ހައްލުކުރަން ވައުދުވެވަޑައިގެންފައިވާ ހުރިހާ މައްސަލަތަކުގެ ތެރެއިންވެސް ދިވެހި އެންމެ ގިނަ ރައްޔިތުންގެ އިޙްސާސްތަކާ ގުޅިފައިވާ އެންމެ ހިތްދަތި އެއް މައްސަލައަކީ ގޯތިގެދޮރުގެ ދަތިކަން ކަމަށް ވާއިރު އެއީ ފަރުވާއެއް ނުލިބި ޒަމާންތަކެއްވެފައިވާ ބޮޑު ފާރުގަނޑެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ގަބޫލުކުރާ ގޮތުގައި ގޯތިގެދޮރާ އަމިއްލަ ހިޔާވަހިކަން އެކަމަށް ބޭނުންޖެހިފައިވާ ކޮންމެ ރައްޔިތަކަށްމެ ލިބިދިނުމަކީ އިންސާނީ ޙައްގެއް ކަމަށާއި އަދި އަސާސީ ޙައްގެއް ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ދިވެހި ރައްޔިތުންނަށް ތަކުރާރުކޮށް ދެންނެވި ފަދައިން، ގައުމުގެ މިނިވަންކަމާ ގުޅޭ ކަންކަމަށްފަހު، އެންމެ އިސްކަމެއް ދޭނީ ގޯތިގެދޮރުގެ ދަތިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ހައްލުކޮށް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ އަމާޒަކީ 5 އަހަރުގެ މިދައުރުގައި އަމިއްލަ ހިޔާވަހިކަމުގެ ހައްގުން މަހްރޫމުވެފައި ހުރި އެއްވެސް ދިވެއްސަކު ނުހުންނާނެކަން ޔަގީންކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ ސަރަޙައްދުގައި ގުޅިފަޅާ ގިރާވަރުފަޅުން ހިއްކަން ކުރީން ކަނޑައަޅާފައިވާ ވަރަށް ވުރެ ބޮޑަށް އެތަން ހިއްކާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މާލެ ސަރަހައްދުގައި ހިޔާވަހިކަން ބޭނުންވެފައި ތިބި ހުރިހާ ރައްޔިތުންނަށް އެކަން ހަމަޖައްސައިދީ އަދި ގޯތިގެދޮރުގެ ދަތިކަމަށް ދާއިމީ ހައްލެއްގެ މަގު ފަހިކުރެވޭނީ ރަސްމާލެ މަޝްރޫއާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލެ ތަރައްގީ ވެގެންދާނީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ”ސޭފް އައިލެންޑް ސްޓޭންޑަރޑް“އަށް ކަމަށާއި އަދި ”ނެޓް ޒީރޯ ކާބަން އިކޯ ސިޓީ“އެއްގެ ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ފުރިހަމަ އެކްސެސިބިލިޓީ ލިބިދީފައިވާ ފަސޭހަ ސިޓީއެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރަސްމާލެއާއި، ގުޅީފަޅާއި، ގިރާވަރުފަޅުން އަދި ހުޅުމާލެއިން ހިއްކާ ސަރަހައްދުތަކުގެ މަގުތައް ހަދައި، އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ މަސައްކަތްވެސް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޯތި ލިބޭނެކަމުގެ ލިޔުމެއް ކުރީން ލިބިފައި އޮތް ކޮންމެ ރައްޔިތެއްގެ ހައްގު ލިއްބައިދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

