ދިވެހީންގެ ރާއްޖެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ތަސައްވުރާއި އެއްގޮތަށް ތަރައްގީ ކުރުމަށް ފުރިހަމަ ގާނޫނީ ބާރުވެރިކަން މިސަރުކާރަށް ދޭންޖެހޭ ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ވިދާޅުވެއްޖެއެވެ.
ލައްމާން ވިދާޅުވީ ގާނޫނީ ބާރުވެރިކަން މި ސަރުކާރަށް ދެވޭނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުރިހަމަ މެޖޯރިޓީ ލިބިގެން ކަމަށެވެ. އަދި ރައްޔިތުން އެދޭ ތަރައްގީ އާއި އިގްތިސާދީ ބާރާއި ކުރިއެރުން ހޯދުމަށް ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ލައްމާން ވަނީ އެދިފައެވެ.
ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވައުދުތައް ފުއްދުމަށްޓަކައި 200 އަށްވުރެ ގިނަ ގާނޫނު ފާސްކުރަން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ލިޔެވިފައި ހުންނާނެ ކަމަށާއި، އެއްވެސް އެއްޗެއް ފޮރުވާފައި ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މި ދައުރު ތެރޭ ވެސް މުހިއްމު ބިލުތަކެއް މަޖިލީހަށް ހުށަހަޅަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ބިމާއި ބެހޭ އާ ބިލަކާއި ބޯހިޔާވަހިކަމާއި ބެހޭ ހައްސަ ބިލެއްވެސް ހިމެނެއެވެ. ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވާ ކަންތައް ފުރިހަމަކޮށްދެވޭނީ، އެކަންކަން ކުރަން ބޭނުންވާ ގާނޫނުތައް ހަދަން ސަރުކާރުގެ ވިސްނުމުގައި ތިބި ބަޔަކު މަޖިލީހަށް ހޮވައިގެން ކަމަށެވެެ.

