އަލި ރަސްގެފާނުގެ ޖިހާދު އަދުގެ ސިޔާސީ ފަރާތްތަކާ މުހާތަބުކޮށް ގޮވާލަނީ ބޭރުގެ ދަހިވެތި ބާރުތަކުގެ ފައިބުޑަށް ތިރިނުވުމަށާއި، ދިވެހިންގެ ސަލާމަތް ދިވެހިން ހޯދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ހޮތޯބުގައި ރައީސް މުއިއްޒު ވިދާޅުވީ، މީގެ 480 އަހަރު ކުރިން ދިވެހިންނާ ބައްދަލުކުރި ޝައުބާންގެ އެއްވަނަ ދުވަހަކީ ވަރަށް ބިރުވެރި ނާމާން ދުވަހެއްކަމަށާއި މިއީ އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަމުގެ ދިފާއުގައި ފޯޗިގީޒުންނާ ހަނގުރާމަ ކުރައްވައި އައްސުލްތާނު އަލީ ހަވަނަ ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން އަލިރަސްގެފާނު ޝަހީދުވި ދުވަސް ކަމަށެވެ.
އޭގެ އަހަރުތަކެއް ފަހުން ހިޖުރީ ގޮތުން 1400 ވަނަ އަހަރުން ފެށިގެން ޝަހީދުގެ ދުވަހުގެ ނަމުގައި ދިވެހި ސަރުކާރުން މި ދުވަސް ފާހަގަކުރަން ފެށިއިރު ރައީސް ވިދާޅުވީ މިއަދު މި ފާހަގަ ކުރަމުން ދަނީ ތާރީހުން ބަލާނަމަ 46 ވަނަ ޝަހީދުންގެ ދުވަސް ކަމަށެވެ.
ރައީސް ވިދާޅުވީ ޝަހީދުންގެ ދުވަސް ދިވެހިންނާ ބައްދަލު ކުރަނީ ވަރަށް މުހިންމު ގައުމީ އެތައް އަގުހުރި ފިލާވަޅުތަކާ އެކުކަމަށެވެ. އަދި އެ ފިލާވަޅުތައް ދޭހަކޮށް އިބުރަތް ހާސިލު ކުރުމަށްޓަކައި ތާރީހުގެ ފަތްފުއްތަށް ބަލަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ/
ރައީސް ވިދާޅުވީ މުޅި ހަނގުރާމައިގެ ހާދިސާގެ ފަސްމަންޒަރަށް ބެލުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ގައުމީ ވާޖިބެއްކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ.
އެއްފަރާތުން މި ފެންނަނީ، އަމިއްލަ އެދުން.. ދިވެހިން ދިވެހި ގައުމަށް ހިޔާނަތްވުން.. ހަމައެއާއި އެކު މި ފެންނަނީ ބޭރުގެ ބާރުތަކުން މަސައްކަތް ކުރާ ގޮތް.. އެ މީހުންގެ ހީލަތްތެރި ރޭވުންތައް.. ދިވެއްސެއްގެގެ އެދުމަށް، އެ މީހުން ރާއްޖެ އަޅުވެތިކޮށްފި.. ނަމަވެސް އޭނާއަށް އެ އެދޭ ބާރެއް ރަސްކަމެއް ހޯދައި ނުދިން.. ހަސަން ރަސްގެފާނު އެ މީހުންނަށްޓަކައި ދީން ވެސް ދޫކުރި… ނަސާރާއެއްގެ ގޮތުގައި ހުންނަވައި އެންމެ ފަހުން އިންޑިއާގައި އަވަހާރަވީ.. މާލެ ވަޑައިގެންނެވޭނެ ގޮތެއް ވެސް ޕޯޗުޖީޒުން ހަމަޖައްސައި ނުދިން..
ރައީސް ވިދާޅުވީ މިއަދު ފެންނަން އޮތް އަނެއް ހަގީގަތަކީ އަލިރަސްގެފާނުގެ އީމާނުގެ މަތިވެރިކަމާއި އެ ރަދުންގެ ގައުމަށް އޮތް ލޯބީގެ ފުންކަން ކަމަށެވެ. ހިތްވަރު ގަދަކަމާއި ދައުލަތަށް ހުރި ވަފާތެރިކަން ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި މެދު އެމަނިކުފާނުގެ ހިތުގައި އޮތް ކުލުނާއި އިހުލާސްތެރިކަން ކަމަށެވެ.
މި ހަނގުރާމައަށް އަލިރަސްގެފާނާއި، ލަޝްކަރު ފުރިހަމައަށް ތައްޔާރުވިއިރު ރައީސް ވިދާޅުވީ މާލޭގެ ބުރުޒުތަކަށް ބަޑިބޭހާއި ހަތިޔާރު ލެއްވިއިރު އެ މަސައްކަތް ކުރީ ދިވެހިން ކަމަށެވެ. ޕޯޗިގީޒުންގެ ފުރަތަމަ ހަމަލާތައް މާލޭގެ ބޭރުމަތީގައި ތިބެގެން ދިންއިރު އެ މީހުންނާއި ދެކޮޅަށް ދިވެހިން ވެސް ރައްދު ދެމުން ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރި އެވެ.
ރައީސް ވިދާޅުވީ ތާރީހުން ފެންނަން އޮތް ގޮތުން ހަނގުރާމަ ދިގުލައިގެން ދިޔަ މުއްދަތުގައި ޕޯޗިގީޒުން ވެސް އެ މީހުންނަށް މާލެ ނޭރުނުކަމަށް ނިންމި ކަމަށެވެ.
ރައީސް ވިދާޅުވީ އަލިރަސްގެފާނުގެ ޖިހާދު އަދުގެ ދިވެހީންނަށް ދޭ އެންމެ ބޮޑު އެއްފިލާވަޅަކީ މާތް الله ޙައްޤަށް ނަޞްރުދެއްވާނެކަންކަމަށެވެ. އަދި އެއީ ބިމުގެ ކުޑަ ކަމަކާއި އާބާދީގެ މަދުކަމަކާ ގުޅިފައި އޮންނަ ކަމެއް ނޫންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އަލިރަސްގެފާނުގެ އީމާންކަމުގެ މަތިވެރިކަމާއި، އެ ރަދުން ޤައުމާ މެދު އޮތް ލޯބީގެ ފުންކަމާއި، ހިތްވަރުފުޅު ގަދަކަމާއި، ދައުލަތަށް ހުރި ވަފާތެރިކަން ފާހަގަކުރައްވައި އެފަދަ ސިފަތައް އަށަގެންނެވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެ އިތުރުންވެސް ޝަހީދުންގެ ދުވަސް ބައްދަލުކުރަނީ މުހިންމު ޤައުމީ އެތައް ފިލާވަޅަކާއެކު ކަމަށާއި، އެ ފިލާވަޅުތަކުން ދޭހަކޮށްދޭ އިބުރަތްތައް ހާސިލުކުރުމަށްޓަކައި ތާރީޚުގެ ފަތްފުށްތައް ބަލަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު އެމަނިކުފާނު ވަނީ ތަފުޞީލީގޮތެއްގައި ތާރީޚުގެ ފަތްފުށްތަކުން ފެންނަ ހެކިތަކާއެކު އެއިން ލިބިދޭ ފިލާވަޅުތައް މިއަދުގެ ޚިޠާބުގައި ވިދާޅުވެދެއްވާފައެވެ.

