ދައުލަތުން ކުރާ ވިޔަފާރިއަކީ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް، ހިތު ހުރި މިންވަރަކަށް ސިޔާސީ ވަޒީފާތައް ދޭން ހަދާ ތަންތަން ނުވަތަ ކުރާ ކަމަކަށް ވެގެން ނުވާނެކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާގައި އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ތެރޭގައި ވިޔަފާރިތަކާ ގުޅޭގޮތުން ކަން ހިނގާ ގޮތް ބަލާލުން މުހިންމުކަމަށް ދެކޭ ކަމަށެވެ. ވިޔަފާރިއެއްގެ އެންމެ މުހިންމު އަސާސަކީ ފައިދާއާއި ނަފާ ހޯދުންކަމަށްވުމާއި އެކު ދައުލަތުގެ ވެސް މަސައްކަތް ބައްޓަންވެފައި ހުންނަން ޖެހޭނީ ނަފާ ހޯދޭނެ ގޮތަށްކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ސަރުކާރުގެ ކުންފުނިތައް އެއީ ސިވިލް ސާވިސް ގާނޫނާއި ހިލާފަށް ސިޔާސީ ނިޔަތުގައި ވަޒީފާތައް އުފައްދާ މެޝިނެއްހެން އަމަލުކޮށްގެން ނުވާނެކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ ދައުލަތުން ކުރާ ވިޔަފާރިއަކީ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ޕްރޮކިއުމަންޓާއި ސަޕްލައި ހޯދައި އަދި ބޭނުންހާ ގޮތަކަށް ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާ ވަސީލަތެއްކަމަށް ދެކިގެން ނުވާނެ ކަމަށެވެ. އެކަމަކު ޒަމާނުއްސުރެ ފެށިގެން، ކުރަމުން އައި ކަމަކީ ޕްރައިވެޓް ސެކްޓާގެ އެފަދަ ވިޔަފާރިތަކަށް އުނދަގޫކޮށް ޖެއްސުން ކުރުންކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
ދައުލަތުން ކުރާ ވިޔަފާރިއަކީ ސިވިލް ސާވިސްގެ ގާނޫނާ ހިލާފަށް، ހިތު ހުރި މިންވަރަކަށް ސިޔާސީ ވަޒީފާތައް ދޭން ހަދާ ތަންތަން ނުވަތަ ކުރާ ކަމަކަށް ވެގެން ނުވާނެ.. ދައުލަތުން ކުރާ ވިޔަފާރިއަކީ މާލިއްޔަތުގެ ގާނޫނާ ހިލާފަށް ޕްރޮކިއުމަންޓާއި އަދި ސަޕްލައި ހޯދައި އަދި ބޭނުންހާ ގޮތަކަށް ދައުލަތުގެ ފައިސާ، ނަހަމަ ގޮތުގައި ބޭނުން ކުރަން.. ބޭނުން ކުރާ ވަސީލަތަކަށް ވެގެންނެއް ނުވާނެ.. އެހެން ނަމަވެސް ޒަމާނުއްސުރެ، ޒަމާންތަކެއް ވެއްޖެ މިކަން ހިނގާތާ.. ދައުލަތުގެ ވިޔަފާރިތައް.. ނަމުން ދައުލަތުގެ ވިޔަފާރި، ކަމުން ހަގީގަތުގައި މި ކުރާކަމަކީ ސިވިލް ސާވިސްގެ ގާނޫނަށް އަމަލު ނުކުރާން ވެގެން އަދި މާލިއްޔަތުގެ ގާނޫނަށް އަމަލު ނުކުރާން ވެގެން، ހިންގާ ޖަރީމާ ނުކިޔަން ވެގެން މި އުޅެނީ.. އެހެން ނަމަވެސް ހަގީގަތަކީ އެއީ ވިޔަފާރިތަކެއް ނޫން.. އެއީ ޕްރައިވެޓް ސެކްޓާގައި ހުރި ވިޔަފާރިތަކަށް އުނދަގޫ ކުރަން، ޖެއްސުން ކުރަން.. ހިނގޭ ތަންތަން ގޮތަށް އަޅުގަނޑަށް ފެންނަނީ..
އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ވިޔަފާރީގެ ނަމުގައި، އެތައް މަސައްކަތެއްގެ ތެރޭގައި ވިޔަފާރިތައް ސަރުކާރުން ހިންގަމުންދާ ކަމަށެވެ. އޭގެ ނަތީޖާއަކީ އަލީ ހުސެއިން ވިދާޅުވީ ޕްރައިވެޓް ސެކްޓަރ ދައުލަތާ ވާދަ ކުރަން ޖެހުން ކަމަށެވެ.
އެއީ ކޮންސްޓްރަކްޝަންގެ ދާއިރާ، ނުވަތަ ހޯލްސޭލްއާއި ބޭންކިން ނިޒާމު ނަމަވެސް ދައުލަތުން އެ ވިޔަފާރިތައް ކުރާއިރު ވެސް ލިބެނީ ގެއްލުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބާއި ނަތީޖާތައް ވެސް ސާފުކަމަށް ވިދާޅުވި އެވެ.
އެކަމަކު އެ ކުންފުންޏަށް ފައިދާއެއް ނުވޭ.. އަޖައިބެއް ކަހަލަކަމެއް..
މީގެއިތުރުން ދައުލަތުގެ ވިޔަފާރިތަކަށް ވުރެ، ޕްރައިވެޓް ސެކްޓާގެ ފަރާތުން ދޭ ހިދުމަތް ރަނގަޅުވެފައި އަގު ވެސް ހެޔޮކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. ދައުލަތުގެ ގިނަ ކުންފުނިތަކަކީ އެއީ އެއްވެސް މިންވަރެއްގެ ފައިދާ ނުވާ ކުންފުނިތަކަށްވާއިރު، މިކަންކަމާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

