާރު އެޅުމާއި، މަގުގެ ދުވާރު ހެދުމާއި، ލޯފަން ބޭފުޅުންނަށް ހާއްސަ ބްރައިލް ބްލޮކް ބެހެއްޓުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި (ފުރޮޅުލީގޮނޑި)ބޭނުން ކުރާ ފަރާތްތަކަށް ހާއްސަކޮށް ފަސޭހައިން އުޅެވޭނެ ގޮތްފަހިވެގެން ދިއުމެވެ. އަދި މަގުގެ ފެހިކަން ނުގެއްލޭނެ ކަމަށާއި ބަސްހުއްޓި، ޕާކިންގ ޒޯން، ބަމްޕަރުތަކާއި މަގުބައްތި އަދި މަގުމަތީގައި ނިޝާންތައް ފާހަގަވާނެ ކަމަށާއި ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ގެނައުމަށް ޕަމްޕް ބަހައްޓާނެ ކަމަށް އާރުޑީސީން ވަނީ މައުލޫމާތު ދީފައެވެ.
އަމީނީމަގުގެ ފަހު ބައިގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާއިރު އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ދަށުން އަޕްގްރޭޑް ކުރެވޭ ސްޓޯމް ވޯޓަރ ޕަމްޕްތަކުގެ އައުޓް ފްލޯ ހޮޅި އެޅުމާއި ޑީވޯޓަރިންގ އައުޓް ފްލޯ ހޮޅި އެޅުމަށް ބޮޑުތަކުރުފާނު މަގުގެ ތާރު ކަނޑައިގެން ކުރަން ޖެހޭ މަސައްކަތްތައް ވެސް މިހާރު ކުރަމުން އަންނަކަމަށް އާރްޑީސީން ވިދާޅުވިއެވެ.
އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ އަގަކީ 84.4 މިލިއަން ރުފިޔާ އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ.
އަމީނީ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ޕްލޭނިންގ މިނިސްޓްރީން އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 2022 އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެކަމަކު، އަމަލީ މަސައްކަތް ފެށީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

