ތ. އަތޮޅުގައި ރިސޯޓުތައް އިތުރު ކުރުމުގެ މަސައްކަތް މިއަހަރު ފެށޭވަރު ވާނެ ކަަމށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސްގެ އޮފީހުން ކުރިޔަށް ގެންދާ “ރައީސްގެ ޖަވާބު” ސެގްމެންޓުގައި ތ.ވޭމަންޑޫއަށް ނިސްބަތްވާ ޒުވާނަކު ކުރި ސުވާލަށް ޖަވާބުދެއްވާ، ރައީސް ވިދާޅުވީ ޒުވާނުންނަށްށާއި އެކި އުމުރުފުރައިގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ގޮތްތަށް ފަހިކޮށްދިނުމަކީ ގެންގުޅުއްވާ ސިޔާސަތެއް ކަމަށެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް އިންޑަސްޓްރީ އިން އެކަން ކޮށްދިނުމަށް ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ތ. އަތޮޅުގައި ގާއިމްވެފައިވަނީ އެންމެ ރިސޯޓެއް ކަމަށާއި، އެހެންކަމުން އެ އަތޮޅަށް ގިނަ ރިސޯޓުތަކެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތ އަތޮޅަށް އެއާޕޯޓު ތައްވެސް އިތުރު ކުރައްވާނެ ކަމަށާއި އެގޮތުން ގުރައިދޫ އާއި ވިލުފުށީގައި އެއަރޕޯޓް އަޅައިދެއްވާނެ ކަމަށެވެ.
”ތިން އެއަރޕޯޓް އައުމުން ކަނެކްޓިވިޓީ އިތުރުވެގެން އެބަދޭ“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މުޅި އިގްތިސާދަށް ގެންނެސްދެއްވުމަށް މަސައްކަތްކުރައްވާ ކުރިއެރުމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެ އަންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދީ އޭގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެރަޕޯޓް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
”މި އަތޮޅަށް ވަރަށް ޔަގީން މިއަހަރުވެސް ފެށޭވަރުވާނެ، އަދި މި ފަސް އަހަރުގެ ތެރެއަށް ބަހާލައިގެން ހަމަ ގިނަ ރިސޯޓުތަކެއް އަތޮޅުގެ އެކި ހިސާބަށް، އެކި ދާއިރާތައް ކަވަރުވާގޮތަށް ގެނެސްދޭނަން“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ޒުވާނުންނަށް ރަށުގައި ތިބެގެން ކައިރި ރިސޯޓަކަށް ގޮސްގެން އާމްދަނީ ލިބޭނެ އަދި ވަޒީފާ އަދާކުރެވޭނެ ގޮތް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ޒުވާނުންނަށް ރިސޯޓުގައި މަސައްކަތްކޮށް އަމިއްލަ ރަށަށް ދެވޭނެ ގޮތަކަށް އެކި އަތޮޅުތަކުގެ ތެރޭގައި ރިސޯޓްތައް ގާއިމް ކުރުމަކީ އެމަނިކުފާނުގެ ވިސްނުންފުޅުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

